ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހުސައިން - ފޮޓޯ: ފެނަކަ
ފެނަކަ އެމްޑީ މަޖިލީހަށް ހާޒިރުކުރުމަށް އެދިއްޖެ
މަރްޔަމް މުޙައްމަދު 15 ޖުލައި 2026 (ބުދަ)   16:23
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ ކުންފުނިތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް މިއަދު އެ މަޖިލީހުގެ އިދާރާގައި އެދިއްޖެއެވެ.

މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު މަކަމަށް އެދިވަޑައިގެންފައި ވަނީ ލ. ހިތަދުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބި ދިގުލައިގެންދާތީ އެކަމުގެ ޝަކުވާބޮޑުވެ ރައްޔިތުންނަށް ފޯރަމުން އަންނަ އުނދަގޫތަކަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.

މިކަމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި މެންބަރު ޝާކިރު ވިދާޅުވެފައި ވަނީ، ސަރުކާރުން ކުރަމުންދާ ބޭކާރު ހަރަދުތައް ހުއްޓާލައި، ގާނޫނުއަސާސީން ރައްޔިތުންނަށް ލާޒިމުކޮށްފައިވާ އަސާސީ ހައްގުތައް އެއްވެސް ތަފާތުކުރުމެއްނެތި ފޯރުކޮށްދިނުމަށް އެދޭ ކަމަށާ، މި މައްސަލައަކީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅުންހުރި ކަމަކަށްވާތީ، ކަމާބެހޭ ކޮމިޓީގެ ބައްދަލުވުމެއް ވީ އެންމެ އަވަހަކަށް ތާވަލުކޮށްދެއްވުމަށެވެ.

ހިތަދޫގެ ކަރަންޓުގެ ހިދުމަތަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް މި އަހަރު ފެށުނީއްސުރެ ރަށުގެ ރައްޔިތުން މަސައްކަތް ކުރަމުންދާކަން ޝާކިރު ފާހަގަކުރައްވާފައި ވާއިރު، ހިތަދޫގައި ބޭނުންކުރާ ތިން ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނަރޭޓަރު ހަލާކުވެފައިވުމުގެ ސަބަބުން، ކޮންމެ ބައިގަޑިއިރަކުން ކަރަންޓު ކެނޑެމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާކަމަށް ވެސް ޝާކިރުގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ގޭގޭގައި ބޭނުންކުރާ އަގުބޮޑު އިލެކްޓްރޯނިކް ސާމާނުތަކަށް އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބެމުންދާކަންވެސް ވަނީ ފާހަގަކޮށްފަ އެވެ. ކަރަންޓު މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް ސަރުކާރު ނުކުޅެދިފައިވާކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ހިތަދޫ ފެނަކަ ބްރާންޗުން މީގެ ކުރިން ބުނެފައިވަނީ، ރަށުން ކަރަންޓު ކެނޑެނީ އެންމެ ބޮޑު ޖަނަރޭޓަރު ހަލާކުވުމުން ކަމަށާ، ބާކީ ހުރި ދެ ޖަނަރޭޓަރުން މުޅި ރަށަށް އެއްފަހަރާ ކަރަންޓު ނުދެވޭތީ، ދެ ސަރަހައްދަކަށް ބަހާލައިގެން ކޮންމެ އެއްގަޑިއިރަކުން ބަދަލުކުރާ ގޮތަށް ކަރަންޓު ދެމުން އަންނަ ކަމަށެވެ.

ކޮމެންޓް