
މާލެ ސިޓީ ކައުންސިލުން މިއަދު މީޑިއާ އަށް މައުލޫމާތު ދީފައިވާ ގޮތުގައި، މާލެ ސަރަހައްދުގައި ކުނި ގިނަވަމުންދާ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ޓަކައި މާލެ ސިޓީ ކައުންސިލްގެ 11 ކައުންސިލަރަކު މިއަދު ވަނީ ވެމްކޯ އަށް ޒިޔާރަތްކޮށްފައެވެ.
ކައުންސިލަރުން ވެމްކޯއަށް ޒިޔާރަތްކޮށްފައި މިވަނީ، މި ހިނގާ ޖުލައި މަހުގެ 19 ވަނަ ދުވަހުގެ އިރާކޮޅު ތިލަފުށީ ކުނި މެނޭޖުކުރާ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލޭގެ މަގުތަކާއި މައިޒާންތަކުގައި ކުނި ގިނަވަމުންދާތީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ކަމަށާ، އަދި ހަމަ އެހެންމެ، މާލޭގެ މަގުތަކުން ނަގާ ކުނިތަކާއި، ޕާކުތަކާއި މައިޒާންތަކުގައި އުފެދޭ ކުނި އުކާލެވޭނެ ދާއިމީ ނިޒާމެއް މި ވަގުތު ނެތުމުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި ވުމާ ވެސް އެކުގައި އެކަމުގެ ކަންބޮޑުވުންތައް ހިއްސާކުރުމުގެ ގޮތުންކަމަށް އެ ކައުންސިލުން ބުނެއެވެ.
އެގޮތުން، މާލޭގެ މަގުތަކުން ނަގާ ކުނިތަކާއި، ޕާކުތަކާއި މައިޒާންތަކުގައި އުފެދޭ ކުނި އުކާލެވޭނެ ދާއިމީ ނިޒާމެއް މި ވަގުތު ނެތުމުން ކައުންސިލުން މިހާރު ކުނި އަޅަން ބޭނުންކުރާ ސަރަހައްދުތރައް ފުރިފައިވާ ކަމަށާ، ތިލަފުއްޓަށް ކުނި ނުގެންދެވޭތާ މިހާރު 10 ވަރަކަށް ދުވަސް ވެފައިވާ ކަމަށް ވެސް މާލެ ސިޓީ ކައުންސިލުން ފާހަގަ ކޮށްފައި ވެއެވެ.
މާލެ ސަރަހައްދުގައި ކުނި ގިނަވާ މައްސަލައިގައި ކައުންސިލަރުން ވެމްކޯއަށް ގޮސްމިކަމާ ގުޅިގެން ކައުންސިލަރުންނާ ބައްދަލުކުރައްވައި ވެމްކޯގެ އެޗްއާރު ޖެނެރަލް މެނޭޖަރ މުހައްމަދު ޝާން ވިދާޅުވީ، ތިލަފުށީ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ޖެހުމުން، މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ޓްރާންސްފާ ފެސިލިޓީތަކުގެ އޮޕަރޭޝަންތަކަށް ބުރޫއަރައިފައިވާ ކަމަށާ، އެކަމުގެ ސަބަބުން ދުވަހުން ދުވަހަށް ދެމުން އަންނަ ކުނިއުކުމުގެ ހަދުމަތްތަކަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ޝާން އާ ހަވާލާދީ ކައުންސިލުން ބުންޏެވެ.
ކައުންސިލަރުންގެ ކަންބޮޑުވުންތަކަށް ޖަވާބުދެމުން ޝާން ވިދާޅުވީ، ކުންފުނީގެ މެނޭޖިން ޑިރެކްޓަރާ މަޝްވަރާކޮށްގެން މި ކަމަށް އަވަސް ހައްލެއް ހޯދައިދޭނެ ކަމަށެވެ. އަދި މި ހަފްތާ ނިމުމުގެ ކުރިން ތިލަފުށީގެ ކުނި އަޅާ ސައިޓް އަލުން އޮޕަރޭޝަނަށް ގެނެސް، ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާކަމުގެ ޔަގީންކަން ޝާން ދެއްވި ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެއެވެ.
މި ކަމަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ މާލެ ތެރޭގައި ކުނި ގިނަވެ، އާންމު ސިއްހީ ބޮޑު މައްސަލައަކަށް މި ކަން ބަދަލުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށާ، އެހެންކަމުން، ވެމްކޯއިން ކަނޑައަޅާފައިވާ މުއްދަތުގެތެރޭގައި މައްސަލަ ހައްލު ނުވެއްޖެނަމަ، އަލުން ވެމްކޯއަށް ދާން ކައުންސިލަރުން މިއަދު ނިންމައިފައިވާ ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.
އަދި މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވެސް ވަނީ މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ މިއަދު ސޯޝަލް މީޑިއާގައި ޕޯސްޓް ކުރައްވާފައި ކަން ވެސް ފާހަގަކޮށްލެވެއެވެ.




