
ތައުލީމީ ނިޒާމަށް އިސްލާހު ގެނައުމަށް ގޮވާލައި ޒުވާނުންނަށް ނިސްބަތްވާ "ކޮކްރޯޗް ޖަންތާ ޕާޓީ" އިން ކުރަމުންދާ އިހުތިޖާޖު ވަނީ ދިގުލައިގެން ގޮސްފައެވެ. ސޯޝަލްމީޑިއާގައި އުފެދިގެން އައި މި ހަރަކާތް ސީދާ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމުގައި އެންމެ އިސްކޮށް ހުރީ އެ ޕާޓީގެ ބާނީ އަބީޖީތު ދިޕްކޭ އެވެ. އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދިނުމަށް ގޮވައިލާ ފެށި މިހަރަކާތަށް އިތުރު ބާރެއް ލިބުނީ، ތިން ހަފުތާ ވަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދިޔަ މަޝްހޫރު އެކްޓިވިސްޓް ސޯނަމް ވަންގްޗުކް (ސޯނަމް ސަރ)، ފުލުހުން ގަދަކަމުން ހޮސްޕިޓަލަށް ގެންދިޔަ ހިސާބުންނެވެ.
އޭގެ ފަހުން މުޒާހަރާ ހޫނުވެ، މުޒާހަރާގެ ބައިވެރިން ވަނީ ގާނޫނުހަދާ މަޖިލިސް ކައިރިއަށް އެއްވާން މަސައްކަތް ކޮށްފައެވެ. މިދިޔަ ހޯމަ ދުވަހުގެ ފަހުން މުޒާހަރާ އިތުރަށް ވަރުގަދަ ވެފައިވާއިރު، ޒުވާނުން ކުރަމުން ދިޔަ އެންމެ ބޮޑު ޑިމާންޑަކީ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދިނުމެވެ.
އިސްތިއުފާ ދެއްވުމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު މިއަދު ވަނީ ސޯޝަލްމީޑިއާ މެދުވެރިކުރައްވައި އޭނާގެ ބަޔާން އާންމު ކުރައްވާފައެވެ.
"އަޅުގަނޑު ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މިހާރު ވާނީ އިސްތިއުފާ ހުށަޅާފައި،" ޕްރަދާން އާންމުކުރެއްވި ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އޭނާގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ މިއީ "މި ހާލަތުގެ ފައިދާ ގައުމާ ދެކޮޅު ފަރާތްތަކުން ނެގިޔަ ނުދިނުމަށާއި، ގައުމީ އެއްބައިވަންތަކަން ދެމިއޮތުމަށާއި، އިންޑިއާގެ ދަރިވަރުން ގާނޫނީ މައްސަލަތަކެއްގެ ތެރެއަށް ނުގޮސް، އެކުދިންގެ ތައުލީމަށާއި މުސްތަގުބަލަށް ސަމާލުކަން ދެވޭނެކަން ކަށަވަރުކުރުމަށްޓަކައި" ނިންމެވި ނިންމެވުމެއް ކަމަށެވެ.
މުޒާހަރާ ހޫނުގެ ގައުމުގެ އެކި ހިސާބުތަކަށް ފެތުރިގެން ދިޔައިރު ވެސް ސަރުކާރުން ޒުވާނުންގެ މުޒާހަރާއަށް މާބޮޑު އަޅާލުމެއް ނުދެ އެވެ. ނަމަވެސް މީގެ ދެ ދުވަސް ކުރިން ބޮޑުވަޒީރު މޯދީ ސޯޝަލް މީޑިއާގައި ދެ ބަޔާނެއް އާންމުކުރެއްވުމަށް ފަހު އިއްޔެ ވަނީ ވަޒީރުންގެ ޓީމަކާއި ޒުވާނުންގެ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި އެއްބަސްވުމަކަށް ނާދެވި މިއަދަށް ވަނީ އިތުރު ބައްދަލުވުމެއް ތާވަލްކޮށްފައެވެ.
މިއަދު އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވިކަމުގެ ޚަބަރާއެކު މުޒާހަރާ ކުރަމުންދިޔަ ޒުވާނުން ވަނީ އުފާ ފާޅުކުރަން ފަށާފައެވެ.
އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވުމުން ނޫނީ މުޒާހަރާ ހުއްޓާނުލާނެ ކަމުގެ އިންޒާރާ އެކު ޒުވާނުންގެ މުޒާހަރާ ވަރުގަދަ ކުރަމުން ދިޔައިރު އިތުރު ޑިމާންޑްތަކެއް ވެސް އެބަހުއްޓެވެ. އެއީ؛
އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދެއްވުމާއި 'ނީޓް' އިމްތިހާނު ލީކުވެ އަލުން އިމްތިހާނު ހަދަން ޖެހުނު މައްސަލައިގެ ތެރޭ ވިއްސަކަށް ދަރިވަރުން މަރުވެފައި ވާއިރު އެއިން ކޮންމެ ކުއްޖެއްގެ އާއިލާއަށް 10 މިލިއަން ރުޕީސް (103,223 ޑޮލަރު) ގެ ބަދަލު ދިނުމަށާއި މުޒާހަރާއާ ގުޅިގެން އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރުމަށް ޒުވާނުން ވަނީ ޑިމާންޑްކޮށްފަ އެވެ.
ޒުވާނުންގެ ހަރަކާތަށް އެންމެ ބޮޑު އެއްބާރުލުމެއްދީ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުން ދިޔަ އުމުރުން 59 ސޯނަމް ސަރ ވެސް އިއްޔެ ވަނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ހުއްޓާލާފައެވެ. އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އޭނާ ހަޅުތާލު ނިންމާލީ ސަރުކާރާ ދެމެދު ކުރެވުނު މަޝްވަރާތަކަކަށްފަހު، މުޒާހަރާކުރާ މީހުންނާ މެދު ގާނޫނީ ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިނުމުންނެވެ. އޭނާ ހޮސްޕިޓަލުގައި އޮތްއިރު އިންޑިއާގެ ސްޓޭޓް މިނިސްޓަރުންނާއި ހެލްތު މިނިސްޓަރު ވަނީ އޭނާގެ ގާތަށް ޒިޔާރަތް ކުރައްވާފަ އެވެ.




