
އެމްއެމްއޭ އިން ބުނި ގޮތުގައި މި ހިދުމަތް ފެށީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާ އެކުގަ އެވެ. މަރުކަޒީ ބޭންކުން ބުނީ މި ދެ ބޭންކުގެ ކަސްޓަމަރުންނަށް އިތުރު އެޕްލިކޭޝަނެއް ބޭނުންކުރުމަކާ ނުލައި، ބޭންކުގެ މޮބައިލް އެޕް ނުވަތަ އިންޓަނެޓް ބޭންކިން މެދުވެރިކޮށް އިންޑިއާގެ ޔޫޕީއައި ބޭނުންކުރާ އެކައުންޓުތަކަށް ސީދާ ފައިސާ ފޮނުވޭނެ ކަމަށެވެ.
މި ނިޒާމުގެ ދަށުން ދިވެހި ރުފިޔާ ނުވަތަ އެމެރިކާ ޑޮލަރުން ފައިސާ ދެއްކުމުން، ފައިސާ ލިބޭ އިންޑިއާގެ ބޭންކު އެކައުންޓަށް އެ ފައިސާ ޖަމާވާނީ އިންޑިއާ ރުޕީސްއިންނެވެ. އެމްއެމްއޭއިން ބުނީ މިއީ ރާއްޖޭގެ ބޭންކް އެކައުންޓަކުން ހަމަ އެ ބޭންކުގެ އެހެން އެކައުންޓަކަށް ފައިސާ ފޮނުވުން ފަދަ ފަސޭހަ އަދި ރައްކާތެރި މުއާމަލާތެއް ކަމަށެވެ.
ފަވަރަ އާއި ޔޫޕީއައި ގުޅާލުމުގެ ހިދުމަތް ފެށީ މިދިޔަ އަހަރުގެ ޖުލައި 24، ގައި އިންޑިއާގެ ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަންގެ ބައިނަލްއަގުވާމީ ގޮފި، އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ފެށި ހިދުމަތެވެ.
މިއީ އެމްއެމްއޭ އާއި ޕޭމަންޓް މޯލްޑިވްސް އާއި ރިޒާވް ބޭންކް އޮފް އިންޑިއާގެ އިތުރުން އެންއައިޕީއެލް އަދި ދެ ގައުމުގެ ކަމާގުޅޭ މާލީ އިދާރާތަކުން ގުޅިގެން ކުރިއަށް ގެންދާ ހިދުމަތެކެވެ. އަދި ރާއްޖެ ވެގެން ގޮސްފައި ވަނީ ނޭޕާލާއި ސިންގަޕޫރަށް ފަހު މި ހިދުމަތް ތައާރަފުކުރެވުނު ތިން ވަނަ ގައުމަށެވެ. މިއީ އަމިއްލަ ޕޭމަންޓް އިންފްރާސްޓްރަކްޗާއެއް ބައިނަލްއަގުވާމީ ނިޒާމާކަށް ގުޅާލެވުނުނު ފުރަތަމަ ފަހަރު ވެސް މެއެވެ.
އެމެމްއޭއިން ވަނީ ކުރިއަށް އޮތް ތަނުގައި މި ހިދުމަތް އިތުރަށް ފުޅާވެގެން ދާނެ ކަމަށް ބުނެފަ އެވެ. މިހާރު ފަށާފައި ވަނީ ފުރަތަމަ ފިޔަވައްސެވެ. މި ފިޔަވަހީގައި ހިމެނެނީ އަމިއްލަ ފަރުދުންގެ މެދުގައި ކުރެވޭ ޕާސަން ޓު ޕާސަން (ޕީ2ޕީ) މުއާމަލާތްތަކެވެ. ދެވަނަ ފިޔަވަހީގައި ކިއުއާރް ކޯޑް ބޭނުންކޮށްގެން ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ ޕަސަން ޓު މަރޗަންޓް (ޕީ2އެމް) ނިޒާމު ތައާރަފުކުރުމުގެ މަޝްވަރާތައް ދަނީ ކުރިއަށެވެ.
މިވަގުތު މި ހިދުމަތް ބޭނުންކުރެވެނީ ހަމައެކަނި ރާއްޖެއިން އިންޑިއާއަށް ފައިސާ ފޮނުވުމަށެވެ. އެމްއެމްއޭއިން ބުނީ އިންޑިއާއިން ރާއްޖެއަށް ފައިސާ ފޮނުވޭނެ ނިޒާމުގެ ޓެސްޓުތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި ބޭރު ފައިސާގެ ގަވާއިދާ އެއްގޮތަށް، މި ހިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވޭނީ ހުއްދަކުރެވިފައިވާ ކަންކަމަށެވެ. އޭގެ ތެރޭގައި ތައުލީމީ ހަރަދުތަކާއި، ދިގު މުއްދަތުގެ މެޑިކަލް ވިސާ އޮންނަ ދިވެހިންގެ ބޭސްފަރުވާގެ ޚަރަދާއި، އާއިލީ ހަރަދުތައް ހިމެނެ އެވެ. ކޮންމެ ކަސްޓަމަރަކަށްވެސް މަހަކު ފޮނުވޭނީ ގިނަވެގެން 24,000 އިންޑިއާ ރުޕީސް (ގާތްގަނޑަކަށް 250 ޑޮލަރު) އެވެ.
މިހާރު މި ގޮތަށް ލިމިޓު އޮތް ނަމަވެސް ބޭންކުތަކުން ބޭނުންވެއްޖެ ހާލަތެއްގައި، މިއަށްވުރެ ކުޑަ ލިމިޓެއް ކަނޑައެޅުމުގެ އިހުތިޔާރު އެ ބޭންކަކަށް ލިބިގެންވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެމްއެމްއޭ އިން ހާމަކުރި ގޮތުގައި، ކުރިއަށް އޮތް ފިޔަވަހިތަކުގައި ވިޔަފާރިތަކަށް ކިއުއާރް މެދުވެރިކޮށް ފައިސާ ދެއްކުމާއި އިތުރު ޑިޖިޓަލް ހިދުމަތްތައް ތައާރަފު ކުރެވި، ދެ ގައުމުގެ މާލީ ގުޅުން އިތުރަށް ވަރުގަދަ ވެގެން ދާނެއެވެ.




