
މިއަހަރުގެ ވޯލްޑް ކަޕަކީ ކޭޕް ވާޑޭއަށް ތާރީހީ މުބާރާތެކެވެ. ދުނިޔެއަށްހުރި ފިލާވަޅެކެވެ. ހިއްވަރާއި، ހުނަރާއި އެއްބައިވަންތަކަމުގެ ނަތީޖާ ދުނިޔެއަށް ސާބިތުކޮށްދީފައެވެ. އާބާދީ ކުޑަވުމާއި ވަސީލަތްތައް ނެތުމަކީ ކާމިޔާބީއަށް އޮތް ހުރަހެއް ނޫންކަން ދުނިޔެއަށް ދައްކާފައެވެ.
ކޭޕް ވާޑޭ ފުޓްބޯޅަ ޓީމު "ބްލޫ ޝާކްސް' އަކީ ވޯލްޑް ކަޕުގެ ނޮކްއައުޓް ސްޓޭޖަށް މިހާތަނަށް ދަތުރުކުރި އެންމެ ކުޑަ ގައުމެވެ. ވޯލްޑް ކަޕަށް ކޮލިފައިވި ދެވަނައަށް އެންމެ ކުޑަގައުމެވެ. ގްރޫޕް ސްޓޭޖުގައި ސްޕޭން، އުރުގުއޭ، ސައުދީ އަރަބިއާއާ ވާދަކޮށް ވަނީ ވޯލްޑް ކަޕުގެ ރައުންޑް އޮފް 32 އަށް ދަތުރުކޮށްފައެވެ. އަދި ނޮކްއައުޓް ސްޓޭޖުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ސިއްސުވާލާފައެވެ.
ކޭޕް ވާޑޭ ވޯލްޑް ކަޕުގައި ސާބިތުކޮށްދިނީ ފުޓްބޯޅައަކީ މާލީ ބާރާއި މީސްގިނަ އާބާދީތަކަށްވުރެ މާގިނަ ކަންތައް ތަކެއްކަމެވެ. ކޭޕް ވާޑޭގެ މި ކާމިޔާބީއަކީ ދިވެހިރާއްޖެއަށް ލިބުނު ހިއްވަރެކެވެ. ފިލާވަޅެކެވެ.
ދިވެހި ފުޓްބޯޅަ ކުރިނާރައިގެން އުޅެނީ ކީއްވެ ހެއްޔެވެ؟ މި ސުވާލު ކުރެވޭ ކޮންމެ މީހެއްގެ ހާޒިރު ޖަވާބަކީ ކަރަޕްޝަނެވެ. އެއީ، މުޅިއަކުން ގޯސްވާހަކައެއް ނޫނެވެ. ކޮންމެ ދުވަހަކުމެ ނޫސްތަކުން ހެޑްލައިންތައް ހަދަނީ ދިވެހި ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމްގެ ކޮންމެވެސް ނުސިޔާނުކަމެއްގެ ހަބަރުންނެވެ. މިއަދު މިކިޔަނީ އޮއްޕޮއަށް ދިން ބިމެއްގެ ވާހަކައެވެ. 25 އަހަރަށް ހިލެއެވެ. ކުއްޔަކާވެސް ނުލައެވެ.
އަސާސީގޮތުން ފުޓްބޯޅައަކީ ކޮރަޕްޝަނާއި ދެކޮޅު ހަދާއެއްޗެކެވެ. އެފްއޭއެމްގައި ހިނގާފައިވާ ހިޔާނާތްތަކާއި، މާލީ މާލީ ގޯސްތަކަކީ ފުޓްބޯޅަ ކުރިއެރުމަށާއި، ފުޓްބޯޅައިގެ މމައިދާނުގައި ޒުވާނުންނަށް އިންސާފުވެރި ފުރުސަތުތައް ތަނަވަސްވުމަށް އެޅިފައިވާ އެންމެ ބޮޑު ހުރައެވެ. މިކަން މިހެން އޮތް ނަމަވެސް މިކަންކަމަށް ޒިންމާވާނެ، ޖަވާބުދާރީވާނެ ބަޔަކު ނެތެވެ.
ނާޖާއިޒުގޮތުގައި ހިންގާފައިވާ ކަންކަމަށް ބަލާއިރު ފީފާއިން ދިވެހިރާއްޖޭގެ ފުޓްބޯޅަ ތަރައްގީކުރުމަށް ދޫކުރި އެތައް މިލިޔަން ޑޮލަރެއްގެ ހިޔާނާތް ހިމެނެއެވެ. އޭގެ ތެރޭގައި، ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗާ، ސަރުކާރުން ދޫކުރި ބިންތައް، ޑޮމެސްޓިކް ލީގުތައް، ހުޅުމާލޭ ފުޓްބޯޅަ ސްކޫލުފަދަ އެތައް މަޝްރޫއެއް ހިމެނެއެވެ. މި ހުރިހާ މަކަރެއް، ހީލަތެއް، ހިޔާނާތެއް، ފަސާދައެއްގެ މުލުގައި ހުރިކަމަށް ތުހުމަތުވާ އެފްއޭއެމްގެ ރައީސް ބައްސާމު ޖަލަށްލުމަށް ހުކުމް ކުރުމަކުން ނުފުދެއެވެ.
އެފްއޭއެމަށް ތުހުމަތުވާ ކަންކަމުގެ ތެރޭގައި ގައުމީ ޓީމަށް ކުޅުންތެރިން ހޮވުން، އޮފިޝަލުން އައްޔަނުކުރުން ފަދަ ކަންކަމުގައި ގެންގުޅޭ 'ސެލެކްޝަން ބަޔަސް' ހިމެނެއެވެ. މިކަމުގެ ސަބަބުން ގާބިލު އެތުލީޓުން، އޮފިޝަނުންނަށް އޮންނަ ފުރުސަތު ބަންދުވެއެވެ. މިކަމުގެ ސަބަބުން އާކުޅުންތެރީން، ފުޓްބޯޅައިގެ ހިދުމަތްތެރީން އުފެދުން މަޑުޖެހިގެން ދެއެވެ. އަދި ފުޓްބޯޅައިގެ ދަނޑުތަކުން އާގަސްތައްހެދި މާތައް އަޅާ، މޭވާ ލިބޭ އުފާވެރި މަންޒަރު ފަނޑުކޮށްލައެވެ. ޒުވާން ކުޅުންތެރީންގެ ހިއްވަރު ގާކޮށްލައެވެ.
ދިވެހީންނަށްވެސް ފުޓްބޯޅަ ކުޅެވޭނެއެވެ. ކޭޕް ވާޑޭން ދެއްކި ހިއްވަރާއި ފަންވަރު، ބުންވަރާއި ހުނަރު ބައިނަލް އަގުވާމީ ފުޓްބޯޅައިގައި ދައްކާލެވޭނެއެވެ. ބޭނުންވަނީ ކަރަޕްޝަނާއި ބީރައްޓެހި އެފްއޭއެމެކެވެ.




