ރާއްޖޭގެ ރިސޯޓެއްގައި ޓޫރިސްޓުންނަށް ޚިދުމަތް ދެނީ.-- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު ފަސް އިންސައްތަ ދަށަށް
މަރްޔަމް މުޙައްމަދު 19 ޖުލައި 2026 (އާދީއްތަ)   10:43
މި އަހަރުގެ މިހާތަނަށް 1.1 މިލިއަން ޓޫރިސްޓުން އައި އިރު މިއީ މިދިޔަ އަހަރަށް ވުރެ ފަސް އިންސައްތަ ދަށްވުމެއް ކަމަށް، ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން، ޖެހިގެން އައި މާރިޗު މަހުން ފެށިގެން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެ، ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މި މަހުގެ މިހާތަނަށް ރާއްޖެ އަށް އައިސްފައިވަނީ 79،000 ޓޫރިސްޓުންނެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް 82،000 ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވާއިރު، މި މަހުގެ މިހާތަނަށް ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު މިވަނީ 3.5 އިންސައްތަ ދަށްވެފައި ކަމަށް ތަފާސްހިސާބުތަކުން ފާހަގަވެއެވެ.

އަދި މި އަހަރު ފެށިގެން މިހާތަނަށް 1.1 މިލިއަން ޓޫރިސްޓުން އައިސްފައި ވެއެވެ. އެހެންކަމުން މިއީ މިދިޔަ އަހަރަށް ވުރެ ފަސް އިންސައްތަ ދަށްވުމެއްކަމަށް ފާހަގަކުރެވެއެވެ.

މިދިޔަ އޭޕްރީލް މަހަކީ އެންމެ ބޮޑަށް ޓޫރިސްޓުން މަދުވި މަސް ކަމަށްވާއިރު، އޭޕްރީލް މަހު ރާއްޖެ އައި ސްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހަށް ވުރެ 24 އިންސައްތަ ދަށް އަދަދެއްގެ ޓޫރިސްޓުންނެވެ.

އަދި މާރިޗް މަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ 19 އިންސައްތަ އަށް ދަށްވެފައި ކަން ފާހަގަކުރެވޭއިރު، އެހެން އަހަރުތަކުގެ އެ މަހަކީ އާންމު ގޮތެއްގައި ޔޫރަޕްގެ މަންޒިލްތަކުން ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ މަސް ކަން ވަނީ ފާހަގަކުރެވިފައެވެ.

އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އަށް މި އަހަރު ޒިޔާރަތްކުރީ ޗައިނާއިން ކަމަށް ވާއިރު، ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރީ ރަޝިއާއިންނެވެ.

އަދި ތިންވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އަށް މި އަހަރު ޒިޔާރަތްކުރީ އިނގިރޭސި ވިލާތުން ކަމަށްވާއިރު، ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގައި ގިނައީ ޔޫރަޕްގެ ގައުމުތައް ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޖަރުމަނާއި ފްރާންސް އަދި އިޓަލީ އާއި ސްވިޒަލެންޑް އޭގެތެރޭގައި ފާހަގަކޮށްލެވެއެވެ.

ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ 73 އިންސައްތަ ރިސޯޓުތަކުގައި ހޭދަކުރާއިރު، މި އަހަރުގެ މިހާތަނަށް 8 ލައްކަ އަށް ވުރެ ގިނަ ޓޫރިސްޓުން ރިސޯޓުތަކުގައި ޓޫރިސްޓުން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.

މީގެ އިތުރުން، ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރުމަށް 250،000 ޓޫރިސްޓުން އައިސްފައިވާއިރު، އެއީ ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ 23 އިންސައްތަ ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް