
މިކަމާގުޅޭ ތަފާސްހިސާބު ފުލުހުން މިއަދު ހާމަކޮށްފައި ވާއިރު، އެ ހިސާބުތަކުން ދައްކާގޮތުގައި، އޭގެ ތެރޭގައި ގިނައީ، މިހާރު އާންމުވެފައިވާ، އޮންލައިން ވިޔަފާރިތަކާ ގުޅޭ ސްކޭމްތައް ކަމަށާ، އެގޮތުން މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ހިންގި ސްކޭމްތަކުގެ ތެރެއިން ރިޕޯޓްކުރި 42 މައްސަލާގައި 334،549ރ. ގެއްލިފައި ވެސް ވާކަމަށެވެ.
އަދި އޭގެ ތެރެއިން 163،558ރ. އަނބުރާ ހޯދައިދީފައި ވާއިރު، އެ ސްކޭމްގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ އީ-ކޮމާސްގެ 15 މައްސަލައަކާއި ބުކިން ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ނަމުގައި ހިންގާފައިވާ 11 މައްސަލައެއްގެ އިތުރުން، ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ 8 މައްސަލައަކާއި އެހެން މީހަކަށް ހެދިގެން އޮޅުވާލައިގެން ފައިސާ ހޯދުމުގެ ތިން މައްސަލައެއް ކަމަށް އެންޓި ސްކޭމް ސެންޓަރުން ބުންޏެވެ.
އޮންލައިންކޮށް ވިޔަފާރިކުރުމުގައި އިތުބާރު ނުކުރެވޭ މީހުންނަށް ކުރިއާލައި ފައިސާ ނުފޮނުވުމަށާއި، މުދާ ލިބުމުން ފައިސާ ދެއްކުމުގެ "ކޭޝް އޮން ޑެލިވަރީ" އުސޫލަށް އިސްކަންދިނުމަކީ މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއްކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް ހަ މައްސަލަ ރިޕޯޓުކޮށްފައި ވާއިރު، ބުކިންތައް ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ނަމުގައި ހިންގާ ސްކޭމްތައް މިހާރަކަށް އައިސް އިތުރުވަމުންދާތީސަމާލުވުމަށް ވެސް ފުލުހުން އިލްތިމާސްކޮށްފައި ވެއެވެ.




