ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ ނ. މާވެލާވަރު.- ފޮަޓޯ: ފިޔެސް
ނ. މާވެލާވަރު 111.6 މިލިޔަން ޑޮލަރަށް ވިއްކާލަނީ
މާވެލާވަރު ވަނީ އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އެސްބީއައި އިން ދޫކޮށްފައިވާ ލޯނަކަށް ރަހުނުކޮށްފައި
ހަސަން އިބްރާހީމް 28 ޖުލައި 2026 (އަންގާރަ)   21:44
އެސްބީއައި (ސްޓޭޓް ބޭންކް އޮފް އިންޑިއާ) އިން ނަގާފައިވާ ލޯނަކަށް ރަހުނުކޮށްފައިވާތީ، އެ ލޯނު ނުދެއްކުމުން ނ. މާވެލާވަރު، 111.6 މިލިއަން އެމެރިކާ ޑޮލަރަށް ނީލަމުގައި ވިއްކާލުމަށް އެސްބީއައި އިން އިއުލާންކޮށްފިއެވެ.

މި ރަށް ވިއްކާލުމުގެ ހުއްދަ އެސްބީއައި މާލެ ބްރާންޗަށް ލިބިފައިވަނީ، އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އެ ބޭންކުން ދޫކޮށްފައިވާ  ލޯނެއް ނުދައްކައިގެން ސިވިލް ކޯޓަށް ހުށަހެޅުނު ގަޒިއްޔާއަކާ ގުޅިގެން އެ ކޯޓުން ކޮށްފައިވާ ހުކުމަކާ ގުޅިގެންނެވެ.

21 ޖޫން 2026 ގައި ކޯޓުގެ ހުކުމް އިއްވާފައި ވާއިރު، އެ ރަށް ވިއްކާލުމުގެ ނީލަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 23 ޖުލައި 2026 އިން ފެށިގެން 09 އޯގަސްޓު 2026 އާ ދެމެދު އެ ބޭންކުގެ މާލެ ބްރާންޗުގައި ކަމަށް އެސްބީއައި އިން ބުނެއެވެ.

އެގޮތުން، ނ. މާވެލާވަރުގެ ހެޑްލީސް ރައިޓްސްއާއި، އެރަށުގައި ހުރި އެންމެހައި އިމާރާތްތަކާއި، ބިނާތަކާއި، ހިދުމަތްދޭ ވަސީލަތްތަކުގެ އިތުރުން މެޝިނަރީތަކާއި، ފަރުނީޗަރާއި، މަސައްކަތު ސާމާނުގެ އަދި ކައްކާ ކާބޯތަކެތި ކެއުމަށް ބޭނުންކުރާ ތަށި، ތެލި، ސަމްސާ ފަދަ އެންމެހައި ތަކެތި ހިމެނޭ ގޮތަށް މި ނީލަމުގެ ދަށުން "އޭޒް އިޒްވެއަރ އިޒް" އުސޫލުން ވިއްކާލުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެސްބީއައި އިން ބުނެއެވެ.

މި ހުރިހާ ތަކެތީގެ ނީލަން ފެށޭ އަގަކީ 111,600,000.00 (ސަތޭކަ އެގާރަ މިލިޔަންން ހަލައްކަ) އެމެރިކާ ޑޮލަރު ކަމަށް ވާއިރު، މި ނީލަމުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ގޮތުގައި އެސްބީއައި އިން ކަނޑައަޅާފައި ވަނީ، ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފަސްލައްކަ އެމެރިކާ ޑޮލަރުގެ ޑިޕޮސިޓެއް ބޭންކަށް ދައްކަންޖެހޭނެ ކަމަށެވެ.

ނީލަން ކާމިޔާބުކުރާ ފަރާތުން ރަށް ގަތުމަށް ހުށަހެޅި އަގުގެ ތެރޭގައި އެފަރާތުގެ ޑިޕޮސިޓް ހިމެނިގެންދާނެކަމަށާ، އެހެން ނަމަވެސް ނީލަން ކާމިޔާބުކޮށް، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ އެ ޑިޕޮސިޓް ފައިސާ ބޭންކަށް ނެގޭނެ ކަމަށް ވެސް އެސްބީއައި އިން ބުނެއެވެ.

ނީލަން ކާމިޔާބުކުރާ ފަރާތުން ފައިސާ ދެއްކުމަށް އެކުލަވާލާފައިވާ ތަރުތީބަކީ، 15 ދުވަހުގެ ތެރޭގައި 10 މިލިޔަން ޑޮލަރު އަދި ބާކީވާ ފައިސާ 60 ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމެވެ.

އެގޮތުގެމަތިން، 15 ދުވަހުގެ ތެރޭގައި ފުރަތަމަ ޕޭމަންޓު ނުދައްކައިފިނަމަ، ދެން އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ނީލަން ބަދަލުވާގޮތަށް ހަމަޖައްސާފައިވާކަން ފާހަގަކޮށް އެސްބީއައި އިން ހާމަކޮށްފައިވާ ގޮތުގައި، މި ނީލަމުން ލިބޭ ފައިސާގެ ތެރެއިން ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި އެހެނިހެން ހަރަދުތައް ކެނޑުމަށްފަހު ބާކީވާ ފައިސާއެއް ވާނަމަ ލޯނު ނެގި ފަރާތަށް އެ ފައިސާ ދެވޭނެއެވެ.

ނީލަން ހުށަހަޅާ ސިޓީއުރަތައް ކެނޑުމަށް ހަމަޖެހިފައިވަނީ، 09 އޯގަސްޓު 2026 ގެ ހަވީރު 5:00 ގައެވެ. އަދި މި އުރަތަށް ކަނޑާނީ ބޭންކުގެ ފަސް އޮފިސަރުންގެ ކޮމިޓީއެއްގެ ކުރިމަތީގައި ކަމަށްވާއިރު، ދެ ފަރާތަކުން އެއްވަރަށް އަގު ހުށަހަޅައިފިނަމަ، އިތުރު 50,000 ޑޮލަރު މަތިކުރުމުގެ ފުރުސަތު އެ ފަރާތްތަކަށް އެ ވަގުތު އެރުވޭނެ ކަމަށް ވެސް އެސްބީއައި އިން ހާމަކޮށްފައި ވެއެވެ.

ކޮމެންޓް