ޕާލް ރެޒިޑެންސް ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހެންލީ އެންޑް ޕާޓްނާސް އާއެކު ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ބޮޑެތި ތުހުމަތުތަކާއެކު ޕާލް ރެޒިޑެންސް ޕްރޮގްރާމް ހުއްޓުވަން މަޖިލީހަށް
ޖުނާން އަޙުމަދު 19 ޖުލައި 2026 (އާދީއްތަ)   15:13
ރާއްޖޭގައި ބޮޑެތި އިންވެސްޓްތައް ކުރާ އިންވެސްޓަރުންނަށް ހާއްސަ ކޮށްގެން ތައާރަފްކުރާ ޕާލް ރެސިޑެންސީ ވިސާ ދިނުމުގެ އުސޫލަށް ބޮޑެތި ތުހުމަތުތަކެއްކޮށް، އެކަން ހުއްޓުވަން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ބޭއްވި އިންވެސްޓާ ފޯރަމްގެ ތެރެއިން ޕާލް ރެސިޑެންސް ޕްރޮގްރާމް ފަރުމާކުރަން ދުނިޔޭގެ ނަން މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހެންލީ އެންޑް ޕާޓްނާސްއާ ހަވާލުކުރި އެވެ. އެއީ ރާއްޖޭގައި އިންވެސްޓްކޮށް ދިގު މުއްދަތަކަށް ރާއްޖޭގައި ދިރިއުޅެވޭނެ ފުރުސަތު ދޭނެ ވިސާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމާ މެދު ބޮޑެތި ތުހުމަތަކެއްކޮށް އެކަން ހުއްޓުވަން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދެވެ.

މި މަހުގެ 13 ވަނަ ދުވަހު މަޖިލީހުގެ ގަވާއިދުގެ 189 ވަނަ މާއްދާގެ ދަށުން، ހުށަހަޅުއްވި މި ގަރާރާއެކު، ބިދޭސީންނަށް ރާއްޖޭގައި ދިރިއުޅުމުގެ ދާއިމީ ހުއްދަ ވިއްކުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދެފުށް ފެންނަ މިންވަރާއި، ގައުމީ މަސްލަހަތަށް ހުރި ނުރައްކާތަކާ މެދު ވަނީ ބޮޑެތި ދުސްތޫރީ އަދި ޖިނާއީ ސުވާލުތަކެއް އުފެދިފަ އެވެ.

މި ގަރާރުގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވާ އެއް ކަމަކީ، ގައުމުގެ ސިޔާދަތާ ގުޅުންހުރި މިފަދަ ބޮޑު ނިންމުމެއް ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނެއްގެ ބަދަލުގައި، ސަރުކާރުގެ އިދާރީ ނިންމުމެއްގެ ދަށުން ކަމަށް ވުމެވެ.

ޖުލައި 1، 2025 ގައި ސިންގަޕޫރުގައި "ހެންލީ އެންޑް ޕާޓްނާސް" އާއެކު ވެފައިވާ އެއްބަސްވުމުގެ މާލީ، ކޮންޓްރެކްޗުއަލް އަދި ގާނޫނީ ޝަރުތުތައް މަޖިލީހަށާއި ރައްޔިތުންނަށް ސިއްރުކޮށްފައި އޮތުމަކީ، ގާނޫނުއަސާސީގެ 70، 96 އަދި 97 ވަނަ މާއްދާއާ ސީދާ ހިލާފު ކަމެއްގެ ގޮތުގައި ގަރާރުގައި ވަނީ ސިފަކޮށްފަ އެވެ.

