
މާލެ ސިޓީ ކައުންސިލްގެ އިސްލާމިކް އެންޑް ކަލްޗަރަލް އެފެއާޒް ކޮމެޓީއިން ނެރުނު މި ފޮތް ނެރެފައި ވަނީ، ރާއްޖޭގެ އިސްލާމީތާރީހާއި ސަގާފަތާއި ތަރިކައާއި ބެހޭ ގޮތުން އިއްޔެ ހަވީރު ބޭއްވި ޕެނަލް މަޝްވަރާގެ ރައްމިއްޔާތުގެ ތެރޭގައެވެ.
އެ ރަސްމިއްޔާތުގައި "ޚާއްޞަ ގޮފިކޮޅު" ފޮތް ނެރެދެއްވީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މީކާއީލް މުހައްމަދު ރިޔާޟް އެވެ.
މި ފޮތުގައި ހިމަނާފައިވާ ބައިތަކަށް ބަލައިލާއިރު، އެންމެ ފާހަގަކޮށްލެވެނީ ރާއްޖެ އިސްލާމްދީން ގަބޫލުކުރުމަށް މެދުވެރިވި ހާދިސާކަަމަށް ބުނާ، ރަންނަމާރި ވާހަކައިގެ ދިރާސާއެއް މި ފޮތުގައި ހިމަނައިފައިވާ ކަމެވެ.
ސަލްޓަން ޕާކުގައި އިއްޔެ ހަވީރު ކުރިއަށްދިޔަ ރަސްމިއްޔާތުގައި ސިޓީ ކައުންސިލްގެ އެކި ދާއިރާތަކުގެ ކައުންސިލަރުންނާއި، ކައުންސިލްގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ މުވައްޒަފުން އަދި އާންމުން ވެސް ބައިވެރިވެވަޑައިގެންނެވިކަން ފާހަގަކޮށްލެވެއެވެ.
މި ޕެނަލް ޑިސްކަޝަންގެ މައިގަނޑު މަގުސަދަކީ ދިވެހިންގެ މެދުގައި އިސްލާމީ ވަހުދަތާއި ތާރީހީ ހޭލުންތެރިކަން އިތުރުކުރުން ކަމަށް މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.
ދިވެހިރާއްޖެ އިސްލާމް ދީން ގަބޫލުކުރިތާ ނުވަ ސަތޭކަ އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ހާއްސަހަރަކާތްތަކެއް ފެށުމުގެ ގޮތުން ސަލްޓަންޕާކުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވީ ހޮނިހިރު ދުވަހުގެ ރެއެވެ.
މި ރަސްމިއްޔާތުގައި 'ޤުރުއާން މެހެފިލް' މި ނަމުގައި ތަޖުވީދުގެ ރީތިމަގުން ކީރިތިޤުރުއާން ކިޔަވާ މުރާޖަޢާކުރުމުގެ ވަރަށް ހާއްސަ ދަންފަޅިއެއް ކުރިއަށް ގެންގޮސްފައި ވާއިރު، މެހެފިލްއަށް ފަހު، ޒުވާނުންނަށް ހާއްސަކޮށްގެން 'ކޮފީ ސައްލާ' މި ނަމުގައި، އިސްލާމް ދީނާ ގުޅޭގޮތުން ހާއްސަކޮށް ޒުވާނުން އަދި ޖުމްލަކޮށް މުޅި ރައްޔިތުން ހޭލުންތެރިކުރުވުމުގެ ދަންފަޅިއެއް ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.
މި ދަންފަޅި ކުރިއަށް ގެންގޮސްފައި ވަނީ، މާލެ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން އެންމެހާ ހާޒިރީންނަށް ދީފައިވާ ކޮފީއަކާވެސް އެކުގައިކަން ފާހަގަކޮށްލެވެއެވެ.
ހިޖުރައިން 1374 ވަނަ އަހަރުން ފެށިގެން، ކޮންމެ ހިޖުރީ އަހަރެއްގެ ވެސް ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަސް ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، މާލެސިޓީ ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި ރާއްޖެ އިސްލާމްވިތާ ނުވަ ސަތޭކަ އަހަރު ފުރުން ކުލަގަދަކޮށް މި ފާހަގަ ކުރަނީ، ﷲގެ ރަޙުމަތާއެކުގައި އިސްލާމްދީނުގެ ހިދާޔަތުގެ ދަށުގައި ރާއްޖެ ވޭތުކުރާ ކޮންމެ ދުވަހެއް ވެސް އަދި އަހަރެއް ވެސް އެއީ އެކަމަށް ޝުކުރުވެރިވެ އެކަން އެގޮތުގައި ދެމި އޮތުމުގެ އަޒުމް އާކުރަންވީ މުނާސަބާއެއް ކަމަށް ވާއިރު ރާއްޖޭގެ އިސްލާމީ ހަޔާތުންގަރުނެއް ވޭތުކުރުމަކީ ވަރަށް ކުލަގަދަކޮށް ފާހަގަކުރުން މުހިންމުކަމެއް ކަމަށް ދެކިގެން ކަމަށެވެ.
ދިވެހިރާއްޖެ އިސްލާމް ދީން ގަބޫލުކޮށްފައި ވަނީ، މީލާދީން 1153 ވަނަ އަހަރު (ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ ތެރޭގައި) ރާއްޖޭގެ ރަސްގެފާނު އިސްލާމްވެވަޑައިގަތުމާ ގުޅިގެންނެވެ.
މި ދުވަސް ރާއްޖޭގެ ދައުލަތުން އެންމެ ފުރަތަމަ ފާހަގަކުރީ، ހިޖުރައިން 1374 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހުއެވެ. އެއީ މީލާދީން 1954 ވަނަ އަހަރުއެވެ.
ޤައުމީފެންވަރުގައި މި ދުވަސް ފާހަގަކުރުން ހުއްޓިފައި އޮތުމަށްފަހު، އަލުން ގަައުމީ ފެންވަރެއްގައި މި ދުވަސް ފާހަގަކުރަން ފެއްޓެވީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގެ ތެރޭގައިކަން ފާހަގަކޮށްލެވެއެވެ.




