ޕީއެންއެފްގެ ޖަލްސާއެއްގައި ރައީސް ޔާމީން ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޕީއެންއެފް
ޔާމީނުގެ ވެރިކަމުގައި މުހިންމު ނިންމުން ނިންމި އެއްވެސް ކޮމިޓީއެއްގައި މުއިއްޒު ނުއިންނާނެ
ދައުލަތުގެ ބޮޑެތި ކަންކަމުގައި ރައީސް މުއިއްޒު އިރުޝާދާއި ލަފާދެއްވި ކަމަށް ބުނެ ދައްކާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް – ރައީސް ޔާމީން
ހަސަން އިބްރާހީމް 7 އޯގަސްޓް 2026 (ހުކުރު)   15:27
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެ ސަރުކާރު ހިންގަވާފައި ވަނީ މިހާރުގެ ރައީސް މުޙައްމަދު މުއިއްޒު އެމަނިކުފާނު ހައުސިން މނިސްޓަރުކަމުގައި ހުންނެވެި ދުވަސްވަރު އެ މިނިސްޓްރީގެ ތެރޭގައި ކަމަށާ، ރައީސް ޔާމީން އިންނެވީ ތާސްކުޅުއްވަން ކަމަށް ޕީއެންސީގެ އިސް ބޭފުޅުންތަކެއް ވިދާޅުވާ ވިދާޅުވުމަށް ރައްދުދެއްވާ، ޔާމީނުގެ ވެރިކަމުގައި މުހިންމު ނިންމުން ނިންމި އެއްވެސް ކޮމިޓީއެއްގައި މުއިއްޒު ނީންނަވާނެ ކަމަށް ރައީސް ޔާމީން ރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ޕާޓީ ޕީއެންއެފް އިން ރޭ ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި ބޮޑެތި މަޝްރޫއުތަކުގެ 'ކްރެޑިޓް' މި ސަރުކާރުގެ އިސްވެރިން ނަންގަވަން އުޅުއްވި ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ދައުލަތުގެ މުހިންމު ނިންމުންތައް ނިންމި އިގްތިސާދީ އަދި އިޖުތިމާއީ ކޮމިޓީގައި ވެސް މިހާރުގެ ރައީސް މުހައްމަދު މުއިއްޒު އޭރު ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށެވެ.

އެހެންކަމުން، ދައުލަތުގެ ބޮޑެތި ކަންކަމުގައި ރައީސް މުއިއްޒު އިރުޝާދާއި ލަފާދެއްވި ކަމަށް ބުނެ ދައްކާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ އަރިހުގައި އޭރު ތިއްބެވި ބޭފުޅުންގެ ފެންވަރާއި އިހުލާސްތެރިކަން އެމަނިކުފާނަށް ވުރެ ބޮޑަށް ރައްޔިތުންނަށް ކިޔައިދެވޭނެ އެހެން ބޭފުޅަކު ނުހުންނާނެ ކަމަށެވެ.

އެގޮތުން މި ސަރުކާރުގައި މިހާރު އިސްކޮށް އުޅުއްވާ އަދި އޭރު ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އެމަނިކުފާނަށް ޝަނާކިއުއްވަމުން ޕީޕީއެމްގެ އިސް ސަފުގައި އުޅުއްވުމަށް ފަހު މިހާރު އެމަނިކުފާނަށް ފާޑުވިދާޅުވަމުން އަންނަ ބައެއް ބޭފުޅުންގެ ނަންތައް ގެންނެވިއެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއަށް އިޝާރާތްކުރަވާ ޔާމީން ވިދާޅުވީ، އޭރު ރައީސް އޮފީހުގައި ބަޖެޓުގެ ހިސާބުތައް ޖަހަން ހުންނެވި ބޭފުޅަކީ އަބްދުއްރަހީމް ކަމަށާ، އޭނާ ހުންނެވުމުން ލެޕްޓޮޕެއް ނުވަތަ ކޮމްޕިއުޓަރެއްގެ ބޭނުމެއް ވެސް ޖެހިވަޑައިނުގަންނަވާ ކަމަށެވެ.

ބާރަށުދާއިރާގެ މެންބަރު އަދި ޕީއެންސީގެ އިސް ބޭފުޅެއް ކަމަށްވާ ޝުޖާއުއަށް އިޝާރާތް ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، އޭރުގެ "ހާރިޖީ މުޝީރަކީ" އެބޭފުޅާ ކަމަށާ، އަދި އޭނާއަށް އކިޔައިދޭން އެނގޭނީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކުރެއްވި ވައްކަމުގެ ވާހަކަތައް ކަމަށެވެ.

ރައީސް ޔާމީންގެ ރޭގެ ވާހަކަފުޅުގައި، ޑޮލަރުގެ އަގު އަތްނުފޯރާފަށަށް މައްޗަށް ގޮސް ދިވެހި ރުފިޔާގެ އަގު އިންތިހާއަށް ވެއްޓެމުންއަންނާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ވަނީ ވާހަކަދައްކަވާފައެވެ.

އެގޮތުން، ދިވެހި ރުފިޔާއަކީ މިއަދު ފާހާނައިގައި ބަހައްޓާ ޓިޝޫއަށް ވެސް ނުފުދޭ ވަރުގެ އަގުދަށް އެއްޗަކަށް ވެއްޖެކަމަށް ވިދާޅުވެ، މިއަދު ކަންބޮޑުމަކީ ޑޮލަރު އަގު ބޮޑުވެގެން ކަންބޮޑުވުން ނޫން ކަމަށާ އެކަމުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދިވެހި ރުފިޔާގެ އަގު އިންތިހާއަށް ވެއްޓުން ކަމަށެވެ.

އެގޮތުން މިހާރު ދިވެހި ރުފިޔާގެ އަގު ވެއްޓެމުންދާ މިންވަރަށް ނަޒަރު ހިންގަވާލައްވަމުން ދިވެހި ރުފިޔާއަކީ މިއަދު ފާހާނައިގައި ބަހައްޓާ ޓިޝޫއަށް ވެސް ނުފުދޭ އެއްޗެއް ކަމަށް ވިދާޅުވެ، ސަރުކާރުން ވިޔަފާރިތަކަށް މަޖްބޫރުކޮށްގެން ޑޮލަރު މާރުކުރު ވިޔަސް ހައްލެއް ނުލިބުނުކަމަށާ، ދިވެހި ރުފިޔާ އިރޯޑުވަމުންދާއިރު އެ ސޭވްކޮށް އަތުގައި އިންޓަރެސްޓު ލިބޭ ގޮތަށް ބަހައްޓަން ވެސް ބޭނުންވާނެ މީހަކު ނުހުންނާނެ ކަމަށް ވިދާޅުވިއެވެ.

ދިވެހި ރުފިޔާއަކީ މިތަނުގެ ލީގަލް ޓެންޑަރއަށް ވާއިރު، ދިވެހި ފައިސާގެ އަގު 100 އަކުން 35 އިން ސައްތަ އިރޯޑުވެއްޖެކަމަށާ، އެކަންކަން އެ މަގުން ހިނގަނީ ސަރުކާރުގެ މިސްމެނޭޖުމަންޓުގެ ސަބަބުން ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަކީ ގާނޫނީ ގޮތުން އެމްއެމްއޭގެ އެންމެ މުހިއްމު ޒިންމާކަން އެ އިދާރާއަށް ހަނދާން ކޮށްދެއްވާކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް