
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރުމަށް ސަރުކާރުން ނިންމައިފި ނަމަ، އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރުމަށް ހުށހެޅި އިސްލާހާ ދެކޮޅަށް ތުޅާދޫ ކައުންސިލުން ނެރުނު ގަރާރުގައި، ސޮއިކުރައްވާފައިވާ ކައުންސިލަރުންގެ ތެރެއިން ތުޅާދޫގެ ކައުންސިލް ރައީސް އަހްމަދު އަފްރާހް އާއި ނައިބުރައީސް ޝިހާބް އަލީއަކީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ކަން ފާހަގަކޮށްލެވެއެވެ.
އަދި މީގެ އިތުރުން އެ ކައުންސިލްގައި މިނިވަން މެންބަރުންގެ ގޮތުގައި ތަމްސީލުކުރާ ދެ ކައުންސިލަރުން ވެސް ހިމެނޭއިރު އެ ދެ ކައުންސިލަރުންނަކީ، ސާޖިދާ އަބްދުއްރަހްމާން އާއި ސިފްނާ ރަޝާދު އެވެ.
މި ހަތަރު މެންބަރުންނާއި، އެ ކައުންސިލްގައި ހިމެނޭ، ވެރިކަންކުރާ ޕީއެންސީގެ ޔާސިރު މުހައްމަދު ވެސް ހިމެނޭގޮތަށް ޖުމްލަ ފަސް ކައުންސިލަރުން ވެސް ވަނީ އެ ކައުންސިލުން ނެރެފައިވާ މި ގަރާރުގައި ސޮއިކުރައްވާފައި ކަން ފާހަގަކޮށްލެވެއެވެ.
ލާމަރުކަޒީ ގާނޫނުގެ 2-56 ވަނަ މާއްދާ އިތުރުކުރާ އަކުރެއްގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައިވާ އެ އިސްލާހުގައި ބުނަނީ، ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެތަންތަން ކައުންސިލުގެ އިހުތިސާސުން ވަކި ކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށެވެ. އަދި މިފަދައިން މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލުގެ އިހުތިސާސްގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލިހުން ނިންމުމަށްފަހު އެކަން ކައުންސިލަށް އެންގުމުން އެބިމެއް ނުވަތަ ތަނެއް ކައުންސިލުގެ މިލްކިއްޔަތުން ވަކިވީ ކަމަށެވެ. އެހިސާބުން ދައުލަތުގެ ފުރިހަމަ ބާރުހިނގާ ބިމާއިތަންތަންތަން ކަމަށް ވެގެންދާނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައި ވެއެވެ.
އިސްލާހުގައި އޮތް ގޮތުން އެކަމުގައި ކައުންސިލާ މަޝްވަރާ ކުރުމެއްވެސް ނުވަތަ ކައުންސިލުގެ އެއްވެސް ބަހެއް ބޭނުމެއް ނުވެއެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގައި ހިމަނާފައިވާ އަނެއް ބަދަލަކީ 2-107 ވަނަ މާއްދާ އަށް އަކުރެއް އިތުރުކުރުމެވެ. އެ އިސްލާހުގައި ބުނެފައިވަނީ ރަށެއްގެ ނުވަތަ ސިޓީ އެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިން ވެސް ސަރުކާރުގެ ފަރާތުން ތަރައްގީގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ބިމެއް ހޯދުމަށް އެދޭ ހާލަތުގައި މަޝްރޫއުތަކަށް ބޭނުންވާ ބިން ކައުންސިލުން ގައުމީ އިދާރާ އާ ހަވާލުކުރަން ވާނެ ކަމަށެވެ.
މީގެ އިތުރުން އެ ބިލުގައި ހުށަހަޅާފައިވާ އަނެއް ދެ އިސްލާހުގައި ބުނެފައިވަނީ ކައުންސިލް ނިސްބަތްވާ ސިޓީ ނުވަތަ ރަށުގެ ރައްޔިތުންގެ ޖަމަޢީ މަންފާއަށްޓަކައި ސަރުކާރުން ކުރިއަށްގެންދަން ބޭނުންވާ މަޝްރޫއުތަކަށް ފުރިހަމައަށް އެއްބާރުލުން ދޭންވާނެ ކަމަށާއި އެފަދަ މަޝްރޫއުތަކަށް ހުރަސް އެޅޭފަދަ ނިންމުމެއް ކައުންސިލަށް ނުނިންމޭނެ ކަމަށެވެ.
މިކަމުގެ ކަންބޮޑުވުންތައް ފާޅުކޮށް ތުޅާދޫ ކައުންސިލުން އިއްޔެ ނެރެފައިވާ ގަރާރުގައި ބުނެފައި ވަނީ، ކައުންސިލްތަކުން ބިންތައް އަތުލެވޭ އިސްލާހަކީ ރައްޔިތުންގެ ބާރާއި، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ މަގްސަދާއި ބޭނުމާއި، ރާއްޖެ ހޯދާފައިވާ ޑިމޮކްރެޓިކް ހުރިހާ ކުރިއެރުންތަކާ ކަނޑައެޅިގެން ހިލާފު އިސްލާހެއް ކަމަށެވެ.
