
2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ތެރޭގައި ދީފާއިވާ ޕްރޮމޯޝަންތަކެއް ކަމަށް ބުނާ މި ޕްރޮމޯޝަންތަކުގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށހެޅުމަށް މިއަދު މަޖިލީހުގެ ތަޅުމުން ފާސްކުރީ ފެނަކައިގެ މުވައްޒަފުން ރެކުރޫޓް ކުރުމާއި ޕްރޮމޯޝަން ދިނުމާއި އަދި މުސާރައާއި އިނާޔަތްތަކާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ހާއްސަ އޮޑިޓް ރިޕޯޓް، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބިނާކޮށެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އެ ރިޕޯޓުގައި ވަނީ، 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ތެރޭގައި ބައެއް މުވައްޒަފުންނަށް މުވައްޒަފުންގެ ގަވާއިދާ ހިލާފަށް ވަޒީފާގެ ކުރިއެރުން ދީފައިވާކަން ފާހަގަކުރެވޭކަމަށެވެ.
އެހެންކަމުން އެ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ގަވާއިދާ ހިލާފަށް ދިނުމުގައި ޒިންމާވާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށްޓަކައި އެ މައްސަލަ ތަހުގީގުކުރުމަށް އޭސީސީއަށާއި ފުލުހުންގެ ހިދުމަތަށް އަދި ކަމާ ގުޅުންހުރި އެހެން އިދާރާތަކަށް ވެސް ހުށަހެޅުމަށް އެންގުމަށް މިއަދުގެ މަޖިލީހުން ފާސްކޮށްފައި ވެއެވެ.
އަދި މި ރިޕޯޓުގައި އަންގާފައިވާ ކަންކަން ތަންފީޒުކުރަމުންދާ މިންވަރު ބެލުމަށް، އިސްލާހުކުރާ ގަވާއިދުތަކާއި އެސްއޯޕީތައް ތިން މަސް ދުވަހުގެ ތެރޭގައި، އަދި އެލަވަންސާ ގުޅޭ ގަވާއިދު 45 ދުވަހުގެ ތެރޭގައި މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށް ވެސް ފެނަކައަށް އެންގުމަށް މިއަދު ފާސްކުރިއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި އޮޑިޓާ ޖެނެރަލްގެ އޮފީހުން ފެނަކަ އޮޑިޓްކުރާއިރު، މި އިސްލާހީ ފިޔަވަޅުތައް އަޅާފައިވާ މިންވަރު ބެލުމަށް ވެސް މަޖިލީހުން ފާސްކުރި ރިޕޯޓުގައި ހިމަނާފައި ވާއިރު، އެ މައްސަލަ ނިމެންދެން މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލު މަހަކު އެއްފަހަރު ކޮމިޓީއަށް ހުށަހެޅުމަށް އެންގުމަށް ވެސް ހިމަނާފައި ވެއެވެ.




