ޑރ. ހަސަން ހަމީދުގެ އިނގިރޭސި - ދިވެހި ބަސް ފޮތް ނެރުން.-- ފޮޓޯ: ސަން
ޑރ.ހަސަން ހަމީދުގެ އިނގިރޭސި - ދިވެހި ބަސް ފޮތް ނެރެފި
އިނގިރޭސި - ދިވެހި ބަސް ފޮތަކީ ދިވެހި ބަހަށް ލިބުނު އަގުހުރި ޚަޒާނާއެއް: ރައީސް މައުމޫން
މަރްޔަމް މުޙައްމަދު 24 އޯގަސްޓް 2026 (ހޯމަ)   07:35
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރ ޑރ. ޙަސަން ޙަމީދު ލިޔުއްވައި ތައްޔާރުކުރެއްވި "އިނގިރޭސި-ދިވެހި ބަސް ފޮތް" ރަސްމީކޮށް ނެރެފި އެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ މަރުކަޒީ އިދާރާގެ އޮޑިޓޯރިއަމްގައި އިއްޔެ މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ފޮތް ރަސްމީކޮށް ނެރެދެއްވީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމެވެ.

މި ފޮތް ރަސްމީކޮށް ނެރެދެއްވުމަށްފަހު، އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މިއީ ޑރ. ޙަސަން ޙަމީދުގެ ވަރަށް ބުރަ މަސައްކަތްޕުޅެއް ކަމަށާއި އެއީ އެއްދުވަހަކުން ނުވަތަ ދެދުވަހަކުން ކުރެވޭނެ މަސައްކަތެއް ނޫން ކަމަށެވެ. އަދި މިއީ އެތައް އަހަރެއްގެ ބުރަ މަސައްކަތްކަން ފާހަގަކުރައްވައި، ޑރ. ޙަސަން ޙަމީދަކީ މޮޅު ޢިލްމުވެރިއެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މި ފޮތުގެ ސަބަބުން ރާއްޖޭގެ ގިނަ ކިޔަވާކުދިންނަށާއި ބަސް ކުރިއަރުވަން މަސައްކަތްކުރާ މީހުންނަށް ގިނަގުނަ ފައިދާތަކެއް ލިބޭނެ ކަމަށް މައުމޫން ވެސް ވިދާޅުވިއެވެ.

އަދި އިނގިރޭސި-ދިވެހި ބަސްފޮތަކީ ދިވެހި ބަހަށާއި އަދަބިއްޔާތަށް ލިބުނު ވަރަށް އަގުހުރި ޚަޒާނާއެއް ކަންވެސް ރައީސް މައުމޫން ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ޑރ. ޙަސަން ޙަމީދު ވިދާޅުވީ، މި ފޮތަކީ މިއަދުގެ ހާލަތަށް ވަރަށް ބޮޑަށް ފެތޭ އަދި ގިނަ ބަޔަކަށް ގިނަ ފައިދާތަކެއް ލިއްބައިދޭނެ ފޮތެއް ކަމަށެވެ.

ޚާއްޞަކޮށް ކިޔަވާ ކުދިންނަށާއި ދިވެހި ބަސް ދަސްކުރާ މީހުންނަށް ވެސް މި ފޮތުން ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށާއި، ދިވެހި ބަސް ކުރިއަރުވަން ބޭނުންވާ މީހުންނަށް މި ފޮތަކީ އެހީއަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ޙަސަން ޙަމީދު ލިޔުއްވި މި ބަސްފޮތުގައި 120،000 އަށް ވުރެ ގިނަ ބަސް ހިމެނޭއިރު، ފޮތުގެ ބަރުދަނުގައި 2.1 ކިލޯ ހުރެއެވެ.

ޑރ. ޙަސަން ޙަމީދަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއާއި، ސައިންސާއި، ފަލަކީ އިލްމުގެ ދާއިރާއިން ފާހަގަކޮށްލެވޭ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އިލްމީ ބޭފުޅެކެވެ.

ފިޒިކްސް، ހިސާބު އަދި ފަލަކީ އިލްމުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ ޑރ. ޙަސަން ޙަމީދަކީ ސައިންސާއި، ތާރީޚާއި، އިސްލާމީ ފަލަކީ އިލްމާ ގުޅޭގޮތުން ގިނަ ފޮތްތަކާއި މަޒުމޫނުތައް ލިޔުއްވައި، ތަޢުލީމީ ދިރާސާތައް ކުރައްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓް