
ފިނޭންސް މިނިސްޓްރީން އާންމުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން މިދިޔަ ޖޫން މަހުގެ ނިޔަލަށް މުސާރައާއި އިނާޔަތް އަދި ޕެންޝަން ދިނުމަށް 7.9 ބިލިޔަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި އެކަމަށް ހޭދަކޮށްފައިވަނީ 7.2 ބިލިޔަން ރުފިޔާ އެވެ.
އަސާސީ މުސާރަ ދިނުމަށް މިދިޔަ ޖޫން މަހުގެ ނިޔަލަށް 3.6 ބިލިޔަން ރުފިޔާ ހޭދަކުރި އިރު، މިއީ ގާތްގަނޑަކަށް 400 މިލިޔަން ރުފިޔާ އިތުރުވުމެކެވެ. މުވައްޒަފުންނަށް އެލަވަންސަށް 3.1 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، އެއީވެސް މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 200 މިލިޔަން ރުފިޔާ އިތުރު އަދަދެކެވެ.
ޕެންޝަނަށާއި ރިޓަޔާކުރާ މީހުންނަށް ދޭ އިނާޔަތްތަކަށް ކުރި ހޭދައަށް ބަލާއިރު މިދިޔަ ޖޫން މަހުގެ ނިޔަލަށް އެކަމަށް 1.1 ބިލިޔަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. އެ ވަނީ ގާތްގަނޑަކަށް 100 މިލިޔަން ރުފިޔާ އިތުރުވެފަ އެވެ.
ބަޖެޓުން އެންމެ ބޮޑު ބައެއް ކޮންމެ އަހަރަކު ވެސް ހޭދަވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށެވެ. މިއަހަރުގެ ބަޖެޓުގައި މުވައްޒަފުންގެ މުސާރައަށް 17 ބިލިއަން ރުފިޔާ ހިމަނާފައި ވެއެވެ.
ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތުގެ ގޮތުގައި ހޭދަކުރާއިރު، ބޮޑެތި މަގާމުތައް އުފައްދައި އެ މަގާމުތަކަށް މީހުން ނެގުން މި ސަރުކާރުން ގެންދަނީ ކުރިއަށެވެ. ސިޔާސީ މަގާމުތައްވެސް އިންތިހާއަށް ގިނަވެފައިވާއިރު އެ މަގާމުތަކުގެ ތަފުސީލު ހާމަކުރުމަށްވެސް ސަރުކާރުން ދަނީ ދެކޮޅު ހަދަމުންވެ.




