ރާއްޖޭގައި ހިންގާ ލައިބްރަރީއެއް.-
ރާއްޖޭގެ ހުރިހާ ރަށެއްގައި ލައިބްރަރީގެ ހިދުމަތް ގާއިމްކުރަނީ
މަރްޔަމް މުޙައްމަދު 18 ޖުލައި 2026 (ހޮނިހިރު)   17:13
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ލައިބްރަރީގެ ހިދުމަތް ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ފަރާތުން ބުނެފި އެވެ.

ފޮތް ކިޔުމުގެ ސަގާފަތް އާލާކޮށް، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ރައްޔިތުންނަށް ފަސޭހަކަމާއެކު މައުލޫމާތު ލިބޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ހިންގާ ގައުމީ ކުތުބުހާނާގެ ގޮފިތައް ބިނާކުރުމުގެ ބޮޑު މަޝްރޫއުގެ ތެރެއިން، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި މިހާރު ވަނީ އަމަލީ މަސައްކަތްތައް ފަށާފަ އެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝުކުރުﷲ ޝަކީލް ހާމަކުރެއްވި ގޮތުގައި، ރަށްތަކުގައި ލައިބްރަރީތައް ތަރައްގީކުރުމާ ގުޅޭ ގޮތުން އެކުލަވާލި ސޯޝަލް ކައުންސިލް ކަރުދާސް މިހާރު ވަނީ ރަސްމީކޮށް ފާސްކޮށްފަ އެވެ. އަދި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ކޮންމެ ރަށެއްގައި ވެސް އެކި ފަންތީގެ ރައްޔިތުންނަށް ބޭނުންކުރެވޭނެ ފަދަ ކުތުބުހާނާގެ ހިދުމަތްތައް ކޮންމެވެސް ސިފައެއްގައި ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއުގެ ތައްޔާރީތަކާ ގުޅޭ ގޮތުން ކުތުބުހާނާގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝިހާމް ވިދާޅުވީ، ސޯޝަލް ކައުންސިލަށް ހުށަހެޅި ކަރުދާސް ތައްޔާރުކޮށްފައި ވަނީ ސަތޭކައަށްވުރެ ގިނަ ފަރާތްތަކުގެ ލަފަޔާއި އިރުޝާދު ހޯދުމަށްފަހު، ރާއްޖޭގެ ހުރިހާ ކައުންސިލްތަކެއް ހިމެނޭހެން ކުރިއަށްގެންދިޔަ ހާއްސަ ސާވޭއަކަށް ބިނާކޮށްގެން ކަމަށެވެ.

އެ ސާވޭގެ ނަތީޖާއިން މާލެ ސަރަހައްދާއި އަތޮޅުތެރޭގެ ރަށްތަކުގައި ކުޑަކުދިންނާއި ޒުވާނުންގެ އިތުރުން ދޮށީ އުމުރުގެ މީހުންނަށް ވެސް ލައިބްރަރީގެ ބޭނުންތެރިކަން ބޮޑުވެފައިވާ މިންވަރު ސާފުވެފައިވާ ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުންޏެވެ. އެގޮތުން ރަށްތަކުގެ އާބާދީގެ ސައިޒަށް ބަލައި ގާއިމްކުރާނެ ލައިބްރަރީތަކުގެ ހާއްސަ މޮޑެލްތަކެއްވެސް މިހާރު ވަނީ ކަނޑައަޅާފައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް