
ފުލުހުންބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޖެމެއިކާގެ ރައްޔިތެއްކަމުގައިވާ އެންޑްރޫ ލޮއިޑް ކޯބިން (53އ) އާއި ނޯރައިޓްގެ / ނ. ޅޮހި، އިބްރާހީމް އަތޫފް (20އ) އާއި އިތުރު ދިވެއްސެއް ކަމަށެވެ.
އެ މީހުންގެ ތެރެއިން އެންޑްރޫ ލޮއިޑް ކޯބިން ހައްޔަރުކޮށްފައިވަނީ 2026 ޖުލައި 19 ވަނަ ދުވަހު ވައިގެމަގުން އޭނާ ރާއްޖެ އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނަށް ދިން މައުލޫމާތާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.
އަދި އިބްރާހީމް އަތޫފްއާއި އަނެއް މީހާ ހައްޔަރުކޮށްފައިވަނީ އެންޑްރޫ ލޮއިޑް ކޯބިންއާ ބައިވެރިވެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭތީ، ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ޖުލައި 20 ވަނަ ދުވަހު ހުޅުމާލެއިން ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުުކުރުމުން އެންޑްރޫ ލޮއިޑް ކޯބިން އާއި އިބްރާހީމް އަތޫފް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު އަނެއް މީހާއަށް ކޯޓުން ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފައި ކަމަށާ، މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން ކަމަށް ވެސް ދިވެހި ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއެވެ.




