މަހަރަ ޖަލުގައި ހަމަނުޖެހުން ހިނގުމުން ގައިދީންގެ އާއިލާ މީހުން އެސަހަރައްދަށް އެއްވެފައި.-- ފޮޓޯ: އެމްއޭ ޕުޝްޕާ ކުމަރަ
ލަންކާ ޖަލެއްގައި އަނެއްކާވެސް ހަމަނުޖެހުންތަކެއް ހިނގައި މީހަކު މަރުވެއްޖެ
މަރްޔަމް މުޙައްމަދު 2 އޯގަސްޓް 2026 (އާދީއްތަ)   10:11
ސްރީލަންކާގެ މަހަރަ ޖަލުގައި ހިނގި ހަމަނުޖެހުންތަކެއްގައި ގައިދީއަކު މަރުވެ، ގިނަ ބަޔަކަށް އަނިޔާވެއްޖެ އެވެ.

ހޮސްޕިޓަލާއި ޖަލުގެ މަސްދަރުތަކުގެ މައުލޫމާތުތަކަށް ބިނާކޮށް ލަންކާގެ މީޑިއާތަކުން މައުލޫމާތު ދޭ ގޮތުގައި، ހޮނިހިރު ދުވަހު މަހަރަ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި އެކަކު މަރުވެ، އިތުރު ބަޔަކަށް ވަނީ އަނިޔާވެފައެވެ.

ޚަބަރުތައް ބުނާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ޖަލުގެ އޮފިޝަލުންނާއި ގައިދީންނާ ދެމެދު އުފެދުނު ދެބަސްވުމަކާ ގުޅިގެންނެވެ. އަދި ފަހުން މިކަން ވަނީ ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެފައެވެ. ފުރަތަމަ ލިބުނު ރިޕޯޓްތަކުން އެނގޭ ގޮތުގައި ގައިދީން ވަނީ ޖަލުގެ ގޯތިތެރޭގައި ހަދަމުންދިޔަ ވަގުތީ އިމާރާތެއް ހަލާކުކޮށްލައިގެން، ދަގަނޑު އޮނިގަނޑެއްގެ އެހީގައި ޖަލުން ފިލަން މަސައްކަތް ކޮށްފައެވެ.

ކަމާބެހޭ ފަރާތްތަކުން ބުނީ، މަސްލަހަތު ކޮންޓްރޯލް ކުރުމަށްޓަކައި ޖަލުގެ ދޮރާށި ކައިރީގައި އޮފިސަރުން ބަޑިޖަހާފައިވާ ކަމަށެވެ. އަނިޔާވި ބައެއް ގައިދީން ރާގަމާ ހޮސްޕިޓަލަށް ގެންދެވުނު އިރު، އޭގެ ތެރެއިން އެކަކު ވަނީ ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެފައެވެ. އިތުރު ހަމީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

މީގެ އިތުރުން، ހަމަނުޖެހުމުގެ ތެރޭގައި ގައިދީންގެ ގްރޫޕަކުން ޖަލުގެ އިމާރާތެއްގައި ވަނީ ރޯކޮށްލާފައެވެ. ރޯކޮށްލި އެ އިމާރާތް ވަރަށް ބޮޑަށް އަނދާފައިވާއިރު އެ އިމާރާތަކީ ޖަލުގެ އެންމެ އިސް އޮފިސަރުގެ އޮފީސް ހުންނަ އިމާރާތްކަމަށް ވެއެވެ.

ޖަލާއި ޖަލު ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަން މިހާރު ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން ފުލުހުންނާއި، ސްޕެޝަލް ޓާސްކް ފޯސް ގެ އިތުރުން ސިފައިންނާއި ކަނޑުގެ ސިފައިން ވެސް ވަނީ އަމާންކަން ގާއިމުކުރުމަށް ހަރަކާތްތެރިވާން ފަށާފައެވެ.

ގައިދީންގެ އާއިލާތަކުން ވަނީ ޖަލު ބޭރަށާއި ރާގަމާ ހޮސްޕިޓަލް ކައިރިއަށް އެއްވެ، އެމީހުންގެ އާއިލާގެ މެންބަރުންގެ މައުލޫމާތު ހޯދުމަށް މަސައްކަތް ކޮށްފައެވެ. ޖަލުން ބޭރުގެ ނުތަނަވަސް ހާލަތު ކޮންޓްރޯލް ކުރުމަށް ސިފައިންނާއި ސްޕެޝަލް ޓާސްކް ފޯސް ގެ މުވައްޒަފުން ވަނީ ނެރެފައެވެ. ރޭގެ ވަގުތާ ހަމައަށް ވެސް ޖަލުގެ އެތެރޭގެ ހާލަތު ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ.

މަހަރަ ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ރޭގެ ވަގުތެއްގައި ރާގަމަ ފުލުހުން ވަނީ އެ ސަރަހައްދުގައި ކާފިއު އިއުލާނުކޮށްފައެވެ.

ލަންކާގެ މަހަރަ ޖަލުގައި މި ހާދިސާ ހިނގާފައި މިވަނީ ނިގަމްބޯ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި 21 ގައިދީންނާއި 10 ޖަލު އޮފިޝަލުން މަރުވިތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުންނެވެ.

ކޮމެންޓް