
މި ކުންފުނި އުފެއްދިކަން އިއުލާންކޮށް ރައީސް އޮފީހުން ބުނީ މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ހަންކެޑެ ތަރައްގީކޮށް، އައްޑޫ އަތޮޅުގައި ޓޫރިޒަމް ސިނާއަތް ފުޅާކުރުމާއެކު، ޓޫރިޒަމްގެ މަންފާ މުޅި އަތޮޅަށް ފޯރުކޮށްދިނުމާއި ޓޫރިޒަމުގައި އައްޑުގެ ބައިވެރިވުން އިތުރުކޮށް މި ޕްރޮޖެކްޓު ހަގީގަތަކަށް ހެދުމުގެ މަސައްކަތް ކުރުމެވެ.
ހަންކެޑެ ތަރައްގީކުރަން ސަރުކާރު ހިއްސާވާ ކުންފުންޏެއް އުފެއްދިއިރު މިއީ މި ތަން ތަރައްގީކުރަން މި ސަރުކާރުން ގެންގުޅޭ ހަތަރު ވަނަ ޕްލޭނެވެ. އެންމެ ފުރަތަމަ މި ސަރުކާރުން ނިންމީ ކުރީ ސަރުކާރުގައި މޯލްޑިވްސް ފަންޑް މެނޭޖުމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ޗައިނާގެ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އާ ހަވާލުކުރި މަޝްރޫއު އެ ގޮތަށް ކުރިއަށް ގެންދާށެވެ. އެއީ ބޭންކް އޮފް ޗައިނާއިން ހަމަޖެއްސި 142.9 މިލިއަން ޑޮލަރުގެ ލޯނު ފައިނޭންސިންގެ ދަށުންނެވެ.
އެ ގޮތުން އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީސް އިންތިހާބާ ދިމާކޮށް ބަޑިބޭހުގެ ކުޅިވަރާއެކު ސީއެންއީއީސީގެ ޕްރޮޖެކްޓު ފެށި ކަމަށް ބުންޏެވެ. ނަމަވެސް އޭގެ އަހަރެއް ވެގެން ދިޔަ އިރު ވެސް އެ ތަނުގައި އެއްވެސް މަސައްކަތެއް ނުކުރެއެވެ.
ހަންކެޑެ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ނުފެށި އޮއްވާ ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ޖޫން ގައި ސަރުކާރުން ވަނީ އެމްއެފްއެމްސީން ހަންކެޑެ އަތުލައި، އެ ރަށަކީ ހަލާލު ޓޫރިޒަމް ތަރައްގީކުރާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ. މާ ގިނަ ދުވަސްތަކެއް ނުވެ އެ ނިންމުން ބަދަލުކޮށް ޓޫރިޒަމް ރިއަލް އެސްޓޭޓު ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ރަށެއްގެ ގޮތުގައި ކަނޑައެޅިއެވެ.
އެ ދުވަސްވަރު މުއިއްޒު ވަނީ އައްޑޫއަށް ވަޑައިގެން، ހަންކެޑެ ތަރައްގީކުރަން ތުރުކީގެ ކުންފުންޏަކާއެކީ ވަރަށް އަވަހަށް ސޮއިކޮށް މަސައްކަތް ފެށިގެން ދާނެ ކަމަށް ވިދާޅުވެފަ އެވެ. މި ބުނާ ތުރުކީ ކުންފުންޏެއްގެ ހަވާލުގައި ޕްރޮޖެކްޓު ފަށާނެ ކަމަށް ބުނި ނަމަވެސް އެ ކަމެއް ވެސް ކުރިއަށް ނުދެއެވެ. އަދި އެ ފަހުން މިދިޔަ އަހަރުގެ އޮކްޓޫބަރުގައި، ސަރުކާރުން ވަނީ މި ތަން އިންޓަގްރޭޓަޑް ޓޫރިޒަމް މޮޑެލްގެ ދަށުން ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައެވެ.
މިދިޔަ މަހުގެ ފަހުކޮޅު ރައްޔިތުންގެ މަޖިލީހުގައި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވަނީ ހަންކެޑެ ތަރައްގީކުރާނެ ގޮތުގެ ތަފުސީލީ ޕްލޭނެއް ވަރަށް އަވަހަށް އިއުލާންކުރެވިގެން ދާނެ ކަމަށް ވިދާޅުވެފައެވެ.




