
މަޖިލީހުގައި އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ނަމަވެސް މި ސަރުކާރަށް ތާއީދުކުރައްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުއްހަންނާން އަބޫބަކުރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކައުންސިލުގެ އިހުތިސާސްގައި ހުރި ބިންތަކާއި ތަންތަން ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލުގެ ބަހެއްނެތި ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައި ވާއިރު، އެ އިސްލާހުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ، ލާމަރުކަޒީ ގާނޫނުގެ 2-56 ވަނަ މާއްދާ އިތުރުކުރާ އަކުރެއްގެ ގޮތުގައި ހުށަހަޅާފައިވާ އިސްލާހެވެ.
އެ އިސްލާހުގައި ބުނަނީ، ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެތަންތަން ކައުންސިލުގެ އިހުތިސާސުން ވަކި ކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށެވެ. އަދި މިފަދައިން މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލުގެ އިހުތިސާސްގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލިހުން ނިންމުމަށްފަހު އެކަން ކައުންސިލަށް އެންގުމުން އެބިމެއް ނުވަތަ ތަނެއް ކައުންސިލުގެ މިލްކިއްޔަތުން ވަކިވީ ކަމަށެވެ.
އެހިސާބުން ދައުލަތުގެ ފުރިހަމަ ބާރުހިނގާ ބިމާއިތަންތަންތަން ކަމަށް ވެގެންދާނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައި ވާއިރު، އިސްލާހުގައި އޮތް ގޮތުން އެކަމުގައި ކައުންސިލާ މަޝްވަރާ ކުރުމެއްވެސް ނުވަތަ ކައުންސިލުގެ އެއްވެސް ބަހެއް ވެސް ބޭނުމެއް ނުވެއެވެ.
މިކަމާގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާ ރައީސް ނަޝީދު މިއަދު އެކްސްގައި ވިދާޅުވެފައި ވަނީ، ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން އެ ތިއްބެވީ އެ ބޭފުޅުން އަމިއްލައަށް އެ ބޭފުޅުންގެ ބާރުތައް އުނިކޮށް ރައީސް މުހައްމަދު މުއިއްޒުގެ އަތްޕުޅަށް ހުރިހާ ބާރެއް ދެއްވައިގެން ކަމަށެވެ.
އެހެންކަމުން، މަޖިލީހަށް ފަހު އެ މަނިކުފާނު މިހާރު އުޅުއްވަނީ ކައުންސިލްތަކުގެ ބާރު ކަނޑުވާލަން ކަމަށް ރައީސް ނަޝީދުގެ ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގައި ހިމަނާފައިވާ އަނެއް ބަދަލަކީ 2-107 ވަނަ މާއްދާ އަށް އަކުރެއް އިތުރުކުރުމެވެ. އެ އިސްލާހުގައި ބުނެފައިވަނީ ރަށެއްގެ ނުވަތަ ސިޓީ އެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިން ވެސް ސަރުކާރުގެ ފަރާތުން ތަރައްގީގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ބިމެއް ހޯދުމަށް އެދޭ ހާލަތުގައި މަޝްރޫއުތަކަށް ބޭނުންވާ ބިން ކައުންސިލުން ގައުމީ އިދާރާ އާ ހަވާލުކުރަން ވާނެ ކަމަށެވެ.
މީގެ އިތުރުން އެ ބިލުގައި ހުށަހަޅާފައިވާ އަނެއް ދެ އިސްލާހުގައި ބުނެފައިވަނީ ކައުންސިލް ނިސްބަތްވާ ސިޓީ ނުވަތަ ރަށުގެ ރައްޔިތުންގެ ޖަމަޢީ މަންފާއަށްޓަކައި ސަރުކާރުން ކުރިއަށްގެންދަން ބޭނުންވާ މަޝްރޫއުތަކަށް ފުރިހަމައަށް އެއްބާރުލުން ދޭންވާނެ ކަމަށާއި އެފަދަ މަޝްރޫއުތަކަސް ހުރަސް އެޅޭފަދަ ނިންމުމެއް ކައުންސިލަށް ނުނިންމޭނެ ކަމަށެވެ.
ބިލުގައި ބުނެފައިވާގޮތުން، މި އިސްލާހުތަކުގެ މަގްސަދަކީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް ކައުންސިލުތަކުގެ ފުރިހަމަ އެއްބާރުލުން ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުމެވެ.
ބިލު ހުށަހަޅުއްވާފައިވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރަކީ ސަރުކާރުގެ ހުށަހެޅުންތަކަށް އާންމުގޮތެއްގައި ތާއީދުކުރައްވާ މެންބަރެކެވެ. މީޑިއާ ކޮންޓްރޯލްކުރުމަށް ހުށަހަޅައި، މީޑިއާތަކުން ދެކޮޅު ހަދަނިކޮށް ފާސްކުރި ބިލުވެސް ހުށަހެޅުއްވީ ވެސް ހަންނާނު ކަން ފާހަގަކޮށްލެވެއެވެ.
އިއްޔެގެ ތާރީޚްގައި މަޖިލީހުގެ އިދާރާއަށް ހުށަހެޅި މިބިލުގެ ފުރަތަމަ ކިޔުން މިއަދު ހެނދުނު 9:00 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.
"ކަޅު ހުކުރު" ގެ ގޮތުގައި މަޝްހޫރުވެފައިވާ އޯގަސްޓު 12، ގައި "ދަތިވެއްްޖެ" މި ނަމުގައި މުޒާހަރާއެއް ބާއްވަން އެމްޑީޕީން ނިންމާފައި ވަނީ ތަކެތީގެ އަގު އުފުލުމާއި ރައްޔިތުންނަށް ދިމާވާ އެހެނިހެން ދަތިތަކާ ގުޅިގެން އަޑު އުފުލުމުގެ ގޮތުންކަމަށް އެ ޕާޓީން ބުނެއެވެ.




