ގެއްލުނު ބިދޭސީ މީހާ ފެނުނު ވެމްކޯ ތިލަފުށި ސައިޓް - ފޮޓޯ: ވެމްކޯ
ތިލަފުށީގައި މީހަކު މަރުވި ހާދިސާ، ޑްރައިވަރަށް ދައުވާ ނުކުރަން ނިންމައިފި
މަރްޔަމް މުޙައްމަދު 22 ޖުލައި 2026 (ބުދަ)   10:48
މާލެއަތޮޅު ތިލަފުށީގައި ހުންނަ ވެމްކޯގެ ވޯކް ސައިޓެއްގައި ބިދޭސީއަކު މަރުވެފައި އޮއްވައި ފެނުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި ސްރީ ލަންކާއަށް ނިސްބަތްވާ އެކްސްކަވޭޓަރު ޑްރައިވަރުގެ މައްޗަށް ޖިނާއީ ދައުވާ ނުކުރުމަށް ޕީޖީ (ޕްރޮސިކިއުޓާ ޖެނަރަލް)ގެ އޮފީހުން ނިންމައިފިއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 24 އަހަރުގެ އަމީން މިއާ މަރުވުމުގައި ޑްރައިވަރުގެ އިހުމާލެއް އޮތް ކަމަށް ނުފެންނާތީއާ، ދައުވާ ކުރާނެ މިންވަރަށް ހެކި ނެތުމުން، ދައުވާ ނުކުރުމަށް ނިންމާފައިވާ މީހަކީ، މި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވާ އެކްސްކަވޭޓަރު ދުއްވަން އިން ސްރީލަންކާގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ ނަމަކަށް ކިޔާ އުމުރުން 32 އަހަރުގެ މީހާގެ މައްޗަށް ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ޕީޖީ އޮފީހުން ބުނީ، ހާދިސާ ހިނގި ގޮތް ފުލުހުން އަލުން ކުޅުނުއިރު، ހާމަވާ ގޮތުގައި ހާދިސާ ހިނގިއިރު އަމީން މިއާ ހުރީ އެކްސްކަވޭޓަރާ 10 ވަރަކަށް ފޫޓު ދުރުގައި ކަމަށް ފާހަގަކުރެވޭ ކަމަށާ، އަދި އެ ސަރަހައްދުގައި މީހަކު ހުރިކަން އެތަނުގެ އަލިކަން ހުރި ގޮތުން ޑްރައިވަރަށް ނޭނގޭނެކަން ވެސް ވަނީ ފާހަގަކުރެވިފައި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މި މައްސަލައިގެ ތަހުގީގަށް ފަހު ފުލުހުން ޕީޖީ އޮފީހަށް ފޮނުވީ ގަސްދަކާނުލައި މީހަކު މެރުމުގެ ދައުވާ އުފުލުމަށެވެ. ނަމަވެސް ޕީޖީ އޮފީހުން ފާހަގަކުރި ގޮތުގައި، އަމީން މިއާ އަކީ އޭނާގެ ޑިއުޓީގެ ގޮތުން އެ ވަގުތު އެ ސަރަހައްދުގައި ހުންނަން ޖެހޭ މީހެއް ނޫނެވެ. އަދި ކުނިގޮނޑަށް އަރައި އުޅުމަކީ ނުރައްކާތެރި ކަމަކަށްވާތީ ވެމްކޯއިން އެކަން މަނާކޮށްފައި އޮތްކަންވެސް ޕީޖީން ފާހަގަކުރިއެވެ.

ޕީޖީން ބުނެފައިވާ ގޮތުގައި މަރުވި މީހާއާއި ޑްރައިވަރާ ދެމެދު އެއްވެސް އަދާވަތްތެރިކަމެއް އޮތް ކަމަށް ބެލެވޭނެ ހެއްކެއްވެސް ފެންނާކަށް ނެތެވެ.

އަމީން މިއާ މަރުވެފައި އޮއްވައި ފެނުނީ ތިލަފުށީގައި ހުރި ކުނި ފުންޏެއްގެ ތެރެއިންނެވެ. ފުލުހުންގެ ތަހުގީގުން އެނގުނު ގޮތުގައި އޭނާ މަރުވީ އެކްސްކަވޭޓަރުގެ ދަތްގަނޑުން ޖެހި ވެއްޓި، ކުނިތަކާ އެކު ހަށިގަނޑު އެހެން ދިމާލަކަށް ބަދަލުކުރެވި ކުނިތައް ގައިމައްޗަށް އެޅުމުގެ ސަބަބުންނެވެ.

ކޮމެންޓް