ސަވާހެލި އަކީ އައްޑޫ ސިޓީގެ ފޭދުއާއި މަރަދޫފޭދޫގެ މެދަށް ވާ ގޮތަށް އޮތް ކުޑަކުޑަ ރަށް.--
ސަވާހެލި އައްޑޫ ސިޓީގެ އިހުތިސާސުން ވަކިކޮށްފި
މަރްޔަމް މުޙައްމަދު 23 ޖުލައި 2026 (ބުރާސްފަތި)   07:18
އައްޑުއަތޮޅު އައްޑޫ ސިޓީގެ އިހުތިސާސުން އެ އަތޮޅު ސަވާހެލި ވަކިކޮށް، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިހުތިސާސަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ހާމަކުރި ގޮތުގައި، ރައީސް މުއިއްޒު މިފަދައިން ނިންމެވީ އެ ރަށް ފަތުރުވެރިކަމަށް ބޭނުން ކުރެއްވުމުގެ ގޮތުންނެވެ. 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ބުނާގޮތުން، ރަށެއްގެ ނުވަތަ ސިޓީއެއްގެ އިހުތިސާސްގައި ހިމެނޭ ސަރަހައްދެއް ހާއްސަ ބޭނުންތަކަކަށްޓަކައި އިހުތިސާސް ބަދަލުކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދެއެވެ. 

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، ރައީސް މި ނިންމެވުން ނިންމެވީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 1-56 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ނެރުއްވި، (ނަންބަރު 13/2026) ރައީސުލްޖުމްހޫރިއްޔާގެ ގަރާރުންނެވެ.

އެ ގަރާރު، އިއްޔެ ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ. އަދި އައްޑޫ ސިޓީގެ އިހުތިސާސަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ވެސް ވަނީ އެ ގަރާރާއެކު ޖަދުވަލު ކޮށްފައެވެ. 

އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހެލި ވަކިކުރިކަން ސަރުކާރުން އިއުލާންކުރިއިރު، މިމަހުގެ 21 ވަނަ ދުވަހު އައްޑޫ ސިޓީ ކައުންސިލުން ވަނީ އެ ރަށް ހިމެނޭހެން އެ ސަރަހައްދުން ލޯކަލް ޓޫރިޒަމް ވިޔަފާރިއަށް ބިން ދޫކުރުމަށް ބިޑަށް ހުޅުވާލާފައެވެ.

ސަވާހެލި އަކީ އައްޑު އަތޮޅުގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން ފޭދުއާއި މަރަދޫފޭދޫގެ މެދަށް ވާ ގޮތަށް، ތިލަ ފަޅުގައި އޮންނަ ވަރަށް ކުޑަކުޑަ ރަށެކެވެ.

ކޮމެންޓް