އެމްޑީޕީން ބޭއްވި މުޒާހަރާއެއްގެ ތެރެއިން.-- ފޮޓޯ: ފިޔެސް
އޯގަސްޓު 12 ގައި އެމްޑީޕީން މުޒާހަރާ ކުރަން ނިންމައިފި
މަރްޔަމް މުޙައްމަދު 3 އޯގަސްޓް 2026 (ހޯމަ)   06:29
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މި ހިނގާ އޯގަސްޓު 12 ގައި މާލޭގައި މުޒާހަރާ ކުރަން ނިންމައިފި އެވެ.

"ކަޅު ހުކުރު" ގެ ގޮތުގައި މަޝްހޫރުވެފައިވާ އޯގަސްޓު 12، ގައި މުޒާހަރާއެއް ބާއްވަން ނިންމާފައިވާކަން އިއުލާނު ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.

އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، މުޒާހަރާ ކުރުމުގެ ބޭނުމަކީ ތަކެތީގެ އަގު އުފުލުމާއި ރައްޔިތުންނަށް ދިމާވާ އެހެނިހެން ދަތިތަކާ ގުޅިގެން އަޑު އުފުލުން ކަމަށެވެ.

"ކަޅު ހުކުރު ދުވަހާ ގުޅުވައި މުޒާހަރާއެއް ރާވާއިރުގައި އަޅުގަނޑުމެން މި ރާވަނީ ތަކެތީގެ އަގު ބޮޑުވުމާއި ޑޮލަރުގެ އަގު މައްޗަށް ދިޔުމާއި ގޭބީސީތަކަށް، އާއިލާތަކަށް ޖުމްލަކޮށް މި ކުރިމަތިވަމުން އަންނަ ދަތިތަކާ ގުޅޭ ގޮތުން އަޅުގަނޑުމެން އަޑު އުފުލުމުގެ ނިޔަތުގައި،" ނަޝީދު ވިދާޅުވިއެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ތަކެތީގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ސަރުކާރުން އާންމު ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރެއްގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ އަގު ވަނީ އަށް ޕަސެންޓު އުފުލިފަ އެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ނެރޭ އެސެންޝަލް ކޮމޮޑިޓީސް ޕްރައިސް އިންޑެކްސް އިން ދައްކާ ގޮތުގައި އަހަރެއްގެ ތެރޭގައި އެންމެ ބޮޑުވީ ގޭހާއި ތެލުންނެވެ. ކާބޯތަކެއްޗާއި ބެވެރޭޖާސް އާއި ރީތިވާ ސާމާނުގެ އަގުތައް ވެސް ވަނީ އުފުލިފަ އެވެ.

އޭގެ އިތުރުން، ޑޮލަރުގެ ހަރަދު މަދު ނުކުރުމާއި ޑޮލަރުން ލިބޭ އާމްދަނީ އެކަށީގެންވާ މިންވަރަކަށް އިތުރުނުވާތީ ޑޮލަރުގެ އަގު ވެސް ވަނީ ވަރަށް ބޮޑުތަން އުފުލިފަ އެވެ.

"ކަޅުހުކުރު" އަކީ ރައީސް މައުމޫނުގެ ސަރުކާރާ ދެކޮޅަށް 2004 ވަނަ އަހަރު ޖުމްހޫރީ މައިދާނުގައި ބޭއްވި ބޮޑު އެއްވުމެކެވެ. އެ އެއްވުން އަނިޔާވެރިގޮތަކަށް ރޫޅައިލާ ގިނަބަޔަކު ހައްޔަރުކުރިއެވެ. އެ ދުވަސް ފާހަގަ ކުރަން އޭގެ އެއް އަހަރު ފަހުން 2005 ވަނަ އަހަރު، ނަޝީދު އިސްވެ ހުންނަވާ ޖުމްހޫރީމައިދާނަށް އެއްވުމުންވެސް ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލިއެވެ.  

ކޮމެންޓް