ބިދޭސީންނަށް ދިރިއުޅުމުގެ ހުއްދަ ދޫކުރުމަކީ އިމިގްރޭޝަނާއި، ގައުމީ ސަލާމަތާއި، ޓެކުހާއި، ދިވެހިރާއްޖޭގެ ބިންތަކާ ސީދާ ގުޅިފައިވާ ސިޔާދަތީ ކަމަކަށް ވާއިރު، މިފަދަ ނިންމުމެއް މަޖިލީހުގެ ބެލެނިވެރިކަމެއް ނެތް ގޮތަށް ކުރިއަށް ގެންދިއުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ޝަމްހީދުގެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2020 ވަނަ އަހަރު އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހުގެ ދަށުން 250,000 ޑޮލަރު ދިވެހި ބޭންކެއްގައި 5 އަހަރަށް ފިކްސްޑް ޑިޕޮސިޓްކޮށްގެން ރިޒާވް ވަރުގަދަކުރަން އޮތް ނިޒާމު ބަދަލުކޮށް، ބޭރުގެ ޑިވެލޮޕަރުންގެ އަތުން ވިލާ ގަތުމުން ދިރިއުޅުމުގެ ދާއިމީ ހުއްދަ ލިބޭ ގޮތަށް ހެދުމުން ދައުލަތުގެ ބޭންކިން ނިޒާމަށް އެއްވެސް ފައިދާއެއް ނުވާކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގެ ދަށުން "ސަސްޓެއިނަބަލް ރެޒިޑެންޝަލް ވިލާ" ތަކުގެ މުއާމަލާތްތަކުން ނަގާ ޓްރާންސްފާ ޓެކްސް 1 ޕަސެންޓަށް ކުޑަކޮށް، އިންކަމް ޓެކްސް އިސްތިސްނާކޮށްފައިވުމުން، 250,000 އެމެރިކާ ޑޮލަރުގެ ރެޒިޑެންޝަލް ޕްރޮޕަޓީއަކުން ދައުލަތަށް ޖުމްލަ ލިބެނީ އެންމެ 2,500 ޑޮލަރެވެ. މިއީ ދައުލަތުގެ ހަޒާނާއަށް ލިބޭ އިންތިހާ ބޮޑު ގެއްލުމެއް ކަމަށް ގަރާރުގައިވެ އެވެ.

މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ރަށްތަކާއި ފަޅުތަކުގެ މައްޗަށް ބޭރުގެ ކުންފުންޏަކަށް ޖީލަކަށްވުރެ ދިގު މުއްދަތުގެ ބާރުވެރިކަން ލިބި، އެސްއީޒެޑް ގާނޫނުގެ 79 ވަނަ މާއްދާގެ ދަށުން އެހެން ގާނޫނުތަކުގެ މައްޗަށް އެ ގާނޫނު އިސްވުމުގެ ސަބަބުން ދައުލަތުގެ ތެރޭގައި "ވަކި ދައުލަތެއް" އުފެދުމުގެ ދުސްތޫރީ ބިރު އޮތްކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

އަދި މިއީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި "ކަނޑު ވިއްކާލި" ކަމަށް ބުނެ ގައުމީ ސިޔާދަތުގެ ވައުދުގެ މައްޗަށް ބިނާކޮށް ވެރިކަމަށް އައި ސަރުކާރަކުން، ރާއްޖޭގެ ފަޅުތަކާއި ރަށްތައް ބޭރުގެ ކުންފުންޏަކަށް ދީގެން ބައިނަލްއަގުވާމީ ބާޒާރުގައި ވިއްކުން ކަމަށްވާތީ، މިއީ ރައްޔިތުންގެ ވޯޓާ ސީދާ ފުށުއަރާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

މި ޕްރޮގްރާމް ފަރުމާކޮށް ހިންގާ "ހެންލީ އެންޑް ޕާޓްނަރސް" އަކީ ޔޫރަޕިއަން ޔޫނިއަންގެ ކޯޓް އޮފް ޖަސްޓިސްއިން 2025 ވަނަ އަހަރު ގާނޫނާ ހިލާފު ކަމަށް ކަނޑައަޅާފައިވާ މޯލްޓާގެ "ސިޓިޒަންޝިޕް-ބައި-އިންވެސްޓްމަންޓް" ޕްރޮގްރާމް ހިންގި ކުންފުންޏެވެ. އެފްއޭޓީއެފް ފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް ވަނީ އެކަށީގެންވާ ސަލާމަތީ ފިޔަވަޅެއް ނެތް މިފަދަ މަޝްރޫއުތަކުގެ ސަބަބުން މަނީ ލޯންޑަރިން އާއި ޓެކުހަށް މަކަރު ހެދުމުގެ ފުރުސަތު ބޮޑުވާނެ ކަމުގެ އިންޒާރު ދީފައެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ގަރާރުން ސަރުކާރަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ؛

