
ރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް މިއަދު ފާހަގަ ކުރަމުން އަންނައިރު، މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް ފަށާފައި ވަނީ ފަތިހު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ. އޭގެ ފަހުން މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާ ބާއްވާފައިވަނީ މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ރައީސް ނަޝީދު، އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖަލުގައި އޮންނެވިއިރުވެސް މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ދައުވަތު ދެއްވާ ކަމަށެވެ.
"އަޅުގަނޑު މަދަރުސާއަށް ވަން ފަހުން މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ނުކިޔާ މިއީ ފުރަތަމަ ފަހަރު. ޖަލުގައި އޮތް އިރުވެސް ކިޔާ" ނަޝީދު ވިދާޅުވެފައި ވެއެވެ.
މިއަދު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައާއި ރަސްމީ ޖަލްސާގައި ދައުލަތުގެ ވެރިން ބައިވެރިވެވަޑައިގެންފައި ވެއެވެ. އެހެންނަމަވެސް އެއިން ރަސްމިއްޔާތަކުން ކުރިން ރާއްޖޭގެ ރައީސްކަން ކުރެއްވި އެއްވެސް ބޭފުޅަކު ފެނިފައެއް ނުވެއެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުގައި މިނިވަން ދުވަސް ފަދަ ހާއްސަ ދުވަސްތަކުގެ ރަސްމިއްޔާތުތަކުގައި ކުރީގެ ރައީސުން ބައިވެރިވެވަޑައިގަންނަވައެވެ. ރާއްޖޭގައިވެސް ބައެއް ފަހަރު އެފަދަ ރަސްމިއްޔާތުތަކުން ކުރީގެ ރައީސުން ފެނެއެވެ. މިދިޔަ އަހަރު ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރިގެން މި ސަރުކާރުން އިންތިޒާމުކުރި ރަސްމިއްޔާތުތަކުގައި ރައީސް ނަޝީދު ވެސް ބައިވެރިވެވަޑައިގަތެވެ.
މިއަދުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މުއިއްޒު ވިދާޅުވީ އެމްޑީޕީ ސަރުކާރުތަކަކީ އިޒްރޭލާ ގުޅުން ބަދަހި ސަރުކާރު ތަކެއް ކަމަށެވެ.
މިފަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުތަކުގައި، ކުރީ ފަހަރުތަކާ ހިލާފަށް ބޭރު ގައުމުތަކުގެ ގިނަ އަދަދެއްގެ އޮފިޝަލުން ބައިވެރިވާކަން، މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފާހަގަ ކުރެއްވިއެވެ. އަދި އެއީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ފުރިހަމަ ކަމުން ކަމަށްވެސް ވިދާޅުވިއެވެ.
މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ތެރެއިން ހެވިކަމުގެ ކުޅިވަރުތައް މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވުމުގެ އިތުރުން، އަސްކަރީ ހިނގާލުންވެސް މިރޭ މާލޭގެ މަގުތަކުގައި ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ.




