
މިކަން ދޮގުކޮށް، އެމްޓީޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ގދ.މަގުއްދުވާ، ބ.ކިހަވައްހުރަވަޅި އަދި ހދ.ނާގޯށީގެ ހެޑްލީޒް ހައްގުތައް ނުވަތަ ހެޑްލީޒްއާ ގުޅުންހުރި އެންމެހާ ހައްގުގެ އެއްވެސް މިންވަރެއް ވިއްކުމަށް ނުވަތަ ދޫކުރުމަށް ވެސް ނިންމާފައިނުވާ ކަމަށާ، އެ ތިން ރަށަކީ ދިވެހި ސަރުކާރާ އެމްޓީޑީސީއާ ދެމެދު ސޮއިކޮށްފައިވާ ލީސް އެއްބަސްވުންތަކުގެ ދަށުން ޓޫރިސްޓް ރިސޯޓު ތަރައްގީކޮށް ހިންގުމަށް އެ ކޯޕަރޭޝަނުން ކުއްޔަށް ހިފާފައިވާ ތިން ރަށް ކަމަށެވެ.
އެހެންކަމުން އެ ތިން ރަށުގެ ހެޑްލީސްއާ ގުޅޭ އެންމެހާ ހައްގުތަކުގެ މިލްކުވެރި ފަރާތަކީ ވެސް އެމްޓީޑީސީ ކަމަށް އެ ކޯޕަރޭޝަނުގެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި އެ ކޯޕަރޭޝަންގެ ދަށުގައިވާ އެއްވެސް ރަށެއްގެ ހެޑްލީސް ނުވަތަ ހެޑްލީސްއާ ގުޅުން ހުރި ހައްގުގެ އެއްވެސް މިންވަރެއް ވިއްކުމަށް އަދި އެހެން ފަރާތަކަށް ދޫކޮށްލަން ނިންމާފައި ނުވާ ކަމަށް ވެސް އެމްޓީޑީސީގެ ބަޔާނުގައި ވެއެވެ.
އަދި އެ ނޫން އެފަދަ އެހެން މުއާމަލާތެއް މެދުވެރިކޮށް އެ ކުންފުންޏަށް ލިބިފައިވާ މިލްކުވެރިކަމުގެ ހައްގު ނުވަތަ މަސްލަހަތު، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ގެއްލޭ ފަދަ ނުވަތަ ހަނިވާ ފަދަ އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
އަދި އެފަދަ މަޝްވަރާއެއް ވެސް އެއްވެސް ފަރާތަކާއެކު ކުރިއަށް ނުދާ ކަމުގެ ޔަގީންކަން ދެމުން، އެމްޓީޑީސީން ބުނީ، ކުރިއަށް އޮތްތަނުގައި ވެސް ގާނޫނުތަކާއި ގަވާއިދުތަކާއި ލިސްޓިން ރޫލްސްތަކާ އެއްގޮތަށް، ހާމަކުރަން ޖެހޭ ކަންކަން ހާމަކުރަމުންދާނެ ކަމަށެވެ.
އެއާ ހިލާފަށް އެމްޓީޑީސީގެ ބައެއް ހަރުމުދާ ނުއަގުގައި ވިއްކާލަން އުޅޭ ކަމަށް ބަޔާންކޮށް މީޑިއާގައި ދައުރުވާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް އެ ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.




