
އިކޮނޮމިކް މިނިސްޓްރީން ބުނީ، މި ބަންދުކުރި ވިޔަފާރިތަކުގެ ތެރެއިން އެއްވެސް ވިޔަފާރިއެއް އަލުން ހުޅުވުމުގެ ފުރުސަތު ދޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމުން ކަމަށެވެ.
އެހެންކަމުން، އެޗްޕީއޭއާއި އެމްއެފްޑީއޭއިން ތަންފީޒްކުރަމުންދާ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ފާހަގަވާ ކަންކަން ފުރިހަމަ ކުރުމާއެކު، އެއްވެސް ޖޫރިމަނާއެއް ކުރެވިފައިވާނަމަ އެފައިސާ ދެއްކުމުން ނޫނީ ވިޔަފާރިތަކަށް އަލުން ހުޅުވުމުގެ ހުއްދަ ނުލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން އިސްވެ އޮވެ ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި މިހާތަނަށް 200 އަށްވުރެ ގިނަ ވިޔަފާރި ވަނީ ބަލައި ފާސްކޮށްފައި ވާއިރު، އެކަމަށްޓަކައި، ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ފުޅާދާއިރާއެއްގައި ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ހައްލު ކުރުމަށް، "ނެޝަނަލް ޓާސްކްފޯސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް"ގެ ނަމުގައި ހާއްސަ ޓާސްކްފޯހެއް ވެސް އެކުލަވާލާފައެވެ.
މި ޓާސްކްފޯސްއަކީ އިކޮނޮމިކް މިނިސްޓްރީން އާއި ހޯމް މިނިސްޓްރީގެ އިތުރުން ސަރުކާރުގެ ތަންފީޒީ އިދާރާތައް ކަމަށްވާ ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ހިމެނޭ ގޮތަށް އެކުލަވާފައިވާ ޓާސްކް ފޯހެކެވެ.
މިދިޔަ އަހަރުގެ ނޮވެންބަރ މަހު އެ ޓާސްކް ފޯހުގެ މަސައްކަތް ފަށާފައިވާއިރު، ނިމިދިޔަ ޖުލައި މަހުގެ ނިޔަލަށް އޮޕަރޭޝަންގެ ތެރެއިން 447 ވިޔަފާރިއަކާއި ގުޅޭ ޝަކުވާ ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
އެ ޝަކުވާތަކުގެ ތެރެއިން 247 ތަނެއް ބަލައި ފާސްކޮށް 107 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށާ، ވިޔަފާރިތަކުން ގަވާއިދާ އެއްގޮތަށް ކަންކަން ތަރުތީބު ކުރުމުން 68 ތަނެއް އަލުން ހުޅުވުމުގެ ހުއްދަ ދީފައިވާ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.