  • އިންވެސްޓްމެންޓް މެދުވެރިކޮށް ރެޒިޑެންސް ދިނުމާ ގުޅޭ ފުރިހަމަ ގާނޫނެއް މަޖިލީހުން ފާސްކުރަންދެން މި ޕްރޮގްރާމްގެ ހުރިހާ ހުށަހަޅުންތަކެއް ބަލައިގަތުމާއި ހުއްދަދިނުން ވަގުތުން ހުއްޓާލުން.
  • "ހެންލީ އެންޑް ޕާޓްނަރސް" އާއެކު ވެފައިވާ އެންމެހައި އެއްބަސްވުންތައް ކުރިއަށް އޮތް 14 ދުވަސް ތެރޭ މަޖިލީހަށް ހުށަހެޅުން.
  • ފިނޭންސް މިނިސްޓްރީ އާއި މީރާ ގުޅިގެން ދައުލަތަށް ލިބޭ ސާފު ފައިދާ އެނގޭނެ މާލީ ދިރާސާއެއް އާންމުކުރުން.
  • އެސްއީޒެޑް ގާނޫނުގެ ދަށުން ދޭ ލުއިތައް ކަނޑާލައި، މަދުވެގެން 4 ގެ އާންމު ޓެކްސް ރޭޓުން ޓެކްސް ނެގުމާއި ހާއްސަ ރެޒިޑެންސް ޕްރޮގްރާމް ލެވީއެއް ތައާރަފުކުރުން.
  • އެމްއެމްއޭގެ ލައިސަންސް އޮތް ބޭންކެއްގައި މުޅި މުއްދަތަށް ދަމަހައްޓާ ފިކްސްޑް ޑިޕޮސިޓެއް ލާޒިމުކުރުމާއި، ޕްރޮޕަޓީ ވިއްކުމުގެ ކުރިން މަދުވެގެން 10 އަހަރުގެ މުއްދަތެއް ކަނޑައެޅުން.
  • "ހެންލީ އެންޑް ޕާޓްނަރސް" ހޮވުނު ގޮތާއި، ޕްރޮޖެކްޓް އައިލާ އާއި އެހެނިހެން ޒޯނުތައް ކަނޑައެޅުނު ގޮތާއި، މަސްލަހަތުތު ފުށުއެރުންތަކާއި، މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުއާ އެއްގޮތްވާ މިންވަރު، އަދި އިމިގްރޭޝަން ގާނޫނުގެ 3 ވަނަ އިސްލާހު ތަންފީޒުކުރެވޭ ގޮތް އޭސީސީ، އޮޑިޓަ ޖެނެރަލް އަދި އެފްއައިޔޫ ގުޅިގެން ތަހުގީގުކުރުން.
  • އިކޮނޮމިކް މިނިސްޓަރު، ބަންޑާރަނައިބު، އިމިގްރޭޝަންގެ ކޮންޓްރޯލަ ޖެނެރަލް، އަދި އެމްއެމްއޭގެ ގަވަރުނަރު މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުން.
  • މި މައްސަލަ ކޮމިޓީއަކުން ބަލައި 60 ދުވަސް ތެރޭ ރިޕޯޓް ހުށަހެޅުމާއި، ޕްރޮގްރާމްގެ އަހަރީ ރިޕޯޓެއް މަޖިލީހަށް ހުށަހަޅަމުން ދިއުން.
ކޮމެންޓް