
އަންނަ އޮގަސްޓު މަހުން ފެށިގެން އެސްޖީންގެ މުސާރަ ކުޑަކުރަން ސިވިލް ސާވިސް ކޮމިޝަނުން ނިންމާ އެކަން އެންގުމުގެ ގޮތުން، ޕާމަނަންޓް ސެކްރެޓަރީންނަށާއި ކައުންސިލުތަކުގެ ޒިންމާދާރުވެރިންނަށާއި ސެކްރެޓަރީ ޖެނެރަލުންނަށް ސިވިލް ސާވިސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ސައީދު ފޮނުއްވި ސިޓީއެއްގައި ވަނީ ޕޭ ކޮމިޝަނުން ގެނައި ބަދަލުތަކާ އެއްގޮތަށް އަންނަ މަހުން ފެށިގެން މުސާރަ ދިނުމަށް އެދޭކަމަށެވެ.
ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ އެގްޒެކެޓިވް އެލަވަންސަށް ނޭޝަނަލް ޕޭ ކޮމިޝަނުން ބަދަލު ގެނެސްފައި ވާއިރު، އެގޮތުން އައު އުސޫލުގެ ދަށުން ސެކްރެޓަރީ ޖެނެރަލުންނަށް އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 23،065 ރުފިޔާ ދެން ލިބޭއިރު، މީގެކުރިން އެގުޒެކެޓިވް އެލަވަންސްގެ ގޮތުގައި ސިޓީ ކައުންސިލުތަކުގެ ސެކްރެޓަރީ ޖެނެރަލުންނަށް މަހަކު 28،095 ރުފިޔާ ލިބެއެވެ
އެހެންކަމުން މިއީ 5،030 ރުފިޔާގެ ދަށްވުމެއް ކަން ފާހަގަކޮށްލެވެއެވެ. އަދި އެސްޖީންގެ މުސާރައަށް މި ބަދަލު ގެނެސްފައިވާއިރު، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ނަމުގައި އެސްއޯއީ ތަކުން މުއައްޒަފުން މަދުކުރުމަށް އެދި ޕީސީބީން ވެސް ވަނީ ސާކިއުލާއެއް ނެރެފައި ކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ 33 އިންސައްތަ މުއައްޒަފުން މަދުކުރަނީ ކުންފުނިތަކުގެ މުއައްޒަފުންގެ އަދަދު ކުންފުންޏާ އެކަށީގެންވާ މިންވަރަކަށް ކަނޑައެޅުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ.
އެހެންކަމުން ޕީސީބީން މިދިޔަ އެޕްރީލް 18 ގައި ނެރެފައިވާ އެ ސާކިއުލާއަކާ ހަވާލާދީ، މި ޖުލައި މަހުގެ 13، ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި މި ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކަށް މިހާރު އަންގާފައި ވާއިރު، އެ ފިޔަވަޅަކީ ސަރުކާރު ކުންފުނިތަކުގެ ހަރަދުތައް ކުޑަކޮށް އެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅެއް ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.
ޕީސީބީގެ އެ ނިންމުމާ އެއްގޮތަށް ކުންފުނިތަކުން އަމަލުކުރަމުންދާ ގޮތް ވަރަށް ގާތުން މޮނިޓަ ކުރުމަށް ޕީސީބީން ނިންމާފައި ވާއިރު، އެ ކުންފުނިތަކުގެ ސައިޒަށް އަންނަ ބަދަލުތައް ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހު ފޮނުވަމަށް ވެސް ޕީސީބީން ވަނީ އެދިފައެވެ.
އެގޮތުގެ މަތިން، ބައެއް ކުންފުނިތަކުން މުވައްޒަފުން މަދުކުރަން މިހާރު ފަށާފައި ވާއިރު، ބައެއް ކުންފުނިތަކުން އެޑްވާސް މުސާރައާ އެކުގައި، މުއައްޒަފުން އަމިއްލައަށް ވަކިވުމަށް ހުޅުވާލިކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް އަމިއްލައަށް ވަކިވުމުގެ އެ ފުރުސަތު ހޯދުމަށް ހުށަހެޅީ ނިސްބަތުން މަދު މުއައްޒަފުން ކަން ފާހަގަކޮށްލެވެއެވެ.
އެސްއޯއީތަކުން މިހާރު ވަޒީފާއިން ވަކިކުރާ މީހުންގެ ތެރޭގައި ގިނައީ އެމްޑީޕިއަށް ނިސްބަތްވާ މީހުންނާއި އެމްޑީޕީއަށް ތާއީދުކުރާ މީހުން ކަމަށްވާއިރު، މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެސްއޯއީތަކުން 14،000 އަށްވުރެ ގިނަ މުވައްޒަފުން ކަނޑާނެ ކަމަށާ، އޭގެ އަސަރު 50،000 މީހުންނަށް ކުރާނެކަން ފާހަގަކުރައްވާ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު އިސްމާއީލް ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން 14،733 މުވައްޒަފުން ކަނޑާލަން މިހާރު ނިންމާފައިވާ ކަމަށެވެ.




