އާޖެންޓީނާއަށް ސަޕޯޓްކުރާ ބަންގްލަދޭޝްގެ ރައްޔިތުންތަކެއް.-- ފޮޓޯ: އަލްޖަޒީރާ
ބަންގްލަދޭޝް އާއި އާޖެންޓީނާ، ފުޓްބޯޅައިގެ ލޯބީގެ ވާހަކައެއް!
ފިޔެސް 19 ޖުލައި 2026 (އާދީއްތަ)   09:40
ރާއްޖޭގައި ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ މަސައްކަތްތެރިން އުޅެމުންދާއިރު، ކޮންމެ ފަހަރެއްގެވެސް ވޯލްޑްކަޕާއެކު ފެންނަމުންދާ މަންޒަރުތަކުން އެމީހުންނާއި އާޖެންޓީނާއާ އޮތީ ކޮން ގުޅުމެއްތޯ މިއީ އުފެދިދާނެ ސުވާލެކެވެ. އާޖެންޓީނާ މެޗްތައް ބަލަން އެމީހުން ދޭ ޝައުގުވެރިކަމާއި މެޗަކުން މޮޅުވެއްޖިއްޔާ ނަގާ ފޯރި މިއީ ގިނަ ދިވެހިންނަށް ތަޖުރިބާ ކުރެވިފައި ހުންނާނެ ކަންކަމެވެ.

ތިރީގައި މި ބަލައިލަނީ ބަންގްލަދޭޝްގެ ގިނަ ބަޔަކު އާޖެންޓީނާއަށް ސަޕޯޓްކުރާ ސަބަބާ ގުޅޭގޮތުން އަލްޖަޒީރާ އިން ގެނެސްދީފައިވާ ރިޕޯޓެއްގެ ޚުލާސާ އަށެވެ. އެ ރިޕޯޓް ލިޔެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ނޫސްވެރިޔާ މައުސުމް ބިއްލާހް އެވެ.

ކޮންމެ ފީފާ ވޯލްޑް ކަޕަކާއެކު ބަންގްލަދޭޝްއިން ފެންނަނީ އާންމު މަންޒަރެކެވެ. މަގުތައް އާޖެންޓީނާގެ ނުލާއި ހުދު ކުލައިން ޒީނަތްތެރިކޮށް، ފުރާޅުތަކުގައި ބޮޑެތި ދިދަތައް ހަރުކޮށް، ލިއޮނަލް މެސީ އާއި އޭނާގެ ޓީމުން ޖަހާ ކޮންމެ ގޯލަކާއެކު އެތައް ހާސް ސަޕޯޓަރުންނެއް އުފާފާޅުކުރާ މަންޒަރެވެ. ބަންގްލަދޭޝް އާއި އާޖެންޓީނާއާ ދެމެދު 17،000 އަށްވުރެ ގިނަ ކިލޯމީޓަރުގެ ދުރުމިނެއް ހުރި ނަމަވެސް، އަދި ސަގާފަތުގެ ގޮތުން ބޮޑެތި ތަފާތުތަކެއް ހުރި ނަމަވެސް، މި ދެކުނު އެމެރިކާގެ ގައުމުގެ ފުޓްބޯޅަ ޓީމަށް ގައުމުން ބޭރުގައި އޮތް އެންމެ ބޮޑު އެއް ސަޕޯޓަރުންގެ އާބާދީ އޮތީ ބަންގްލަދޭޝްގައެވެ.

މަރަޑޯނާއާއެކު ފެށުނު ތާރީޚީ ގުޅުމެއް

ބަންގްލަދޭޝްއިން އާޖެންޓީނާއަށް ކުރާ ތާއީދުގެ އަސްލު ގުޅިފައިވަނީ 1986 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއެވެ. އެ މުބާރާތަކީ ބަންގްލަދޭޝްގެ މިލިއަނުން ގުނާލެވޭ ބެލުންތެރިންނަށް ޑިއޭގޯ މަރަޑޯނާގެ ހުނަރުވެރިކަން ފެނިގެންދިޔަ މުބާރާތެވެ. އޭނާގެ އާދަޔާޚިލާފު ކުޅުމާއެކު އާޖެންޓީނާ ދުނިޔޭގެ ތަށި އުފުލާލިއެވެ.

ކުއާޓާ ފައިނަލުގައި އިންގްލެންޑްގެ މައްޗަށް މަރަޑޯނާ ހޯދި މަޝްހޫރު ކާމިޔާބީއަކީ ގިނަ ބަންގްލަދޭޝް ރައްޔިތުންގެ ހިތްތަކާ ގުޅިފައިވާ ކަމެކެވެ. ބަންގްލަދޭޝްއަށް މިނިވަންކަން ލިބުނުތާ އޭރު ވީ އެންމެ 15 އަހަރެވެ. އަދި އިނގިރޭސި އިސްތިއުމާރީ ވެރިކަމުގެ ހަނދާންތައް އޭރުވެސް އެ ގައުމުގެ ތާރީޚީ ހޭލުންތެރިކަމުގެ ތެރޭގައި ދެމިއޮތެވެ. މައިގަނޑު ޝައުގުވެރިކަމަކީ ސިޔާސީ ކަމެއް ނޫން ނަމަވެސް، އިންގްލެންޑާ ދެކޮޅަށް މަރަޑޯނާ ދެއްކި ހަނދާނުން ނުފޮހެވޭނެ ކުޅުމުގެ ސަބަބުން ގިނަ ސަޕޯޓަރުންގެ ހިތްތަކުގައި ޖަޒުބާތީ ހާއްސަކަމެއް އުފެދުނެވެ.

