
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) އެވެ.
މައްސަލަ ބަލައިގަންނަން ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ނެގި ވޯޓުގައި މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 27 މެންބަރަކު ވޯޓު ދެއްވިއިރު، މައްސަލަ ބަލައިގަތުމަށް ވޯޓް ދެއްވީ އެންމެ 7 މެންބަރުންނެވެ.
މި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ޒިޔާދު ވިދާޅުވީ، ކުނބުރުދުއަކީ ކުނި ޓްރާންސްފާކުރާ ރަށެއްގެ ގޮތުގައި ހަމަޖެހިފައި އޮތް ނަމަވެސް، އެ ރަށަކީ މިފަދަ ނުރައްކާތެރި ކުނި މެނޭޖުކުރުމުގެ އުމްރާނީ ވަސީލަތްތައް ހުރި ރަށެއް ނޫން ކަމަށެވެ. އަދި ކުނި އެޅުމަށް ބޭނުންވާ ކޮންކްރީޓް ފަންގިފިލާއެއް ނެތުމުގެ ސަބަބުން ކުނިތައް ސީދާ ބިމަށް އުކާލުމުން އުފެދޭ ވިހަ ފެން ނުވަތަ ލީޓޭޖު ރައްކާތެރިކަމާއެކު ނައްތާލެވޭނެ އެއްވެސް ނިޒާމެއް އެ ރަށުގައި ގާއިމުކުރެވިފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޒިޔާދު ވިދާޅުވީ، "ކުނބުރުދުއަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ކަންޒުކަހަނބު އާލާވެ ދިރިއުޅުމަށް ތިމާވެށްޓަށް ނުހަނު މުހިންމު މާޙައުލެއް ކަމުން، ތިލަފުށީން ގެންދާ ވިހަ ކުނިތަކުގެ ސަބަބުން އެތަކެތި ނެތިދިއުމުގެ ބިރު އެބައޮތް" ކަމަށެވެ. މީގެ އިތުރުން ކުނިން ބޭރުވާ ވިހަ މާއްދާތައް ބިމުގެ ފަސްގަނޑާއި ފެން ފަށަލައަށް ޖަމާވުމުގެ ސަބަބުން ރަށުގެ ދަނޑުވެރިކަމަށް އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.
މި މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުގައި، ތިލަފުށިން ގެންދާ ޕްލާސްޓިކް އަދި ސިނާއީ ކުނިތަކުން ޑައޮކްސިންސް އާއި ބެންޒިން ފަދަ ކެންސަރު އުފައްދާ ނުރައްކާތެރި މާއްދާތައް ބޭރުވެއެވެ. މި މާއްދާތައް ވައިގެ މަގުންނާއި ފެނުގެ ޒަރީއާއިން އިންސާނުންގެ ހަށިގަނޑަށް ވާސިލުވެ، ދާއިމީ ބަލިތަކަށް މަގުފަހިވާނެކަން ފާހަގަ ކޮށްފައި ވެއެވެ.
ހަމައެއާއެކު، ކުނިގަނޑުން އަރާ ކާބަން މޮނޮކްސައިޑާއި ހައިޑްރޯޖަން ސަލްފައިޓް ގޭހުގެ ސަބަބުން ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ނޭވާލުމަށް އުނދަގޫވުމާއި، ބޮލުގައި ރިއްސުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށްވެސް މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން، ވެމްކޯގެ މި ނިންމުމަކީ ރައްޔިތުންގެ ސިއްހަތާއި ތިމާވެށްޓަށް އޮތް ބޮޑު ނުރައްކަލަކަށް ވާތީ، ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނައުމަށް ކުއްލި މައްސަލަ ހުށަހެޅި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި އޮތެވެ.




