ލަންކާގެ ޖަލުގެ ގޮޅިތައް ހަލާކުކޮށްލުމަށްފަހު ގައިދީން އެތަނުގެ ފުރާޅުމަތީގައި - ފޮޓޯ: ރޮއިޓަރޒް
ލަންކާގެ ދެ ޖަލެއްގައި އަނެއްކާވެސް ހަމަނުޖެހުން ތަކެއް
މިފަހަރުގެ ހަމަނުޖެހުންތަކުގައި 23 ގައިދީއަކު ޒަހަމްވެފައި ވާއިރު، 3 ގައިދީން ވަނީ މަރު ވެސް ވެފައި
ހަސަން އިބްރާހީމް 7 އޯގަސްޓް 2026 (ހުކުރު)   18:39
އަވައްޓެރި ސްރީ ލަންކާގެ ދެ ޖަލެއްގައި މިއަދާއި އިއްޔެ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާ ތިން ގައިދީން މަރުވެ 20 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ޖުމްލަ 23 މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، މިއީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގޭންގުތަކުގެ މެދުގައި ހިނގި އަރައިރުމެއްގެ ނަތީޖާ ކަމަށާ، މި ހަމަނުޖެހުންތައް ހިނގާފައި މިވަނީ، މިދިޔަ ޖުލައި މަހު ނެގޮމްބޯ ޖަލުގައި ހިނގި ވަރުގަދަ ކުރިމަތިލުންތަކެއްގައި 26 މީހުން މަރުވިތާ މަހެއްހާ ދުވަސް ފަހުން ކަމަށްވާއިރު، އެކަމާވެސް މިފަދަ ހާދިސާތައް ގުޅިފައިވާ ކަމަށް ލަންކާގެ ސަރުކާރުން ބުނެއެވެ.

ލަންކާގެ ދާހިލީ ސަލާމަތާބެހޭ ވަޒީރު އާނަންދަ ވިޖޭޕާލާ އާ ހަވާލާދީ މީޑިއާތަކުން ބުނަނީ، ވެރިރަށް ކޮލަމްބޯގެ ވެލިކަޑަ ޖަލުގައި ބުރާސްފަތި ދުވަހުގެ ރޭ ހިނގި ހަމަނުޖެހުމުގައި އެކަކު މަރުވެފައިވާ ކަމަށާ، އަދި ސާޅީސް ވަރަކަށް ގައިދީން ގޮޅިތަކުން ނުކުމެ، ޖަލުގެ ފުރާޅުމައްޗަށް އަރައި ޖަލު އޮފިސަރުންނާ ކުރިމަތިލާ އެ ހަމަނުޖެހުން ހިނގާފައިވާ ކަމަށެވެ.

އަދި ކޮލަމްބޯއާ 80 ކިލޯމީޓަރު ދުރުގައި އޮންނަ ކުރުވިތަ ޖަލުގައި ހުކުރު ދުވަހުގެ ހެނދުނު ހިނގި ކުރިމަތިލުމެއްގައި އިތުރު ދެ ގައިދީން މަރުވެފައިވާ ކަމަށް ވެސް ވަޒީރު އާނަންދަ ވިޖޭޕާލާ ވިދާޅުވެފައި ވާއިރު، ސަރުކާރުގެ ކަމާބޭހޭ އިދާރާތަކުން މިހާރު ލަންކާގެ މައި ޖަލުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، އިތުރު ސިފައިންނާއި ފުލުހުން ވެސް އެތަންތަނަށް ފޮނުވާފައި ވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ޖުލައި މަހު ނެގޮމްބޯ ޖަލުގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގޭންގުތަކުގެ މެދުގައި ހިނގި އަރައިރުމެއްގެ ސަބަބުން ހިނގި ވަރުގަދަ ކުރިމަތިލުންތަކެއްގައި 26 މީހުން މަރުވި ހާދިސާގެ ފަހުން ލަންކާގެ ޖަލުތަކާއި އެ ގައުމުގެ އެކި ސަރަހައްދުތަކުގައި އެ ހާދިސާއާ ގުޅުންހުރި މާރާމާރީތައް ހިންގަމުން އަންނަކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ކޮމެންޓް