ސްޕެއިން ޓީމުން ވޯލްޑްކަޕް ޓްރޮފީއާއެކު އެނބުރި ގައުމަށްގޮސް އުފާ ފާޅުކުރަނީ.-- ފޮޓޯ: އޭޕީ
ފީފާ ރޭންކިންގެ އެއްވަނައަށް އަނެއްކާވެސް ސްޕެއިން
އަބްދުﷲ އިބްރާހީމް 21 ޖުލައި 2026 (އަންގާރަ)   08:50
ވޯލްޑްކަޕް ފައިނަލުގައި އާޖެންޓީނާގެ މައްޗަށް ކުރިހޯދުމާ އެކު ފީފާ ރޭންކިންގެ އެއްވަނައަށް އަނެއްކާވެސް ސްޕެއިން އަރައިފި އެވެ.

ވޯލްޑްކަޕް ކާމިޔާބުކުރި ސްޕެއިން ހޯމަ ދުވަހު ފީފާގެ ފިރިހެން ރޭންކިންގެ އެއްވަނައަށް އެރިއިރު، ދެވަނަ ހޯދި އާޖެންޓީނާ ވަނީ ދެވަނައަށް ވެއްޓިފައެވެ.

2022 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާގެ މައްޗަށް މިއަހަރުގެ ވޯލްޑްކަޕް ފައިނަލް މެޗްގައި 1-0 އިން ސްޕެއިން ކުރި ހޯދުމާ ގުޅިގެން މި ބަދަލު އައިއިރު މީގެ ކުރިންވެސް ސްޕެއިން އާއި އާޖެންޓީނާ ރޭންކްގެ އެއްވަނަ އާއި ދެވަނަ އަށް މިފަދަ ގޮތަކަށް ބަދަލުވެފައި ވެއެވެ.

މިފަހަރުގެ ވޯލްޑްކަޕް ގައި އިންގްލެންޑް އިން ފްރާންސް ބަލިކޮށް ލޯ މެޑަލް ހޯދި ނަމަވެސް، ފްރާންސް އާއި އިންގްލެންޑް އޮތީ ކުރިންވެސް އޮތް ތިންވަނަ އަދި ހަތަރުވަނަ މަގާމުގައެވެ.

ބްރެޒިލް ފަސްވަނައަށް ޖެހިލިއިރު، ވޯލްޑްކަޕް 2026 ގެ ކުއާޓާ ފައިނަލަށް ދަތުރުކުރި މޮރޮކޯ ވަނީ އެ ގައުމުގެ ތާރީޚުގައި މިހާތަނަށް ލިބުނު އެންމެ މަތީ ރޭންކިން ކަމަށްވާ 6 ވަނަ ހޯދައި އާ ރެކޯޑެއް ގާއިމުކޮށްފައެވެ.

ވޯލްޑްކަޕްގެ ގަދަ 16 އިން ކެޓި ޕޯޗުގަލް ދެ ދަރަޖަ ދަށަށް ގޮސް ހަތްވަނައަށް ވެއްޓުނުއިރު، ބެލްޖިއަމް ވަނީ އަށްވަނައަށް ކުރިއަށް ޖެހިލާފައެވެ. ނުވަވަނައަށް ވެއްޓުނީ ކުރިން އެ މަގާމުގައި އޮތް ނެދަލެންޑްސްއެވެ.

މެކްސިކޯ ހަތަރު ދަރަޖަ ކުރިއަށް ޖެހިލައި ގަދަ 10 އެއްގެ ތެރެއަށް ވަންއިރު، އެންމެ ބޮޑު ކުރިއެރުމެއް ހޯދީ ނޯވޭ އެވެ. އެ ގައުމު ވަނީ ވޯލްޑްކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށް 12 ދަރަޖައިގެ ކުރިއެރުމަކާއެކު 19 ވަނައަށް ޖެހިލާފައެވެ.

ޖަރުމަނުވިލާތް ގަދަ 10 އިން ބޭރުވެ 12 ވަނައަށް ވެއްޓުނުއިރު، އެއީ ކްރޮއޭޝިއާއަށް ވުރެ އެއް ދަރަޖަ ކުރިއެވެ. ވޯލްޑް ކަޕަށް ކޮލިފައިނުވި އިޓަލީ ވަނީ 15 ވަނައަށް ވެއްޓިފައެވެ.

އެންމެ ބޮޑު ދަށަށްދިއުމެއް ކުރިމަތިވީ ޓިއުނީޝިއާއަށެވެ. އެ ގައުމު 12 ދަރަޖަ ދަށަށް ގޮސް 57 ވަނައަށް ވެއްޓުނުއިރު، މިސްރު ވަނީ ފަސް ދަރަޖަ ކުރިއަށް ޖެހިލައި 24 ވަނަ ހޯދާފައެވެ. އަދި ވޯލްޑް ކަޕްގެ ގަދަ 16 އަށް ދަތުރުކުރި ޕެރަގުއޭ ވަނީ ހަތް ދަރަޖަ ކުރިއަށް ޖެހިލައި 34 ވަނައަށް އަރާފައެވެ.

މުބާރާތުގެ ގަދަ 32 އަށް ދަތުރުކުރި ކޭޕް ވާޑޭ ތިން ދަރަޖަ ކުރިއަށް ޖެހިލައި 64 ވަނައަށް އެރިއިރު، އެއީ އަށް ދަރަޖައިގެ ކުރިއެރުމެއް ހޯދި ގާނާއަށް ވުރެ އެއް ދަރަޖަ ކުރިއެވެ.

ފީފާ ރޭންކިން މުޅި ލިސްޓް ބެއްލެވުމަށް

ކޮމެންޓް
ސަޅިއޭ
2 weeks ago
ރައްޖެއޮތީ 173ގައި
މިނިކާރާއްޖެ
2 weeks ago
ރާއްޖެ އޮތީ ކިހާ ހިސާބެއްގައިތޯ؟