
އައިޝަތު ފަހުދާ އިރުދޯދި، ހއ. ހޯރަފުށި، ގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް އުފުލި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އަނބުރާ ގެންދިޔުމުން އޭނާ ސަލާމަތްވީ މިދިޔަ ބުދަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ.
އައިޝަތު ފަހުދާ އަކީ މިއަދާ ހަމައަށް ވެސް ޕީއެންސީގެ މެންބަރުންގެ ދަފުތަރުގައި ނަންއޮތް ފަރާތެކެވެ.
އޭނާގެ މައްޗަށް އުފުލާފައި އޮތް ދައުވާ އަނބުރާ ގެންދިޔަ ސަބަބެއް ކަމަށް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގައި އައްބާސްގެ ފަރާތުން ބުނެފައި ވަނީ، ފަހުދާގެ ޖަނގިޔާ ތެރެއިން ފެނުނު މަސްތުވާތަކެއްޗާ އެހެން މީހަކު ހަވާލުވުމުން ކަމަށެވެ.
ދެހާސް ސައުވީސް ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ފުލުހުން ފަހުދާ ހައްޔަރުކޮށް، ބަލައި ފާސްކުރިއިރު، އޭނާ ލައިގެން ހުރި ޖަނގިޔަލުގެ ތެރެއިން 9.2 ގްރާމްގެ ޑައިމޯފިން ފެނިފައި ވާއިރު، އެ ރައްކާކޮށްފައި ހުރީ، އަންހެން މީހާގެ ޖަނގިޔަލުގައި ހަރުކޮށްފައި ހުރި ޕެޑެއްގެ މަތީގައި ޓޭޕް އަޅާފައި ކަމަށް މި މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ފަހުދާއާ އެކު، ލ. މާވަށު ފިރިހެނެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވާއިރު، މި މައްސަލަ ފަހުދާގެ މައްޗަށް ސާބިތުވީނަމަ، އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމަކާއެކު މަދުވެގެން އެއް ލައްކަ ރުފިޔާގެ ޖޫރިމަނާއެއް އަންނާނެއެވެ.
ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލިއިރު، ފިރިހެން މީހާގެ މައްޗަށް ހަމަ އެ ދައުވާގެ އިތުރުން ކެނެބިސް ބޭނުން ކުރުމުގެ ދައުވާއެއް ވެސް އުފުލާފައި ވާއިރު، އެ މައްސަލަތައް، ލ. އަތޮޅު ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ދައުލަތުން ހުށަހެޅީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ.
މި މައްސަލަތަކުގެ ޝަރިއަތުގައި، ހައްޔަރު ކުރި ފިރިހެން މީހާ ވަނީ، ފަހުދާގެ ޖަނގިޔަލުގެ ތެރެއިން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ އެއާ ހަވާލުވެފައެވެ. އެގޮތަށް އޭނާ ބުނުމުން، އަންހެން މީހާގެ މައްޗަށް އުފުލި ދައުވާ އިތުރަށް ކުރިއަށް ނުގެންދަން ނިންމައި ދައުލަތުން އެކަން ކޯޓަށް އެންގުމުން، ކޯޓުން ވަނީ އެ މައްސަލަ މިހާރު އަނބުރާ ފޮނުވާލާފައި ކަމަށް މައުލޫމާތު ލިބެއެވެ.
މައްސަލައިގެ އަޑުއެހުންތައް ފެށުމުގެ ކުރިން އެ މައްސަލައެއް އަނބުރާ ގެންދިޔުމުގެ ބާރު ޕްރޮސެކިއުޓާ ޖެނެރަލްއަށް ގާނޫނުން ލިބިގެންވާއިރު، އެ މައްސަލަ އަނބުރާ ގެންދިޔައީ އިބްތިދާއީ އަޑުއެހުންތަކަށްފަހު މައްސަލައިގެ ޝަރީއަތް ފަށަން ގާތްވެފައި އޮއްވައިކަން ވެސް ފާހަގަކޮށްލެވެއެވެ.




