ފިނޭންސް މިނިސްޓަރު ޒަރީރު (ކ) އާއި އެކައުންޓަންޓް ޖެނެރަލް އާދާޒު (މ) - ފޮޓޯ: ފިނޭންސް މިނިސްޓްރީ
ކައުންސިލުތަކުގެ ބްލޮކު ގްރާންޓަކީ އަންނަ އަހަރު ވެސް 2.4 ބިލިޔަން
މި އަދަދަކީ މި އަހަރަށް ކަނޑައެޅި އަދަދާ ވެސް ދާދި އެއްވަރުގެ އަދަދެއް
މަރްޔަމް މުޙައްމަދު 28 ޖުލައި 2026 (އަންގާރަ)   17:06
ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުން ދޭ ހިލޭ އެހީއަކީ މި އަހަރުގެ ބަޖެޓުގައި ވެސް އެކަމަށް ކަނޑައެޅި އަދަދާ ދާދި އެއްވަރު އަދަދެއް ކަމަށްވާ 2.4 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

2027 އިން 2029 އަށް، ނުވަތަ ކުރިއަށް އޮތް ތިން އަހަރަށް، ލަފާކުރާ ކައުންސިލުތަކުގެ މެދުރާސްތާގެ ބަޖެޓުގެ މައުލޫމާތު ހިއްސާކުރަން އަންގާ ނެރުނު ސާކިއުލާގައި މި އަދަދު އެ މިނިސްޓްރީން އިއުލާންކޮށްފައި ވާއިރު، ސަރުކާރުން ދޭ ހިލޭ އެހީގެ އިތުރުން ކައުންސިލަށް ވަންނަ އާމްދަނީ އާއި ހަރަދުތައް އެނގޭނެ މައުލޫމާތު ވެސް ހިއްސާކުރުމަށް ފިނޭންސުން ވަނީ އެ ސާކިއުލާގައި އަންގާފައެވެ.

ބްލޮކް ގްރާންޓުގެ އިތުރުން  ކޮންޑިޝަނަލް ގްރާންޓާއި ކައުުންސިލުތަކުގެ ޓްރަސްޓް ފަންޑާއި ކައުންސިލުތަކަށް ލިބޭ އިތުރު އާމްދަނީ ވެސް ކައުންސިލުތަކުގެ ބަޖެޓުގެ ތެރޭގައި ހިމެނޭއިރު، ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭނެ ކަމަށް ކުރިން އަންދާޒާ ކުރި އަދަދަށް ވުރެ މަދުން ލިބޭ ހަމައެކަނި ކައުންސިލަކީ އައްޑޫ ސިޓީ ކައުންސިލް ކަން ފާހަގަކޮށްލެވެއެވެ.

ސަބަބަކީ އެންމެ ފަހުން ކައުންސިލުތައް އިންތިހާބުކުރިއިރު އެ ސިޓީ ކައުންސިލުގެ އިދާރީ ދާއިރާގެ ތެރެއިން ހުޅުދޫ އާއި މީދޫ ވަކިވެފައިވާތީކަމަށް ބެލެވެއެވެ.

އާމްދަނީގެ ގޮތުގައި ލިބޭ އަދަދުގެ ފަސް ޕަސެންޓާއި ރިސޯޓު ރަށްތަކުގެ ބިމު ކުލިން ލިބޭ 40 ޕަސެންޓު ވެސް ހިމަނައިގެން ބްލޮކް ގްރާންޓުގެ ގޮތުގައި ބަޖެޓުކުރާ އަދަދު ހިސާބުކުރާއިރު، އެ ފައިސާ ކައުންސިލުތަކުގެ މެދުގައި ބަހަން ބޭނުންކުރާ ފޯމިއުލާގައި ބަލަނީ ރަށުގެ އާބާދީ އާއި ރަށުގެ ބޮޑުމިނާއި މާލެއާ ހުރި ދުރުމިނާއި އެލްޖީއޭއިން ދޭ ޕާފޯމަންސް ރިވިއުކަމަށް ފިނޭންސުން ބުނެއެވެ.

ކޮމެންޓް