ޖީލުން ޖީލަށް ފޯރުކޮށްދެވުނު ފުޓްބޯޅަ

ބަންގްލަދޭޝްގެ ގިނަ އާއިލާތަކަކަށް އާޖެންޓީނާއަށް ސަޕޯޓްކުރުމަކީ އާދަކާދައަކަށް ވެފައިވާ ކަމެކެވެ. މަރަޑޯނާއަށް ތާއީދުކުރި މައިންބަފައިން އެމީހުންގެ ދަރިންނަށް އާޖެންޓީނާ ތައާރަފުކޮށްދިނެވެ. އަދި އާ ޖީލުތަކުން އެ ވަފާތެރިކަން ދެމެހެއްޓިއެވެ.

ލިއޮނަލް މެސީގެ އައުމާއެކު މި ގުޅުން އިތުރަށް ވަރުގަދަވިއެވެ. އޭނާގެ ހުނަރާއި، މަޑުމައިތިރިކަމާއި، ވޯލްޑް ކަޕް ތަށި ހޯދުމަށް ކުރި ދިގު އިންތިޒާރުން މިލިއަނުން ގުނާލެވޭ ޒުވާން ސަޕޯޓަރުންނަށް ހިތްވަރު ލިބުނެވެ. 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އާޖެންޓީނާއިން ކާމިޔާބުކުރުމުން، އިތުރު ޖީލެއްގެ ވަފާތެރި ސަޕޯޓަރުން އުފެދުނެވެ. އަދި 2026 ވަނަ އަހަރުގެ މުބާރާތާ ހަމައަށްވެސް މި ފޯރި ވަނީ ވަރުގަދަކޮށް ދެމިއޮވެފައެވެ.

ބަންގްލަދޭޝްގެ އަމިއްލަ ވޯލްޑްކަޕް ހުވަފެން

ބަންގްލަދޭޝްއަށް ދުވަހަކުވެސް ފީފާ ވޯލްޑް ކަޕަކަށް ކޮލިފައިވެވިފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން، ގިނަ ފުޓްބޯޅަ ލޯބިވެރިން މުބާރާތުގެ ތެރޭގައި ސަޕޯޓްކުރުމަށް ބައިނަލްއަގުވާމީ ޓީމެއް އިޚްތިޔާރުކުރެއެވެ. ތާރީޚީ ގޮތުން ބަލާއިރު، އާޖެންޓީނާ އާއި ބްރެޒިލްއަކީ އެންމެ މަގުބޫލު ދެ ޓީމެވެ. މިއީ ދެކުނު އެމެރިކާއިން ބޭރުގައި ދުނިޔޭގެ އެންމެ ފޯރިގަދަ ފުޓްބޯޅަ ވާދަވެރިކަން އުފެދޭ އެއް ތަނެވެ.

އަވަށްތަކުގައި އާންމުކޮށް މެޗުތައް ބެލުމަށް ސްކްރީންތައް ބަހައްޓައި، މުޅި މަގުތައް އެމީހުންގެ ފޭވަރިޓް ޓީމުތަކުގެ ގައުމީ ދިދަތަކުން ޒީނަތްތެރިކޮށް، އަމިއްލަ ގައުމު ވާދަކުރާ ފަދަ ފޯރިއެއްގައި ކާމިޔާބީތައް ފާހަގަކުރެއެވެ.

ޚާރިޖީ ގުޅުންތައް ވަރުގަދަކޮށްދޭ 

ބަންގްލަދޭޝްގެ މި ފޯރީގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށްވެސް ވަނީ އަސަރުކޮށްފައެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ތެރޭގައި ބަންގްލަދޭޝްގައި ބޭއްވި ބޮޑެތި އުފާފާޅުކުރުންތަކަށް ބައިނަލްއަގުވާމީ ސަމާލުކަން ލިބުމާ ގުޅިގެން، 45 އަހަރުގެ މެދުކެނޑުމަކަށްފަހު 2023 ވަނަ އަހަރު އާޖެންޓީނާއިން ވަނީ ޑާކާގައި އެ ގައުމުގެ އެމްބަސީ އަލުން ހުޅުވާފައެވެ. ޚާރިޖީ އަދި އިގްތިސާދީ ކަންކަން މައިގަނޑު ދައުރެއް އަދާކުރި ނަމަވެސް، ދެ ގައުމުގެ އޮފިޝަލުންވެސް ވަނީ ރައްޔިތުންގެ މެދުގައި އޮތް ގުޅުން ވަރުގަދަކުރުމަށް ފުޓްބޯޅަ އެހީތެރިވެދިންކަމަށް އެއްބަސްވެފައެވެ.

