ހޮރްމުޒް ކަނޑުއޮޅި - ފޮޓޯ: ރޮއިޓާޒް
ހުރްމުޒް ކަނޑުއޮޅި ހުއްޓުމަކަށް ގެނައުމުން ތެލުގެ އަގު އަނެއްކާވެސް މައްޗަށް
މަރްޔަމް މުހައްމަދު 1 އޯގަސްޓް 2026 (ހޮނިހިރު)   16:59
އީރާނުން ކޮންޓްރޯލްކުރާ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުން ދިޔަ ދެ ބޯޓެއް ހުއްޓުވާފައިވާ ކަމަށް އެގައުމުން މީޑިއާގައި ބުނުމުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް މައްޗަށް ހިނގައްޖެއެވެ.

މި އަހަރު ތެލުގެ އަގުތައް އިތުރަށް މައްޗަށް ދާނެކަމަށް ރޮއިޓާސް އިން ކުރި ސާވޭއެއްގައި އިގްތިސާދީ މާހިރުންނާއި ތަހުލީލު ކުރާ ފަރާތްތަކުން ލަފާކޮށްފައި ވަނިކޮށް، އިއްޔެ ވަނީ ތެލުގެ އަގު އެކެއް އިންސައްތައަށް ވުރެ މައްޗަށް ގޮސްފައިކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން މި ބަދަލު އައިސްފައި މިވަނީ، ބައިނަލްއަގުވާމީ ބެންޗްމާކް ބްރެންޓް ކްރޫޑް ފިއުޗާސްގެ ތެލުގެ އަގު ޖުލައި މަހު 23 އިންސައްތަ މަތިވުމާ ކައިރިވެފައި ވަނިކޮށް ކަމަށް ވާއިރު، އިރާނުން ހުއްޓުވާފައި މިވަނީ ގަލްފުން ތެޔޮ އުފުލާ ބޮޑު ދެ ޓޭންކަރު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމަށް އީރާނުން އުފައްދާފައިވާ ހާއްސަ ޖަމިއްޔާއިން ބުނެފައި ވަނީ، އެމެރިކާގެ އަސްކަރީ ބާރުތަކުން މި ސަރަހައްދުގައި އުދުވާނީ އަމަލުތައް ކުރިއަށް ގެންދާތީ ކަނޑުއޮޅި ހުރަސްކުުރުން ދަތިވެފައިވާ ކަމަށެވެ.

އަދި، ހަމަޖެހުން ގާއިމް ކުރެވުނުހާ އަވަހަކަށް ކަނޑުއޮޅިން ދަތުކުރަން އެދިފައިވާ ހުއްދަތައް މުރާޖައާކޮށް މަޑުމަޑުން ޓްރާންސިޓް ހުއްދަ ދޫކުރާނެ ކަމަށް ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީން ބުނެފައި ވެއެވެ.

އެމެރިކާ ސިފައިން އަދިވެސް ގަލްފް މެދުވެރިކޮށް އީރާނުން ތެޔޮ އެކްސްޕޯޓްކުރުން ހުއްޓުވަމުންދާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުރާސްފަތި ދުވަހު ބުނެފައި ވާއިރު، ކަޕްލާ ޝިޕިން ޑޭޓާއިން ދައްކާ ގޮތުގައި ކަނޑުއޮޅީގައި އިތުރު ދެ އުޅަނދު ވެސް ޓްރާންސިޓްކޮށްފައިވެއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާ ދޭން ފެށި ފަހުން އީރާނުން ހޮރްމުޒް ކަނޑުއޮޅިން ގިނަ ބޯޓުފަހަރު ދުއްވުން ހުއްޓުވާފައި ވާއިރު، ޔަމަނުގައި ތިބި ހޫޘީން މި މަހު ވަނީ ސައުދީ ތެޔޮ އެކްސްޕޯޓްކުރާ ކަނޑުމަގުތައް ބަންދުކޮށްފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް