
އަހަރުމެން ރަށްވެސް މިހެން އޮންނާނެ ނަމަ އެވެ.
ނަމަވެސް ދެން އެ ކުއްޖާ ބައްޕައާ އެކު ފޮށިތަންމައްޗާ ކުކުޅު މުޅިއެއް ހިފައިގެން ހިނގާފައި ގެއަށް ދާއިރު ފެންނަނީ ބަނދަރުމަތިން ފެނުނު މާލެއެއް ނޫނެވެ. އަޑިގުޑަން މަގުތަކާ ޗަކަފެންގަނޑުތަކާ ޓްރެފިކެވެ. ވެހިކަލްގެ ބަރުގޮނާ އެކު ކުއްޖާ ފާރަށް ހިއްޕާލާ ފަހަރުވެސް ދެއެވެ. މިއަދުވެސް ހާލަތަކީ އެއެވެ.
މި މަންޒަރުތައް ފެނިފައި އެ ކުއްޖާ ބައްޕައަށް ބުނެއެވެ.
އަހަރުމެންގެ ރަށް މާ ރަނގަޅެވެ. މާ ރީއްޗެވެ.
ބައްޕަ އެ ކުއްޖާ މާލޭގެ ގެޔަކަށް ކިޔަވަން ލާފައި އެނބުރި ރަށަށް ދެއެވެ. އެ ގޭގައި އެ ކުއްޖާއަށް ހުންނަން ޖެހުނީ ނޯކަރެއްގެ ގޮތުގައެވެ. ގުލާނުކޮށްދޭށެވެ. ނަމަވެސް ހަމަ އެ ގޭގައި ހުންނަ ރަށެއްގެ އަތޮޅުވެރިއެއްގެ ދަރި އުޅުނީ މާލޭ އިއްޒަތުގައެވެ.
ޔޫސޭގެ ޑްރާމާތައް ބުނެދެނީ އިޖުތިމާއީ ހާލަތުތަކެވެ. ބަޔަކާ ދިމާކުރުމެއް ނޫނެވެ. ނަމަވެސް މާލެއަށް އަންނަ ތަރައްގީ ބުނެދޭން މިއަދު ގިނަ ބަޔަކު ޔޫސޭގެ އިބާރާތް ބޭނުންކުރަނީ ޑްރާމާގައި ބުނެދިން ވާހަކަ ބުނާކަށް ނޫނެވެ.
ނޫހަކުން ކުޅެފަ އޮންނަ އެ އިބާރާތުގެ ވީޑިއޯގައި ބުނަނީ ދެން ރަށަށް ދާން ނުޖެހޭނެ ކަމަށެވެ.
ހުވަދޫން އައި ކުއްޖާއަށް މާލެ ދަސްވީ ބަނދަރުމައްޗަކުން ނޫނެވެ. މާލެތެރެއިންނެވެ. މާލެ ކަޑަވެގެން "ޔޫސޭ" ދިޔައީ ރަށަށެވެ. މާލެއަކީ ތަރައްގީގެ ރަމްޒެއް ނޫނެވެ. އެއީ ސަރުކާރުތަކުން ތައްޔާރުކުރި ޑިޒާސްޓާރ އެކެވެ.




