ލަންކާ ނޭވީން ކުރިން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް ޑްރަގް.- ފޮޓޯ: ސްރީލަންކާ ނޭވީ
ލަންކާއަށް ޑްރަގް އެތެރެކުރި މައްސަލައެއްގައި ދެ ދިވެހިން ހައްޔަރުކޮށްފި
މަރްޔަމް މުޙައްމަދު 25 ޖުލައި 2026 (ހޮނިހިރު)   07:01
ސްރީލަންކާގެ ކަޓުނަޔަކަ އެއާޕޯޓު (ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓު) މެދުވެރިކޮށް އެ ގައުމަށް މަސްތުވާތަކެތި އެތެރެކުރި ދެ ދިވެހިން، ސްރީލަންކާގެ ޕޮލިސް ނާކޮޓިކް ބިއުރޯ (ޕީއެންބީ) އިން ހައްޔަރުކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ޕީއެންބީން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ލަންކާގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެ މީހުންގެ އަތުން ގާތްގަނޑަކަށް 10 މިލިއަން ސްރީލަންކާ ރުޕީސްގެ އަގުހުރި 'އައިސް' ނުވަތަ ކްރިސްޓަލް މެތު ވަނީ އަތުލައިގަނެފައެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ޖުލައި 22 ވަނަ ދުވަހު ކަޓުނަޔަކަ އެއާޕޯޓަށް ދިވެއްސަކު މަސްތުވާތަކެތި ހިފައިގެން އަންނަ ކަމަށް ޕީއެންބީގެ ޑެޕިއުޓީ ޑިރެކްޓަރަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެންނެވެ.

ސްރީލަންކާގެ ފުލުހުން ބުނި ގޮތުގައި، މާލެއިން ފުރައިގެން ކަޓުނަޔަކަ އެއާޕޯޓަށް 40 އަހަރުގެ ދިވެހި މީހާ ދިޔައީ މެންދުރު 12:15 ހާއިރުއެވެ. އޭނާ އެއާޕޯޓަށް ފޭބުމާއެކު ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް ބަލައި ފާސްކޮށްފައެވެ. މިގޮތުން އޭނާގެ ހަށިގަނޑު ބަލައި ފާސްކުރިއިރު، ފޮރުވައިގެން ގެންދިޔަ 602 ގްރާމްގެ އައިސް ފެނިފައިވެއެވެ. ފުލުހުން ހާމަކުރި ގޮތުގައި، މި މަސްތުވާތަކެތި އޮތީ ދެ ޕެކެޓަކަށް ބަހާލައި، ސެލޯޓޭޕް އަޅައި، ޖަނގިޔަލުގެ ތެރޭގައި ފޮރުވާފައެވެ. މިއީ އެއާޕޯޓުގެ ސެކިއުރިޓީއަށް އޮޅުވާލުމުގެ ގޮތުން އޭނާ ބޭނުންކުރި އުކުޅެއް ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

އެއާޕޯޓުން ހައްޔަރުކުރި މީހާއާ ސުވާލުކުރުމުން، އޭނާ އެ މަސްތުވާތަކެތި ގެނައީ ލަންކާގައި އައިސް ވިއްކައި އުޅޭ މައިގަނޑު ޑީލަރަކާ ހަވާލުކުރުމަށް ކަމަށް ބުނެފައިވާ ކަމަށް ޕީއެންބީން ބުނެއެވެ. މި މައުލޫމާތުގެ މައްޗަށް ބިނާކޮށް، ޖުލައި 22 ވަނަ ދުވަހުގެ ރޭ ކޮލަމްބޯގެ ހޮޓަލަކުން ފުލުހުން ވަނީ އެ ނެޓްވޯކްގެ މައި ޑިސްޓްރިބިއުޓަރު ކަމަށް ތުހުމަތުކުރެވޭ 28 އަހަރުގެ ދިވެހި މީހާ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރި ވަގުތު އޭނާގެ އަތުން 10 ގްރާމް އަދި 670 މިލިގްރާމްގެ އައިސް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި ދެ މީހުންނަކީވެސް ސްރީލަންކާގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކަކާ ގުޅުންހުރި ބައެއް ކަމަށް ފުލުހުން ތުހުމަތުކުރެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެ ދިވެހިން އިއްޔެ ނިގަމްބޯ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި 14 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގު ސްރީލަންކާގެ ޕޮލިސް ނާކޮޓިކް ބިއުރޯއިން މިހާރު ކުރިއަށް އެބަ ގެންދެއެވެ.

ކޮމެންޓް