އެމްޑީޕީން ބޭއްވި މުޒާހަރާއެއްގެ ތެރެއިން.- ފޮޓޯ: އެމްޑީޕީ
ބިންތައް އަތުލުން ހުއްޓާލާ، ލާމަރުކަޒީ ގާނޫނަށް އިހުތިރާމްކުރުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފި
"ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސްއަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރަކީ ހިތުހުރިގޮތަކަށް ބޭނުންކުރެވޭނެ ބާރެއްނޫން"
ފިޔެސް 24 ޖުލައި 2026 (ހުކުރު)   23:12
ކައުންސިލްތަކަކީ އަމިއްލައަށް ކަންކަން ރާވައި ހިންގުމުގެ ގާނޫނީ ޖާގައާއި ބާރު ލާމަރުކަޒީ ގާނޫނުން ފަހިކޮށްދީފައިވާ ވަކި ގާނޫނީ ޝަޚުސެއް ކަމަށް ވާއިރު، ކައުންސިލްތަކާ މަޝްވަރާކުރުމެއް ނެތި ރައްޔިތުންގެ ބިންތައް އަތުލުން ހުއްޓާލުމަށާއި ލާމަރުކަޒީ ގާނޫނަށް އިހުތިރާމް ކުރުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފި އެވެ.

އެމްޑީޕީން މިގޮތަށް ގޮވާލީ އައްޑޫ ސިޓީގެ ފޭދޫ އާއި މަރަދޫފޭދޫ މެދަށްވާގޮތަށް އޮންނަ ސަވާހެލި، ޓޫރިމަށް ހާއްސަކޮށްގެން ތަރައްގީ ކުރަން އައްޑޫ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލާފައި ވަނިކޮށް، އެ ރަށް އައްޑޫ ސިޓީގެ އިހުތިސާސުން ވަކިކޮށްފައި ވަނިކޮށެވެ. އެކަން އެގޮތަށްކުރީ މިދިޔަ ބުދަ ދުވަހުގެރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުންނެވެ.

މިކަމާ އައްޑޫ ސިޓީގެ މޭޔަރުގެ އިތުރުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސް ކަނޑައެޅުމުގެ ބާރު ރައީސަށް ލިބިދީފައި ވަނީ ގާނޫނުގައި ކަނޑައަޅާފައިވާ އިންތަކުގެ ތެރެއިން ކަމަށެވެ. އަދި އެ ބާރު ބޭނުންކުރަން ވާނީ އެ ރަށެއްގެ ރައްޔިތުންގެ މަޝްވަރާއާ އެކުގައިކަން ލާމަރުކަޒީ ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް އެ ޕާޓީގެ ބަޔާނުގައި ފާހަގަކުރެއެވެ.

"ރަށެއް ނުވަތަ ސިޓީއެއްގެ ތަރައްޤީ ޕްލޭނާއި ބިނާވެށި ޕްލޭނެއް އެކުލަވާލުމަށްފަހު، އެ ޕްލޭންތަކަށް އެއްވެސް ބަދަލެއް ގެންނަންވާނީ ރައްޔިތުންންގެ މަޝްވަރާއާއި އެކު ކަމަށް ލާމަރުކަޒީ ޤާނޫނުގައި ކަނޑައަޅާފައި އޮތުމުގެ މާނައަކީ، ރަށެއް ނުވަތަ ސިޓީއެއްގެ އިޚްތިސާސްއަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރަކީ ހިތުހުރިގޮތަކަށް ބޭނުންކުރެވޭނެ ބާރެއްނޫންކަމެވެ."

އެމްޑީޕީ ބަޔާނުގައި ބުނީ ކައުންސިލްތަކަކީ ވަކި ގާނޫނީ ޝަޚުސެއްކަމާއި އަމިއްލައަށް ކަންކަން ރާވާ ހިންގޭނޭ ގާނޫނީ ޖާގައާއި ބާރު ކައުންސިލްތަކަށް ފަހި ކޮށްދީފައިވާ ކަމަށެވެ.

"ބޮޑު އަޣުލްބިއްޔަތަކުން އާ ދައުރަކަށް އިންތިޚާބުވި ސިޓީ ކައުންސިލުން، އައްޑޫސިޓީގެ 5 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރަމުންދާ ދަނޑިވަޅެއްގައި، އައްޑޫ ސިޓީ ކައުންސިލާއި، އަދި އައްޑޫ ރައްޔިތުންގެ އެއްވެސް މަޝްވަރާއެއްނެތި އެ ސިޓީގެ އިހުތިސާސްގައިވާ ސަވާހިލި ކައުންސިލްގެ އިޚްތިސާސް އިން ވަކި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ލާމަރުކަޒީ ޤާނޫނުގެ މަޤްސަދާ ސީދާ ޚިލާފަށް، އަދި އައްޑޫ ރައްޔިތުންގެ ނިންމުމާ ކަނޑައެޅިގެން ދެކޮޅަށް، އަދި އައްޑޫ ތަރައްޤީއަށް ހުރަސްއެޅުމަށް ހިންގާފައިވާ ހަޑިހުތުރު އަމަލެއް ކަމުގައި މިޕާޓީން ދެކެމެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެމްޑީޕީން ބުނީ، އައްޑޫ ސިޓީ ކައުންސިލުން ފަސް އަހަރުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، އެއްވެސް މަޝްވަރާއެއް ނެތި ސަވާހެލި ވަކިކުރުމަކީ ލާމަރުކަޒީ ގާނޫނުގެ މަގުސަދާ ޚިލާފު، އަދި އައްޑޫގެ ތަރައްގީއަށް ހުރަސްއެޅުމަށް ހިންގާފައިވާ އަމަލެއް ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ވެރިކަމަށް ތިން އަހަރުވެގެން ދާއިރު އައްޑުއަށް އެދެވޭ ތަރައްގީއެއް ގެނެސްދެވިފައި ނުވާ ކަންވެސް އެ ޕާޓީން ނެރުނު ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އެމްޑީޕީގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ، ރައްޔިތުންގެ ސާފު އަޣުލަބިއްޔަތުން އިންތިޚާބުވެފައި އޮތް އައްޑޫސިޓީ ކައުންސިލުގެ ނިންމުންތަކަށް ސަރުކާރުން ބޯލަނބައި، ލާމަރުކަޒީ ޤާނޫނަށް ފުރިހަމައަށް އިހުތިރާމްކޮށް، ރައްޔިތުން ބޭނުންވާ ލާމަރުކަޒީ ތަރައްޤީ ގެނައުމުގައި، ޑރ. މުއިއްޒުގެ ނާޤާބިލް ސަރުކާރުން ހުރަހަކަށް ނުވުމަށް އެ ޕާޓީން ހަރުއަޑުން ގޮވާލާ ކަމަށެވެ.

ކޮމެންޓް