
"ގޭދޮށު އިންޖީނު"ގެ ނަމުގައި ފަށާ މި މަޝްރޫއަކީ މިދިޔަ ލޯކަލް ކައުންސިލްގެ އިންތިހާބުގެ ތެރޭގައި އެމްޑީޕީގެ ފަރާތުން ކުޅުދުއްފުށީ ކައުންސިލަށް ވާދަކުރި ކެންޑިޑޭޓުންގެ ވައުދެކެވެ. އެ މަޝްރޫއު ކުރިއަށް އޮތް 15 ވަރަކަށް ދުވަހުގެ ތެރޭގައި އިއުލާން ކުރަން މިހާރު ވަނީ ނިންމައިފައެވެ.
ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކުރަން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ ކައުންސިލްގެ މަގުސަދަކީ މިހާރު ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ދެގުނައަށް ކުޑަކުރުން ކަމަށެވެ.
"ފުރަތަމަ ދުވަހުން ފެށިގެން 4،000 ރުފިޔާ ދައްކާ ގެއެއްގެ ބިލު 2،000 ރުފިޔާއަށް ކުޑަކުރުން. އަދި ހަތަރު އަހަރު ފަހުން އެ ގޭތަކަށް ހިލޭ ކަރަންޓް ލިބޭނެ ގޮތް ހެދުން. އެގޮތަށް މިހާރު ފަރުމާކުރެވި މައުލޫމާތު ކަރުދާސް ނިންމާފައި ވާނެ،" މޭޔަރު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ތެރެއިން ގެތަކުގައި ސޯލާ ހަރުކުރެވިގެންދާނެ އެވެ. އަދި ގޭބިސީތަކުން އެކަމަށް ފައިސާ ދައްކަން ޖެހޭނީ އިންސްޓޯލްމަންޓަށް ބަހާލައިގެން ކަމަށެވެ.
"އިޔާދަކުރަނިވި ހަކަތަ ގޭގޭގައި އެޅުން އެއީ ގެ އެކަނި ކަމުގައިވިޔަސް ވެދާނެ އެ އިންޖީނުގެ އަކީ ނުވަތަ ބްލޮކެއް ކަމަށް ވެސް ވެދާނެ. ހައިބްރިޑް ސިސްޓަމެއް ގާއިމްކުރާ ގޮތަށް ފަރުމާކޮށްފައި މިވަނީ،" އާތިފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތްކުރާނެ ބަޔަކު ހޯދަން ވަރަށް އަވަހަށް ޓެންޑާއަށް ހުޅުވާލާނެ ކަމަށާއި ސަރުކާރުން މި މަސައްކަތަށް ހުރަސް ނާޅައިފިއްޔާ އަހަރެއްގެ ތެރޭގައި މަސައްކަތް ނިންމުމަކީ އަމާޒެއް ކަމަށެވެ.
"ނަމަވެސް ފަހަރެއްގައި ސަރުކާރުގެ ކަންތައްތައް ހުންނަގޮތުން އަޅުގަނޑު އެހެން މި ދަންނަވަނީ މި މަސައްކަތަށް ހުރަސްއަޅަށް ސަރުކާރުން މަސައްކަތްކޮށްފާނެ. އެނޫން ކަމަށްވެއްޖެޔާ އިރާދަކުރެއްވިއްޔާ އަހަރެއްގެތެރޭގައި މިކަންކޮށް ނިންމުން އަޅުގަނޑުމެންގެ ޓާގެޓަކީ." މޭޔަރު އާތިފް ވިދާޅުވި އެވެ.
މަޝްރޫއުގެ އިތުރު ތަފްސީލު ދެއްވަމުން ކައުންސިލް މެންބަރު ރިލްވާން މުހައްމަދު ވިދާޅުވީ މި މަޝްރޫއުގެ ދަށުން އިއާދަކުރެވޭ ހަކަތަ ބޭނުންކޮށްގެން އާމްދަނީ ހޯދުމުގެ ފުރުސަތު ކޮންމެ ރައްޔިތަކަށް ވެސް ފަހިވެގެންދާނެ ކަމަށާއި މިއީ މުޅިން 'އޮފް-ގްރިޑް' ނިޒާމަކަށް ފަރުމާކުރެވިފައިވާ މަޝްރޫއެއް ކަމަށެވެ.
އޭނާ ވިދާޅުވީ މި ނިޒާމުގައި ބެޓެރީ ހަރުކުރާނީ ކޮންމެ ގެއެއްގައި ވަކިންތޯ ނުވަތަ ބްލޮކް ލެވެލްގައިތޯ ބަލައި، އެންމެ ފައިދާހުރި ގޮތަކަށް މިކަން ކުރިއަށް ގެންދިއުމަށް ރާވަމުންދާ ކަމަށާއި މިއީ ތިމާވެއްޓާ ރައްޓެހި، އަދި ރައްޔިތުންގެ ޖީބަށް ލުއި ލިބޭނެ ދެމެހެއްޓެނިވި ބޮޑު ބަދަލެގެނުވާނެ ޕްރޮޖެކްޓެއް ކަމަށެވެ.
އެންމެފަހުގެ ބޯހިމެނުމުން ދައްކާ ގޮތުން ކުޅުދުއްފުށީގައި 1،700 އަށްވުރެ ގޭބިސީ ހުރެއެވެ. ކަރަންޓަށް ބޮޑު ހޭދައެއް އެ ގޭބިސީތަކުން ކުރާއިރު އެ ރަށުން ފެނަކައަށް ބޮޑު އާމްދަނީއެއް ލިބެއެވެ.




