
މަޖިލީހުގެ ޖަލްސާ އާންމުކޮށް އޮންނަނީ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހާ ހަމައަށެވެ. އިއްޔެ ވެސް މިއަދު ވެސް މަޖިލީހުގެ ޖަލްސާ އެޖެންޑާ ކޮށްފައެއް ނުވެއެވެ. އަދި މާދަމާ ވެސް މަޖިލީހުގެ ޖަލްސާއެއް ނޯންނާނެ ކަމަށް ބައެއް މެންބަރުން ނުރަސްމީކޮށް ވިދާޅުވެފައި ވެއެވެ. އެހެންނަމަވެސް މިކަމާ ގުޅޭގޮތުން މަޖިލީހުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
މަޖިލީހުން އަމަލުކުރަމުންދާ ގޮތުން ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާ އެޖެންޑާ ނުކުރާ ސަބަބު ހާމަކޮށްފައި ނުވާ ކަމަށާއި މި ހަފުތާވެސް މަޖިލިސް ޖަލްސާ ނޯންނާނެ ކަމަށް އަޑުއިވިފައި ވާކަމަށެވެ.
މެންބަރު ޝަމްހީދު، އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވެފައި ވަނީ، "މަޖިލީހުގެ ރައީސް މިގޮތަށް މަޖިލީހުގައި ތަޅުއެޅުވުމަކީ ސަރުކާރު ޖަވާބުދާރުކުރުވުމަށް އޮތް ޤާނޫނީ ޒިންމާއަށް ހުރަސްއަޅައި، ޤާނޫނުއަސާސީގެ ބާރު ކަނޑުވާލުން." ކަމަށެވެ.
އަދި ސަރުކާރު ޖަވާބުދާރުކުރުވުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން މިހާރުވެސް މުހިންމު ކަންތަކެއް ހުށަހަޅާފައިވާކަން ޝަމްހީދު ވަނީ ފާހަގަ ކުރައްވާފައެވެ. އޭގެތެރޭގައި:
މިކަންކަން ފާހަގަ ކުރެއްވުމުގެ އިތުރުން ޝަމްހީދު ވިދާޅުވީ، "މަޖިލީސް ހުއްޓުވައިގެން ސަރުކާރުން ހަދާ ގޯސްތައް ފޮރުވިދާނެ ކަމަށް ބެލުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެއް." ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 47 ވަނަ މާއްދާގައި ބަޔާން ކޮށްފައި އޮންނަނީ ހާއްސަ ހާލަތެއް ދިމާވެގެން ނުވަތަ، މަޖިލީހުން އެހެން ގޮތެއް ކަނޑަނާޅާހައި ހިނދަކު، މަޖިލީހުގެ ދައުރުގެ ތެރޭގައި ހިނގާ އާންމު ޖަލްސާތައް ހަފުތާއަކު މަދުވެގެން ތިން ދުވަހު ބާއްވަންޖެހޭނެ ކަމަށެވެ.




