
އޭޝިއަން ޑިވެލޮޕްމެންޓް އައުޓްލުކްގެ ނަމުގައި، އޭޑީބީން އޭޝިއާގެ އިގުތިސާދުތަކަށް އަންނާނެ ބަދަލުތައް ލަފާކޮށް ނެރޭ ނެރޭ ރިޕޯޓުތަކުގެ ތެރެއިން މި މަހުގެ ރިޕޯޓު އިއްޔެ ނެރެފައި ވާއިރު، އެ ރިޕޯޓަކީ އޭޕްރިލް މަހު ނެރުނު ރިޕޯޓާ އަޅައިކިޔައި، ހަނގުރާމަ ކުރިން ލަފާކުރި ވަރަށްވުރެ ދިގުދެމިގެންދާތީ އިގުތިސާދީ އަންދާޒާތަކަށް ބަދަލު ގެނެސްފައިވާ ރިޕޯޓެކެވެ.
އޭރު ނެރުނު ރިޕޯޓުގައި، މި އަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ހުންނާނީ އެންމެ 1.0 އިންސައްތައިގައި ކަމަށް އޭޑީބީ އިން ލަފާކޮށްފައި ވާއިރު، އެއީ މިދިޔަ އަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާފައިވާ 6.3 އިންސައްތައާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެއް ކަން ފާހަގަކޮށްލެވެއެވެ.
އެ ރިޕޯޓުގައި، ރާއްޖޭގައި ތަކެއްޗާއި ހިދުމަތުގެ އަގުތައް ނުވަތަ ރާއްޖޭގެ އިންފްލޭޝަން ރޭޓު 5.0 އިންސައްތައަށް އުފުލޭނެ ކަމަށް ވާއިރު، އަންނަ އަހަރަށް ލަފާކޮށްފައިވާ އަދަދުތައް މި ރިޕޯޓުގައި ވެސް އޭޑީބީން އެއްވަރެއްގައި ދަމަހައްޓައިފައިވާ ކަން ފާހަގަކޮށްލެވެއެވެ.
އަދި މި ސަރަހައްދުގައި ތަކެތީގެ އަގު އުފުލޭ މިންވަރު ފަސް އިންސައްތައަށް އަރާނެ ކަމަށް އޭޕްރިލް މަހުގެ ރިޕޯޓުގައި އޮތް ނަމަވެސް، މިހާރު އެ އަދަދު ވަނީ 5.7 އިންސައްތައަށް ބޮޑުކޮށްފައިކަން ވެސް ފާހަގަކޮށްލެވެއެވެ.
ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ އިގުތިސާދީ ދުވެލި ދަށްވާނެ ކަމަށް އޭޕްރިލް މަހުގައި ލަފާކުރި އަދަދަށްވުރެ އިތުރަށް ދަށްވާނެ ކަމަށް އޭޑީބީން މިހާރު ލަފާކޮށްފައި ވާއިރު، މި ސަަރަހައްދުގައި ތަކެތީގެ އަގު އުފުލެނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލާއި ދަތުރުފަތުރާއި ކާބޯތަކެތީގެ އަގު އުފުލޭތީކަން އޭޑީބީން ފާހަގަކުރެއެވެ.
އަދި ރާއްޖެއަކީ ތެލާއި އެހެނިހެން މުދަލުގެ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމެއް ކަމަށްވާއިރު، އަހަރުގެ ފުރަތަމަ މަސްތަކުގެ ތެރޭގައި ތަކެތީގެ އަގުތައް ކޮންމެވެސް މިންވަރަކަށް ހިފެހެއްޓިފައި ހުރުމަށް ފަހު، އަހަރުގެ ބާކީ ބައިގައި އަގުތައް އުފުލޭނެ ކަމަށް ވެސް އޭޑީބީން ލަފާކުރެއެވެ.




