ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ، ފުރަތަމަ ލަނޑު ޖެހުމަށްފަހު. މި މުބަރާތުގައި އޭނާ ވަނީ އަށްލަނޑު ޖަހާފައި.--
މޮރޮކޯ ބަލިކޮށް ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ފްރާންސް ކަށަވަރުކޮށްފި
އަބްދުﷲ އިބްރާހީމް 10 ޖުލައި 2026 (ހުކުރު)   05:59
ބޮސްޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 10) - ދެ ވަނަ ހާފުގައި ދެ ލަނޑު ޖަހައި 2-0 އިން މޮރޮކޯ ބަލިކޮށް ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ފްރާންސް އިން ހޯދައިފި އެވެ.

މެޗު ފަށައިގެން މާ ގިނައިރުތަކެއް ނުވެ، ފްރާންސުން އެޓޭކްކުރަން ފެށި އެވެ. އެ ގޮތުން، އޭރިއާ ބޭރުން ފްރާންސްގެ ކެޕްޓަން، ކީލިއަން އެމްބާޕޭ، ފޮނުވާލި ބޯޅައެއް މޮރޮކޯގެ ކީޕަރު، ޔާސީން ބޯނޯ ވަނީ މަތަކޮށްފަ އެވެ. ކޯނަރަކުން އަވަސްކޮށް ކުޅެން ފަށައި، އޭރިއާތެރެއަށް ނެގި ހުރަހަކުން ފްރާންސްގެ ޑަޔޫޓް އުޕަމެކާނޯ ބޮލުން ޖެހި ބޯޅަ ވެސް ކީޕަރު ބޯނޯ ވަނީ ހުއްޓުވައިފަ އެވެ.

ފުރަތަމަ ހާފުގައި ފްރާންސަށް ލީޑުނަގައިދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ، އެމްބާޕޭ އަށެވެ. އޭނާ އަށް މޮރޮކޯގެ ޑިފެންޑަރު، ނުޒައިރު މަޒްރައޯއީ ކުރި ފައުލަކަށް ދިން ޕެނަލްޓީން އެމްބާޕޭ ފޮނުވާލި ބޯޅަ ކީޕަރު ބޯނޯ ވަނީ މަތަކޮށްފަ އެވެ. ޕެނަލްޓީ ލިބުނު ފަހުން، ފޮނުވާލުމާ ދޭތެރޭ 3 މިނިޓާއި 12 ސިކުންތު ހޭދަވީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލަން ޖެހޭ ކަންކަމަށް ފަހު އެވެ.

މޮރޮކޯ އަށް ފުރަތަމަ ހާފުގައި އެންމެ ހަމަލާއެއް ވެސް ގޯލަށް ފޮނުވާނުލެވުނުއިރު، ފްރާންސުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

މެޗުގައި ފްރާންސް އިން ފުރަތަމަ ލަނޑު ޖެހީ ދެ ވަނަ ހާފުގެ 15 ވަނަ މިނިޓްގަ އެވެ. މިއީ، މެޗުގެ 60 ވަނަ މިނިޓްގައި، އޭރިއާ ރޮނގުކައިރިން، ލިބުނު ފުރުސަތަކުން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން، އެމްބާޕޭ ޖެހި ގޯލެކެވެ. އޭގެ ހަ މިނިޓް ފަހުން، ފްރާންސް އިން ލީޑުފުޅާކުރި އެވެ. މިއީ، އެމްބާޕޭ ދިން ބޯޅައަކުން އޮސްމާން ޑެމްބެލޭ ޖެހި ގޯލެކެވެ. ޑެމްބެލޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ބޯނޯ އަތުގައި ޖެހިފަ އެވެ.

މޮރޮކޯގެ އަޒެދީން އުނާހީ، ހާފުގެ މެދުތެރެއިން ޖެހި ޝޮޓެއް ފްރާންސްގެ ކީޕަރު މައިކް މައިންނޯން ވަނީ މަތަކޮށްފަ އެވެ. ފްރާންސް އިން ތިން ވަނަ ލަނޑު ޖަހަން ކުރި މަސައްކަތުގައި، ބްރެޑްލީ ބާކޮލާ ޖެހި ޝޮޓް ކީޕަރު، ބޯނޯ ހުއްޓުވިއިރު، އޮލީސޭ ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެއެވެ.

ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި މި ދެޓީމު ބައްދަލުކުރިއިރުވެސް، ފްރާންސް އިން ވަނީ މޮރޮކޯ ބަލިކޮށްފަ އެވެ. މިރޭގެ މެޗަށް މޮރޮކޯ އިން ނުކުތްއިރު، އެންމެ ފަހުން އެ ޓީމު ކުޅުނު 34 މެޗުން ވެސް ބަލިވެފައިނުވެ އެވެ.

ސެމީ ފައިނަލުގައި ފްރާންސް އިން ކުޅޭނީ ބެލްޖިއަމާއި ސްޕެއިން ކުޅޭ ކުއާޓާ ފައިނަލުން މޮޅުވާ ޓީމަކާ އެވެ.

ކޮމެންޓް