ތެލުގެ އަގު ކުއްލިޔަކަށް ދަށަށް ހިނގައްޖެ
މިހާރު ބްރެންޓް ކްރޫޑް އޮއިލް ފީފާއެއް 83 އެމެރިކާ ޑޮލަރަށް ވެއްޓިފައިވާއިރު، މިއީ ފާއިތުވި ހަފްތާ ތެރޭ އަގު އެންމެ ދަށަށް ދިޔަ ފުރަތަމަ ފަހަރު
މަރްޔަމް މުޙައްމަދު 28 ޖުލައި 2026 (އަންގާރަ)   12:42
ޔާހޫދީ އިސްރާއީލާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުން އައި ހަނގުރާމަ މެދުކަނޑާލުމާއެކު ތެލުގެ އަގު އަނެއްކާ ވެސް ކުއްލިޔަކަށް ދަށަށް ހިނގައްޖެކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ފަސް ދުވަހުގެ މުއްދަތަކަށް ހަމަލާތައް މެދުކަނޑާލައި ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ފަށާފައިވާކަން އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ހާމަކޮށްފައި ވާއިރު، އޭނާއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނަނީ، އީރާނާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު މިހާރު ބޮޑުކަމަށް ޓްރަމްޕް ވިދާޅުވި ކަމަށާ، އަދި އެއްބަސްވުމަކަށް ނާދެވިއްޖެ ހާލަތެއްގައި ހަމަލާތައް ދޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި ކަމަށެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ތެލުގެ އަގު ދަށަށް ގޮސްފައިވަނީ މިމަހުގެ ތެރޭގައި އެމެރިކާއިން އިސްވެ، އީރާނަށް ދިން ހަމަލާތައް މެދުކަނޑާލަން ނިންމުމާ ގުޅިގެން ކަމަށް ވާއިރު، މިހާރު ބްރެންޓް ކްރޫޑު އޮއިލް ފީފާއެއްގެ އަގު 83 އެމެރިކާ ޑޮލަރަށް ވެއްޓުމުން މިއީ ފާއިތުވި 8 ދުވަސް ތެރޭ ބްރެންޓުގެ އަގު އެންމެ ދަށަށް ދިޔަ ފުރަތަމަ ފަހަރު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އަދި އެމެރިކާގެ ވެސްޓް ޓެކްސަސް ކްރޫޑުގެ އަގު 1.45 ޑޮލަރު ނުވަތަ 1.76 އިންސައްތަ ދަށަށް ގޮސް ފީފާއެއް ވަނި 81.16 އެމެރިކާ ޑޮލަރަށް ވެއްޓިފައި ކަމަށާ، އެހެންކަމުން 100 ޑޮލަރަށް ލިބެންހުރި ބްރެންޓް ކްރޫޑް ފިއުޗާސްގެ އަގު އިއްޔެ 5.58 ޑޮލަރު ނުވަތަ 5.77 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 91.20 ޑޮލަރަށް ތިރިވެފައި ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އަދި، 98 ޑޮލަރަށް ހުރި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް ކްރޫޑްގެ އަގު 4.91 ޑޮލަރު ނުވަތަ 5.50 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު އިއްޔެ ހުރީ 84.40 ޑޮލަރުގައި ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް