
ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ ޢާލިމްގެ މަންމައާއި ބައްޕަ އެވެ.
"މާޔޫސީ ހިތްތަކަށް ތަސައްލީއެއް" ގެ ގޮތުގައި ޢާލިމް ގެނެސްދެއްވި މި ފޮތުގައި ހަ ބާބުގެ މައްޗަށް ޖުމްލަ 448 ސޮފްހާ ހިމެނެއެވެ.
ފޮތް ނެރުމުގެ ކުރިން 700 އަށް ވުރެ ގިނަ ފޮތް ޕްރީ-އޯޑަރު ކޮށްފައިވާ ކަމަށާއި އެއީ ފޮތަށް އޮތް ޝައުގު ހާމަވީ ކަމެއްގެ އިތުރުން ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަން ޢާލިމް ފާހަގަކުރައްވާފައި ވެއެވެ.
"އޭ ހިތާއެވެ. ކެތްތެރިވާށެވެ." އަކީ ދިރިއުޅުމުގައި ދިމާވާ ދަތި އުނދަގޫ ހާލަތްތަކުން އަރައިގަތުމަށް ޓަކައި ކިޔުންތެރިންނަށް ހިތްވަރެއް ލިއްބައިދިނުމުގެ މަގްސަދުގައި އާލިމް ލިޔުއްވި ފޮތެކެވެ. މި ފޮތުގައި އެކި މީހުންގެ ދިރިއުޅުމުގައި ތަހައްމަލުކުރާ ހިތްދަތިކަމާއި، ދަތިތަކުގެ ވާހަކަތަކުގެ އިތުރުން، ނަބީބޭކަލުންގެ ހަޔާތްޕުޅުގެ ވާހަކަތައް ވެސް ހިމެނެއެވެ. ދީނީ ނަޒަރަކުން ބަލާއިރު، މި ފޮތުގައި މުހިންމު ނަސޭހަތްތަކާއި، ޒުވާނުންނާ ގުޅޭ، އުންމީދުން ފުރޭ ގިނަ ވާހަކަތަކެއް ވަނީ ހިމަނާފައެވެ.
ފޮތް ނެރުމުގެ ހަފްލާގައި، އާލިމް ވަނީ އޭނާ ނޫސްވެރިކަމުގެ ދާއިރާއަށް ނެރެދިނުމުގައި އެހީތެރިވެދެއްވި ފަރާތްތަކަށާއި، އާއިލާއާއި، އެކުވެރިންނަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
އަންނަ އަހަރުގެ ތެރޭ އިތުރު ފޮތެއް ނެރުމުގެ މަސައްކަތް މިހާރު ވެސް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އާލިމް މި ހަފްލާގައި ހާމަކުރެއްވި އެވެ.
ފޮތުގެ އަގު:
އޯޑަރު ކުރެއްވުމަށް 7858092 ނުވަތަ 7535164




