ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން؛ ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ބުނާގޮތުން ރަށްރަށުގެ ބިމާއި ތަންތަން ކެބިނެޓުން ނިންމުމާއެކު އެރަށެއްގެ މިލްކިއްޔަތުން ވަކިވޭ.-- ފޮޓޯ: ރައީސް އޮފީސް
ރަށްރަށުގެ ބިންތަކާއި ތަންތަން ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލުގެ ބަހެއްނެތި ނެގޭގޮތަށް ހަދަނީ
5 އޯގަސްޓް 2026 (ބުދަ)   08:46
ކައުންސިލުގެ އިހުތިސާސްގައި ހުރި ބިންތަކާއި ތަންތަން ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލުގެ ބަހެއްނެތި ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ލާމަރުކަޒީ ގާނޫނުގެ 2-56 ވަނަ މާއްދާ އިތުރުކުރާ އަކުރެއްގެ ގޮތުގައި ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެތަންތަން ކައުންސިލުގެ އިހުތިސާސުން ވަކި ކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށެވެ. އަދި މިފަދައިން މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލުގެ އިހުތިސާސްގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލިހުން ނިންމުމަށްފަހު އެކަން ކައުންސިލަށް އެންގުމުން އެބިމެއް ނުވަތަ ތަނެއް ކައުންސިލުގެ މިލްކިއްޔަތުން ވަކިވީ ކަމަށެވެ. އެހިސާބުން ދައުލަތުގެ ފުރިހަމަ ބާރުހިނގާ ބިމާއިތަންތަންތަން ކަމަށް ވެގެންދާނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައި ވެއެވެ.

އިސްލާހުގައި އޮތް ގޮތުން އެކަމުގައި ކައުންސިލާ މަޝްވަރާ ކުރުމެއްވެސް ނުވަތަ ކައުންސިލުގެ އެއްވެސް ބަހެއް ބޭނުމެއް ނުވެއެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގައި ހިމަނާފައިވާ އަނެއް ބަދަލަކީ 2-107 ވަނަ މާއްދާ އަށް އަކުރެއް އިތުރުކުރުމެވެ. އެ އިސްލާހުގައި ބުނެފައިވަނީ ރަށެއްގެ ނުވަތަ ސިޓީ އެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިން ވެސް ސަރުކާރުގެ ފަރާތުން ތަރައްގީގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ބިމެއް ހޯދުމަށް އެދޭ ހާލަތުގައި މަޝްރޫއުތަކަށް ބޭނުންވާ ބިން ކައުންސިލުން ގައުމީ އިދާރާ އާ ހަވާލުކުރަން ވާނެ ކަމަށެވެ.

މީގެ އިތުރުން އެ ބިލުގައި ހުށަހަޅާފައިވާ އަނެއް ދެ އިސްލާހުގައި ބުނެފައިވަނީ ކައުންސިލް ނިސްބަތްވާ ސިޓީ ނުވަތަ ރަށުގެ ރައްޔިތުންގެ ޖަމަޢީ މަންފާއަށްޓަކައި ސަރުކާރުން ކުރިއަށްގެންދަން ބޭނުންވާ މަޝްރޫއުތަކަށް ފުރިހަމައަށް އެއްބާރުލުން ދޭންވާނެ ކަމަށާއި އެފަދަ މަޝްރޫއުތަކަސް ހުރަސް އެޅޭފަދަ ނިންމުމެއް ކައުންސިލަށް ނުނިންމޭނެ ކަމަށެވެ.

ބިލުގައި ބުނެފައިވާގޮތުން، މި އިސްލާހުތަކުގެ މަގްސަދަކީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް ކައުންސިލުތަކުގެ ފުރިހަމަ އެއްބާރުލުން ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުމެވެ.

ބިލު ހުށަހަޅުއްވާފައިވަނީ އަމިއްލަ މެންބަރެއްގެ ނަމުގައި މަޖިލީހުގައި ތަމްސީލުކުރައްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރެވެ. އޭނާއަކީ ސަރުކާރުގެ ހުށަހެޅުންތަކަށް އާންމުގޮތެއްގައި ތާއީދުކުރައްވާ މެންބަރެކެވެ. މީޑިއާ ކޮންޓްރޯލްކުރުމަށް ހުށަހަޅައި، މީޑިއާތަކުން ދެކޮޅު ހަދަނިކޮށް ފާސްކުރި ބިލުވެސް ހުށަހެޅުއްވީ ހަންނާނެވެ.

އިއްޔެގެ ތާރީޚްގައި މަޖިލީހުގެ އިދާރާއަށް ހުށަހެޅި މިބިލުގެ ފުރަތަމަ ކިޔުން މިއަދު ހެނދުނު 9:00 ގައި ފެށޭ މަޖިލީހުގެ ޖަލްސާގައި އިއްވުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ކޮމެންޓް