ފުލުހުންގެ މައި އިދިދާރާ، ޝަހީދު ޙުސެއިން އާދަމް ބިލްޑިންގ
ކުރިމަތިފަރާތުގައި ނިވާކޮށްފައި ހުރި ޑްރަގް، އަމިއްލައަށް ފުލުހުން އަތަށް ދީފި
ހިޝާމް ހާރޫން 6 އޯގަސްޓް 2026 (ބުރާސްފަތި)   14:42
ފުލުހުންނަށް ހުށަހެޅުނު މަސްތުވާތަކެއްޗާ ގުޅޭ މައްސަލައެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޒުވާން ފިރިހެނަކާ ފުލުހުން ތަހުގީގަށް ބޭނުންވާ ސުވާލުތައް ކުރަންފެށުމުން އޭނާގެ ކުރިމަތިފަރާތުގައި ނިވާކޮށް ފޮރުވާފައި ހުރި މަސްތުވާތަކެތި އަމިއްލައަށް ނަގާފައި ފުލުހުންނާ ހަވާލުކޮށްފި އެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހަކީ ނ. މިލަދޫއަށް ނިސްބަތްވާ 27 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް އޭނާ ހާޒިރުކުރުމުން، މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި، އޭނާއަށް ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައި ކަމަށް ފުލުހުން ބުނެއެވެ.

އޭނާ ހައްޔަރުކުރުމުގެ ކޯޓު އަމުރުގައިވާ ގޮތުން، އޭނާ އާ މެދުގައި ތހުމަތުކުރެވި ތަހުގީގުކުރަން ޖެހުނީ، ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަނިކޮށް، އޭނާ ހުއްޓުވަން އުޅުނު ވަގުތު އަމަލުތައް ހުރި ގޮތުން ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ފުލުހުންނަށް ޝައްކުވުމުންނެވެ.

އަދި ހެކި ނައްތާލަފާނެ ކަމަށް ބެލެވުމުން، ގާނޫނީ އިންޒާރު ދިނުމަށްފަހު ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައިކަމަށް ފުލުހުންގެ އިދާރާއން މައުލޫމާތު ދެއެވެ.

ކުރިމަތިފަރާތުގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް އޭނާ އަމިއްލައަށް އިއުތިރާފުވެ

ފުލުހުންނާ އެ ތަކެތި ހަވާލުކުރީ، ފުލުހުންގެ މައި އިދާރާ ކަމަށްވާ ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް އޭނާ ގެންގޮސް ސުވާލުކުރަން ފެށުމުން ކަމަށާ، ހަމަ އެވަގުތުމެ، އޭނާ އަމިއްލައަށް، ޖިންސް ތެރެއަށް އަތްލައި ޕެކެޓެއް ނަގާފައި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކޯޓުއަމުރުގައި ވެއެވެ.

އަދި އެ ޕެކެޓު ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 14 ރަބަރު ޕެކެޓު ފުލުހުންނަށް ފެނުނު ކަމަށާ، މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް