ސްރީ ލަންކާގެ ސަރަހައްދެއްގައި ފެންބޮޑުވެފައި.--- ފޮޓޯ: ނަވިސް ޗިތުރަކަ | ރޮއިޓާސް
ލަންކާގައި ފެންބޮޑުވެ، 8 މީހުން މަރުވެ، ސްކޫލްތައް ބަންދުކުރަން ޖެހިއްޖެ
މަރްޔަމް މުޙައްމަދު 5 އޯގަސްޓް 2026 (ބުދަ)   06:33
ސްރީ ލަންކާއަށް ކުރަމުންދާ މޫސުމީ ވިއްސާރައާ ގުޅިގެން ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މަދުވެގެން 8 މީހުން މަރުވެ، ގިނަބަޔަކަށް އަނިޔާވެ، ހާހުން މީހުން ހާލުގައި ޖެހުމާ ގުޅިގެން އެ ގައުމުގެ މެދުތެރޭގެ ފަރުބަދަމަތީ ސަރަހައްދުތަކުގެ ސްކޫލްތައް ބަންދުކޮށްފި އެވެ.

ސްރީ ލަންކާގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ (ޑީއެމްސީ)، އިން ބުނީ ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގެ އަސަރު އެ ގައުމުގެ 9 ޑިސްޓްރިކްޓެއްގައި ދިރިއުޅޭ 3،014 އާއިލާއަށް ކޮށްފައިވާ ކަމަށެވެ. އެއީ 11،832 މީހުންނެވެ. އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ 51 ރައްކާތެރި ސަރަހައްދުތަކަށް މިހާތަނަށް 3،538 މީހުން ގެންގޮސްފައިވާ ކަމަށާއި މީހުން ސަލާމަތްކުރުމާއި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ޑީއެމްސީއިން އިތުރަށް ބުނީ ހާދިސާތަކުގައި ބިންގަނޑު ކަނޑައިގެންގޮސް ދެ ގެއެއްގެ މައްޗަށް ވެލިގަނޑު ފައިބައިގެން ދެ ގެއެއް އެއްކޮށް ސުންނާފަތިވެފައިވާ ކަމަށާއި 290 ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ ނުވަރަލިޔާ ޑިސްޓްރިކްޓަށް ކަމަށާއި އެ ސަރަހައްދުގައި ދިރިއުޅޭ 5،445 މީހުންނަށް އަސަރުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ. އެ ޑިސްޓްރިކްޓުން އެކަނި ހަ މީހުން މަރުވެ، 115 ގެއަކަށް ގެއްލުން ލިބިފައިވެއެވެ.

ސައިފަތް އުފައްދާ ފަރުބަދަމަތީ ސަރަހައްދުތަކުގައި، ހާއްސަކޮށް ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާތެރިކަން ބޮޑު ނުވަރަލިޔާ އަދި ބަޑުއްލާ އަވަށްތަކުގައި ފެންބޮޑުވުމުގެ ސަބަބުން ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށް ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

ގެއްލުންވި ސަރަހައްދަކީ މިދިޔަ ނޮވެމްބަރު މަހު އެރި ތޫފާން ދިތުވާގެ ސަބަބުން ގާތްގަނޑަކަށް 640 މީހުން މަރުވެ، 4.1 ބިލިޔަން ޑޮލަރުގެ ގެއްލުން ލިބުނު ހާދިސާއިން އަދިވެސް އަރައިގަނެވިފައިނުވާ ސަރަހައްދެކެވެ.

ކަމާބެހޭ އިދާރާތަކުން އަދި ސްކޫލްތައް އަލުން ހުޅުވާނެ ދުވަހެއް އިއުލާނެއް ނުކުރެ އެވެ. އެ އިދާރާތަކުން ބުނީ އެ ނިންމުން ނިންމާނީ ކުރިއަށްއޮތް ދުވަސްތަކުގެ މޫސުމަށް ބެލުމަށްފަހު ކަމަށެވެ.

ސްރީ ލަންކާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އެ ގައުމުގެ ވެސްޓަން، ނޯތު ވެސްޓަން އަދި، ސަބަރަގަމުވަ ޕްރޮވިންސަށް ގުގުރާ ވިދުމާއެކު ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައެވެ. އަދި ކެންޑީއާއި ނުވަރަލިޔާއާއި ގޯލްއާއި މަތާރާ ޑިސްޓްރިކްޓަށް ވެސް ވާރޭ ވެހޭނެ ކަމަށް ވަނީ ބުނެފައެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނީ ގަޑިއަކު 40-50 ކިލޯމީޓަރު ބާރުމިނުގައި ބައެއް ޕްރޮވިންސުތަކަށް ވާރޭ ވެހޭނެ ކަމަށެވެ. މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ސަމާލުވެ ގެއްލުން ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް އެ އިދާރާއިން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް