މާލޭ ބޮޑުތަކުރުފާނު މަގުން އަލަށް ހެދި ބައި، މިހާރު މިބައި ވަނީ އާންމުންނަށް ހުޅުވާލާފައި.-- ފޮޓޯ: އެމްޓީސީސީ
ބޮޑުތަކުރުފާނު މަގުން އަލަށް ހެދި ބައި ހުޅުވާލައިފި
މަރްޔަމް މުޙައްމަދު 24 ޖުލައި 2026 (ހުކުރު)   19:53
މާލޭގެ ބޮޑުތަކުރުފާނު މަގުގައި ޒަމާނީ ފެންވަރަށް ފަހުން ހެދި ބައި އާންމުންނަށް ހުޅުވާލައިފި އެވެ.

މި ފަހުން މި މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ފަށައިގެން ރަސްމީ ފާލަމާ ހަމައަށް ފަޅުތެރެއިން ބައެއް ހިއްކައި، މަގު ހަތަރު ލޭނަށް ފުޅާކޮށް ތާރު އަޅައި ވަނީ ނިންމާފައެވެ.

އެންމެ ޒަމާނީ ފެންވަރަށް އަދި ވަރަށް ޗާލުކޮށް ހަދާފައިވާ އެ މަގުގެ ހެންވޭރު ޓާމިނަލުން ފެށިގެން އެމްއެމްއެމްއޭއާ ހަމައަށް ހެދި ބައި މިއަދު ހަވީރުން ފެށިގެން ވަނީ އާންމުކޮށް ހުޅުވާލާފައެވެ.

ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އެމްއެމްއެމްއޭއާ ހަމައަށް ހެދި ބައި ހުޅުވާލިއިރު، ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އެ މަގުގައި މިހާތަނަށް 3،100 އަށް ވުރެ ގިނަ ގަސް އިންދާފައިވާ ކަމަށް ވެސް މަގު ހެދި އެމްޓީސީސީން ބުނެފައި ވެއެވެ.

ބައެއް މިނިސްޓްރީތަކާއި ދައުލަތުގެ ބައެއް ކުންފުނިތައް ގުޅިގެން، ބޮޑުތަކުރުފާނު މަގުގައި އަލަށް ހެދި ބައިގައި އިއްޔެ ހަވީރު ވެސް ވަނީ ގަސް އިންދާފައެވެ.

ބޮޑުތަކުރުފާނު މަގު ފެހިކުރުމުގެ ތެރެއިން އެންމެ ފާހަގަކުރެވޭ އެއް ކަމަކީ އެ މަގުގައި އަލަށް ހެދި ސަރަހައްދުގައި ދިވެހި ރުއް އިންދާފައި ވުމެވެ. ރައީސް އޮފީސް ކުރިމަތިން އޮތް ސަރަހައްދުގައި ދިވެހި ރުއް އިއްޔެ އިންދާފައިވާއިރު އެކަމަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.

އެމްޓީސީސީން ބުނީ، ބޮޑުތަކުރުފާނު މަގުގެ އުތުރުފަރާތުގައި ޒަމާނީ ފެންވަރަށް އަލަށް ހެދި ބައިގެ އެއްގަމުތޮށި ކައިރީގައި ދިވެހި ރުކުގެ އިތުރުން ހޭޅިފަށުގައި ހެދޭ ޒާތުގެ ގަސްތަކާއި ރީތި ބަގީޗާ މާގަސްތަކުން ޒީނަންތެރި ކޮށްފައިވާ ކަމަށެވެ.

ބޮޑުތަކުރުފާނު މަގު އަލަށް ހެދުމުގެ މަޝްރޫއުގެ ދަށުން ނޯތު ހާބަރު ސަރަހައްދުން ފެށިގެން ރަސްމީ ފާލަމާ ދެމެދު ތާރު އަޅައިގެން މަގު އަލުން ހަދައި ހުޅުވީ ފަޅުތެރެއިން ބައެއް ހިއްކައި، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށްފަ އެވެ. ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ފަށައިގެން ރަސްމީ ފާލަމާ ހަމައަށް ފަޅުތެރެއިން ބައެއް ހިއްކައި، މަގު ފުޅާކޮށް ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށީ މީގެ ތިން މަހެއްހާ ދުވަސް ކުރިންނެވެ.

ބޮޑުތަކުރުފާނު މަގުން ޒަމާނީ ފެންވަރަށް ހެދި ބައިގައި ޕާކްކުރުން މަނާކޮށްފައިވާއިރު، ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި ވަނީ 500 ޖާގައިގެ ޕާކިން ޒޯނެއް ހަދާފައެވެ. އެ ތަނުގައި އެއްފަހަރާ 500 ސައިކަލް ޕާކް ކުރެވޭނެއެވެ.

މަގު މި ސަރަހައްދު ތަރައްގީކޮށް ނިމުމާ އެކު، އެމްޓީސީސީން ދެން މަސައްކަތް ފަށާނީ ބޮޑުތަކުރުފާނު މަގުގައި އެންމެ ބޮޑަށް ހަލާކުވެފައިވާ ސަރަހައްދު ކަމަށްވާ ނޯތު ހާބަރުން ފެށިގެން ރަސްފަންނާ ހަމައަށް އޮތް ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީ ކުރާށެވެ. އެ މަސައްކަތާ ގުޅޭ ޑިޒައިން ކަންކަން މިހާރު ވަނީ ފަށައިފަ އެވެ.

ކޮމެންޓް