އަދި މީގެ އިތުރުން، އަލަށް ހުށަހެޅުނު އިސްލާހު ފާސްވެ ގާނޫނަކަށް ވެއްޖެނަމަ، ރަށްރަށުގެ އިހްތިސާސްގެ ތެރެއިން ބޭނުން ތަނެއް، ބޭނުން އިރަކު، ބޭނުން ގޮތަކަށް، މާލޭގައި ތިބޭ މަރުކަޒީ ވެރިންނަށް އަތުލައިގަނެވުމުގެ ޖާގަ ފަހިވެ، ރަށު ރައްޔިތުން އިހްސާސްގެ މިލްކުވެރިކަން ބީވެގެންދާނެ ކަމަށާ، އެ ބިލުގައިވާ ކަމަކާ ދެކޮޅަށް ރައްޔިތުންގެ ފަރާތުން ބަހެއް ބުނެ ދެކޮޅު ހެދުމަކީވެސް، ކުށްވެރިވާ މަނާ ކަމަކަށް ބަދަލުވެގެން ވެސް އެބަދާކަމަށް ބަޔާނުގައި ވެއެވެ.
"ރައްޔިތުން އިންތިހާބުކުރާ މަންދޫބުންނަށް ފިޔަވަޅު އަޅައި ސަސްޕެންޑުކޮށް ވަކިކުރުމުގެ ބާރުވެސް މަރުކަޒީ އިދާރާތަކަށް މާ ސާފުކޮށް ލިބިދެވުނީ. މިއީ ސީދާސާދާކޮށް ލާމަރުކަޒީ ނިޒާމު ރޫޅައި، ރައްޔިތުންނާއި ރަށުބާރުވެރިކަން އުވާލުމުގެ އިސްލާހެއް،" - ތުޅާދޫ ކައުންސިލަ
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހަޅުއްވާފައިވަނީ، މަޖިލީހުގައި އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ނަމަވެސް، ޕީއެންސީގެ މަސައްކަތްތަކަށް މަޖިލީހުގައި މެދުވެރިއަކަށްވެ ވަޑައިގަންނަވަމުން އަންނަ، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރެވެ.
އެހެންކަމުން ތުޅާދޫއަށް ނިސްބަތްވާ އެ ދާއިރާގެ މެންބަރު މިފަދަ އިސްލާހެއް ހުށަހެޅުއްވުމަކީ އެ ކައުންސިލުން ލަދުވެތިވާ ކަމެއްކަން ފާހަގަކޮށް ކައުންސިލްގެ ބަޔާނުގައި ބުނެފައިވަނީ، ނޫސްވެރިކަމުގެ މިނިވަންކަމާ ދެކޮޅަށް ކުރިން މަސައްކަތްކުރެއްވުމަށްފަހު ހަންނާން މިފަހަރު ސީދާ ރަށްރަށުގެ ބާރުވެރިކަމާ ދެކޮޅަށް މަސައްކަތްކުރުމަކީ ދާއިރާގެ ރައްޔިތުންނަށް ވެވޭ ހިޔާނާތެއް ކަމަށެވެ.
މި އިސްލާހު އަނބުރާ ގެންދިއުމަށް ރައީސް މުހައްމަދު މުއިއްޒަށް ގޮވާލައްވާ ބ.އަތޮޅު ފެހެންދޫ ކައުންސިލުން ވެސް އިއްޔެ ވަނީ ގަރާރެއް ނެރެފައެވެ. ފެހެންދޫ ކައުންސިލްގެ ގަރާރުގައި ވެސް މައިގަނޑުގޮތެއްގައި ފާހަގަކުރައްވާފައި ވަނީ، ކައުންސިލްތަކުން ބިންތައް އަތުލެވޭ މި އިސްލާހަކީ ޑިމޮކްރަސީގެ ރޫހާ ވެސ ްމުޅިން ހިލާފު، އަދި ރައްޔިތުންގެ ބާރާއި، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ މަގްސަދާއި ވެސް މުޅިން ހިލާފު އިސްލާހެއް ކަމަށެވެ.
މި އިސްލާހު ހުށަހަޅުއްވާފައިވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރަކީ، ސަރުކާރުގެ ހުށަހެޅުންތަކަށް އާންމުގޮތެއްގައި ތާއީދުކުރައްވާ މެންބަރެއް ކަމަށްވާއިރު، މީޑިއާ ކޮންޓްރޯލްކުރުމަށް ހުށަހަޅައި، މީޑިއާތަކުން ދެކޮޅު ހަދަނިކޮށް ފާސްކުރި ބިލުވެސް ހުށަހެޅުއްވާފައި ވަނީ ހަންނާނު ކަން ފާހަގަކޮށްލެވެއެވެ.




