އެލްޖީއޭގެ ބައްދަލުވުމެއްގެ ތެރެއިން.-- ފޮޓޯ: އެލްޖީއޭ
އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން ހޮވާ އިންތިހާބު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި
ހަސަން އިބްރާހީމް 4 އޯގަސްޓް 2026 (އަންގާރަ)   21:23
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި އެވެ.

އެލްޖީއޭއިން މިރޭ އާންމުކުރި ނޫސްބަޔާނެއްގައި ބުނީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިހާބު މުއްދަތެއް ނެތްގޮތަށް ފަސްކުރަން ނިންމީ އިންތިހާބާ ގުޅިގެން ކުރަންޖެހޭ މުހިއްމު މަސައްކަތްތައް ނިމިފައި ނުވާތީ ކަމަށެވެ.

"2026 އޮގަސްޓް 8 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާ ވާހަކަ ދަންނަވަން،" އެލްޖީއޭއިން ބުނެފައި ވެއެވެ.

އެލްޖީއޭއިން ހުޅުވާލީ އެ އޮތޯރިޓީގެ ބޯޑަށް ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރަކު އިންތިހާބު ކުރުމަށެވެ.

އެލްޖީއޭގެ ބޯޑަށް މެންބަރަކު އިންތިހާބުކުރަން ބާއްވާ އިންތިހާބުގައި އެމްޑީޕީން ވާދަކުރަނީ ނ.މަނަދޫ ކައުންސިލްގެ ރައީސް އަލީ ޒާފިރު އަދި ލ.ގަމު ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ނީނާ އެވެ. ޕީއެންސީން ވާދަކުރަނީ ފ.ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު އާއި ށ.ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާ އެވެ.

މީގެއިތުރުން އެލްޖީއޭގެ އިންތިހާބުގައި ސިޓީ ކައުންސިލުގެ ތެރެއިން ވާދަކުރައްވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެވެ. އޭނާއާ ދެކޮޅަށް އެއްވެސް ބޭފުޅަކު ކުރިމަތިނުލައްވަ އެވެ.

އެލްޖީއޭގެ ބޯޑުގައި މިހާރު ހިމެނެނީ އެ ބޯޑުގެ ރައީސް، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު، ނައިބުރައީސް ފާތިމަތު ނިއުމާ، ސީއީއޯ މުހައްމަދު ނިމާލު، ބޯޑު މެންބަރު ފާތިމަތު ޒީނާ އަލީ، ބޯޑު މެންބަރު މުހައްމަދު އާޒާދު އަދި ބޯޑު މެންބަރު އަޒްހާ ޒަމީރު އެވެ.

ކޮމެންޓް