
މާލެ ސަރަހައްދުގައި މިވަގުތު ކުރިއަށްދާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ އެއް މަޝްރޫއުކަމަށްވާ ތިލަމާލޭ ބުރިޖުގެ މަސައްކަތް މިއަދު ކުރިއަށްދާ ގޮތް މީޑިއާތަކަށް ދައްކާލުމަށްޓަކައި، އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެފްކޮންސް އިން މިއަދު ނޫސްވެރިން އެ ސަރަހައްދަށް ގެންގޮސް އެތަން ދައްކާލާފައި ވާއިރު، އެ މަސައްކަތުން މިއަދު މާލެއާއި ވިލިމާލެ ދެމެދުގެ ބްރިޖުގެ ސުޕަސްޓްރަކްޗާގެ މަސައްކަތް އެއްކޮށް ނިމުމަކަށް އަންނާނެކަމަށް މައުލޫމާތު ދިނެވެ.
އެހެންކަމުން މިއަދު ބްރިޖުގެ މައި އޮނިގަނޑުގެ މަސައްކަތް މުޅިން ފުރިހަމަވުމުން ދެން ކުރިއަށްދާނީ ފިނިޝިން މަސައްކަތްތ ކަމަށާ، އެގޮތުން ރައްކާތެރިކަމުގެ ރޭލިންގްސް ހަރުކުރުމާއި ލައިޓް ހަރުކުރުންފަދަ މަސައްކަތްތައް ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަދި އެ ހުރިހާ މަސައްކަތްތައް އެއްކޮށް ނިންމުމަށް އަދި ވަގުތުތަކެއް ނަގާނެ ކަމަށް ބުނެ އެފްކޮންސްއިން އިން ބުނީ، ބުރިޖު މަތިން އާންމުންނަށް ދަތުރުފަތުރު ކުރަން ފެށޭނީ އެތަނުގެ ފިނިޝިން މަސައްކަތްތައް އެއްކޮށް ފުރިހަމަވުމުންކަމަށެވެ.
ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާގެ މި މަސައްކަތުގެ ކޮލިޓީއާ މެދު ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނެތް ކަމަށާ، ކުރަނީ އެންމެ މަތީ ފެންވަރުގެ މަސައްކަތް ކަމަށް އެފްކޮންސްއިން މިއަދު ބުނެފައި ވާއިރު، ކޮޅަކަށް ދެ ލޭނު ހުންނަ މި ބްރިޖުގައި، އެއް ކޮޅުގައި ހިނގާ މީހުންނަށް ޖާގައެއް އޮންނައިރު، އަނެއް ކޮޅުގައި ކަރަންޓު، ފެން ފަދަ ކަންކަމަށް ހާއްސަ ހޮޅި ބަހައްޓަން ޖާގަ ވެސް ހުރެއެވެ.
ޖުމްލަ ހަތް ކިލޯމީޓަރެއްހައި ދިގުމިނަށް ދެމިގެން ދާނެ މި ބްރިޖަކީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭނެ މިހާތަނަށް ރާއްޖޭގައި އަޅާ އެންމެބޮޑު އަދި އެހާމެ މުހިންމު ބްރިޖެއް ކަން ފާހަގަކޮށްލެވެއެވެ.




