
އައްޑޫ ސިޓީގެ ފޭދޫ ޓޫރިޒަމް ޒޯނާ ދިމާލުން އޮތް ފަޅު ރަށް، ޓޫރިމަށް ހާއްސަކޮށްގެން ތަރައްގީ ކުރަން އައްޑޫ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލާފައި ވަނިކޮށް، އެ ރަށް އައްޑޫ ސިޓީގެ އިހުތިސާސުން ވަކިކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުގެރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުންނެވެ.
އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ޝާހިދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައްޑޫ ސިޓީގެ އިހުތިސާސް އިން ސަވާހެލި ވަކިކޮށް މަރުކަޒީ ސަރުކާރުގެ ބާރުގެ ދަށަށް އެރަށް ގެންދިޔައީ, އައްޑޫ ސިޓީގެ ކައުންސިލުން އެރަށުގައި މުނިފޫހިފިލުވުމާއި ރެކްރިއޭޝަން ފެސިލިޓީއެއް ކުއްޔަށްދީ، ތަރައްޤީކޮށް، ހިންގައި، މެނޭޖްކުރުމަށް ބީލަމަށް ހުޅުވާލިކަން އިޢުލާނުކޮށްފައި ވަނިކޮށް ކަމަށެވެ.
"މި މަޝްރޫޢަކީ އެތައް ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ލިބި، ފަތުރުވެރިކަން ކުރިއަރައި، ޚާއްޞަކޮށް ސަވާހެލި ކުރިމަތިން ފަތުރުވެރިކަމުގެ ޒޯން އޮންނަ ފޭދޫގެ އިތުރުން، އައްޑޫގެ އެހެން ރަށްތަކުގައިވެސް ގެސްޓްހައުސް ވިޔަފާރިއާއި، ކުދި އަދި މެދުފަންތީވެ ވިޔަފާރިތަކުގެ ކުރިއެރުމާއި ގުޅިލާމެހިފައި އޮތް އުއްމީދީ މަޝްރޫޢެއް." ޝާހިދު ވިދާޅުވެފައި ވެއެވެ.
ޝާހިދު ވިދާޅުވެފައިވަނީ އައްޑޫ ސިޓީގެ ރައްޔިތުންގެ މުސްތަޤުބަލާމެދު ގޮތް ނިންމަވަންވާނީ މާލޭގައި ފިނި ކޮޓަރީގައި ތިބޭބަޔެއްނޫން ކަމަށާއި އެސިޓީގެ ރައްޔިތުންގެ އަމިއްލަ މުސްތަޤުބަލު ބައްޓަންކުރާނެ ގޮތް ކަނޑައެޅުމުގެ ޙައްޤު އެސިޓީގެ ރައްޔިތުންނަށް އޮންނަން ވާނެކަމަށެވެ.
ޝާހިދު ވަނީ، އައްޑޫސިޓީގެ ފަތުރުވެރިކަމުގެ މުސްތަޤްބަލާއި ގުޅުން އޮތް ސަވާހެލި އެސިޓީގެ ރައްޔިތުންނާއި މިހިނދުން މިހިނދަށް އަނބުރާ ހަވާލު ކުރުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ.