ހަމައެކަނި ފުޓްބޯޅައަށްވުރެ ބޮޑު ކަމެއް

މިއަދު، ބަންގްލަދޭޝްއިން އާޖެންޓީނާއަށް ކުރާ ތާއީދަކީ ހަމައެކަނި މެޗުތަކުން މޮޅުވުމަށްވުރެ މާ ފުން ގުޅުމެކެވެ.މީގެއިން ރަމްޒުކޮށްދެނީ މަރަޑޯނާ އާއި މެސީ ފަދަ ލެޖެންޑަރީ ކުޅުންތެރިންނަށް އޮތް އިހުތިރާމާއި، އާއިލީ އާދަކާދަތަކާއި، ޓީމުގެ ކުޅުމުގެ ވައްޓަފާޅިއަށް އޮތް ޖަޒުބާތީ ގުޅުމާއި، އަދި އެތައް އަހަރެއްވީ ފުޓްބޯޅައިގެ ސަގާފަތެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި އާޖެންޓީނާ ވާދަކުރަމުންދާއިރު، ބަންގްލަދޭޝްގެ އެތައް މިލިއަން ސަޕޯޓަރުންނެއް ދަނީ އާޖެންޓީނާގެ ދިދަތައް ހޫރުވައި، ކޮންމެ ކާމިޔާބީއެއް އާދަޔާ ހިލާފު ފޯރިއަކާއެކު ފާހަގަކުރަމުންނެވެ. މިއީ ކުޅިވަރުގެ ޒަރީއާއިން ބައްރުތަކާއި ސަގާފަތްތައް ފަހަނައަޅައި މީހުން އެއްބައިވަންތަ ކުރެވިދާނެ ގޮތުގެ ދުނިޔޭގެ އެންމެ ތަފާތު އެއް މިސާލެވެ.

މިފަހަރުގެ ވޯލްޑްކަޕާއެކު ފެނުނު ބައެއް މަންޒަރު

މިފަހަރުގެ ވޯލްޑްކަޕްގައި އާޖެންޓީނާއާއި މިސްރު ބައްދަލުކުރިރޭ ވައިރަލްވި ވީޑިއޯއެއްގައި ފެންނަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އާޖެންޓީނާގެ ސަޕޯޓަރަކު މަޔޫސްވެ، ވަރުދެރަވެ ހާލެއް ނެތިފައި އޮއްވައެވެ. މެޗު ނިމެން ކުޑަތަންވިއިރުވެސް މިސްރު އޮތީ 2-0 ގެ ލީޑުގައެވެ. ސަޕޯޓަރު ގަޔަށް ފެންއަޅާ އޭނާ ހަމަޖައްސަން މަސައްކަތް ކުރިނަމަވެސް އޭނާ ހާލެއް ނެތެވެ. އެހެނަސް ކައިރި ކައިރީގައި އާޖެންޓީނާގެ ލަނޑުތައް ޖެހިކަމުގެ ޚަބަރު ދިނުމާއެކު، އޭނާގެ ހާލަތު ހަމައަކަށް އެޅެއެވެ. ޝުކުރުގެ ސަޖިދަ ޖަހައެވެ. މިފަދަ އެތައް ވީޑިއޯއެއް ސޯޝަލް މީޑިއާއިން ފެނެއެވެ.

ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުގައި އާޖެންޓީނާ ރައްޔިތުންނަށްވުރެވެސް ބޮޑަށް އާޖެންޓީނާގެ ފުޓްބޯޅަ ޓީމާއި މެސީ ދެކެ ބަންގްލަދޭޝް ގިނަ ބަޔަކު ލޯބިވެއެވެ. އާޖެންޓީނާ ފިޔަވައި ބަންގްލަދޭޝް ގިނަ މީހުން ސަޕޯޓްކުރަނީ ބްރެޒިލް އަށެވެ. ބްރެޒިލަށް ސަޕޯޓްކުރާ މީހުންނާ ދެކޮޅަށް ބަންގްލަދޭޝްގައި ހަމަނުޖެހުންތައް ހިންގައެވެ. މި ވޯލްޑްކަޕް ތެރޭގައި ހިނގި އެފަދަ ހަމަނުޖެހުންތަކުގައި ބަންގްލަދޭޝް އިން މަރުވި މީހުންގެ އަދަދު ވިއްސާ ކައިރި ކުރާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިރެއަކީވެސް އާޖެންޓީނާގެ ސަޕޯޓަރުންނަށް ބޮޑު ރެއެކެވެ. ވޯލްޑްކަޕް އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ފައިނަލުގައި މިރޭ ސްޕެއިންނާ ބައްދަލުކުރާނީ ޗެމްޕިއަންކަން ދިފާއު ކުރުމުގެ އަޒުމުގައެވެ. ސަޕޯޓަރުންގެ ޖޯޝާއި ފޯރި ހުންނާނީ ޓީމު ސީދާ އެ މިސްރާބަށް ގެންދިއުމުގެ ރޫހުގައެވެ.

ކޮމެންޓް